29 މާރިޗު 2023 - 14:08 1
މުހައްމަދު އުޝާމް
29 މާރިޗު 2023 - 14:08 1
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އައްޔަންކުރަން ނިންމައިފި އެވެ.
އިބްރާހީމް އެ މަގާމަށް އައްޔަންކޮށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ވަނީ ބާއްވައިފަ އެވެ. މަގާމުގެ ފަތްކޮޅު އަރުވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިބްރާހިމް ވަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗެއާމަންކަން ހިމެނެ އެވެ.
މި ސަރުކާރުގައި ފެނެކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
އިބުރޭ އެ މަގާމަށް އައްޔަންކޮށްފައި މި ވަނީ، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެ އެވެ. އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ މައްސަލަ ހާމައަށް ފާޅުވީ ޕްރައިމަރީއަށް ފަހު އެވެ. ޕްރައިމަރީގައި ވެސް ޝިއްޕެގެ ތާއިދު އޮތީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދަށެވެ.
ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ އެވެ.
ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވިއިރު ނަޝީދާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެނެވެ.
އެ ފެކްޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ޝިއްޕެ އެވެ. ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވައިގެން ރައީސް ސޯލިހަށް ތާއީދު ނުކޮށް އެހެން ކެންޑިޑޭޓަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އާންމު މެމްބަރުންގެ ފާޑުކިޔުން ވެސް ޝިއްޕެއަށް އޮތީ އަމާޒުވެފަ އެވެ.
Comment