29 މާރިޗު 2023 - 06:01 0
މި އަހަރުގެ ފެބްރުއަރީ މަހު މޮރޮކޯގައި ކުރިއަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލީ ރެއާލް މެޑްރިޑުން.
29 މާރިޗު 2023 - 06:01 0
ޒިއުރިކް، ސްވިޒަލެންޑް (މާޗް 29) - ގިނަ އަހަރުތަކެއްގެ މަޝްވަރާ އަށް ފަހު ފީފާ އިން މިދިޔަ ޑިސެމްބަރު މަހު ފައިނަލް ކުރި 32 ޓީމު ކުޅޭ ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓާ މެދު އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ޔޫރަޕް ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން އެ ފޯމެޓް ބަލައިގަންނަން ނިންމައިފި އެވެ.
އެ ގޮތުން، 2025 ވަނަ އަހަރު ފަށަން ނިންމާފައިވާ ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓްގެ ފުރަތަމަ މުބާރާތުގައި ޔޫރަޕުން 12 ޓީމު ކުޅޭނެ އެވެ. ކުރިން ކޮންފެޑަރޭޝަން ކަޕް ބާއްވަމުން އައި ގޮތަށް، ވޯލްޑް ކަޕްގެ އެއް އަހަރު ކުރިން ކްލަބްތަކުގެ ވޯލްޑް ކަޕެއް ކުޅޭ ގޮތަށް ފީފާ އިން ނިންމުމުން، އެންމެ ފުރަތަމަ ޔޫރަޕްގެ މަޝްހޫރު ލީގުތަކުގެ ބޯޑުން އެ ނިންމުމަށް ފާޑުކިޔެވެ.
އެކަމަކު، އީސީއޭ އިން ވަނީ ފީފާގެ އެ ފޯމެޓް ބަލައިގަތުމާ އެކުގަޔާއި، ފީފާގެ ކްލަބް އިނީޝިއޭޓިވް ޕްރޮގްރާމްގައި ބައިވެރިވާކަން އަންގައިދޭން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފަ އެވެ.
މި އަހަރުން ފެށިގެން 2030 ވަނަ އަހަރާ ހަމައަށް ދިގުދެމިގެންދާ މި އެމްއޯޔޫގެ ތެރެއިން އަންހެނުންގެ ކްލަބް ފުޓްބޯޅަ މުބާރާތެއް ވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވެ އެެވެ.
އީސީއޭގެ ރައީސްކަން ކުރައްވަމުން އަންނަނީ ޕީއެސްޖީގެ ވެސް ޗެއާމަން، ގަތަރުގެ ނާސިރު އަލް ހަލީފާ އެވެ.
އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު، ނާސިރު ވިދާޅުވި ގޮތުގައި ފީފާއާ އެކު ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން ޔޫރަޕްގެ ކްލަބްތަކަށް ލިބޭ ފައިދާތައް އިތުރުވާނެ އެވެ. އަދި ފީފާ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕްގެ ބައިވެރިވުން ފެންނާނީ "ބޮޑުކޮށް" ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.
ފީފާގެ ކްލަބް ބެނިފިޓް ޕްރޮގްރާމްގެ ތެރެއިން، ވޯލްޑް ކަޕަށް ކުޅުންތެރިން ވީއްލައިގެން ބަދަލުގައި ފީފާ އިން ދޭ ފައިސާ ވެސް ކުރިއަށް އޮތްތަނުގައި އިތުރުވާނެ އެވެ. އެ ގޮތުން، 2018 އާއި 2022 ގެ ވޯލްޑް ކަޕްގައި ލިބުނު 209 މިލިއަން ޑޮލަރުގެ ބަދަލުގައި، 2026 އާއި 2030 ގެ ވޯލްޑް ކަޕްގައި 355 މިިލިއަން ޑޮލަރު ލިބޭނެ އެވެ.
Comment