Advertisement

ޖަރުމަނު ބަލިކޮށް ބެލްޖިއަމަށް ބައިގަރުނަށް ވުރެ ދިގު އިންތިޒާރެއްގެ ނިމުން

29 މާރިޗު 2023 - 06:05 0

ޖަރުމަނު ކޮޅަށް ގޯލު ޖެހުމަށް ފަހު ޑިބްރޭނާ އުފާފާޅުކުރަނީ.


ޖަރުމަނު ބަލިކޮށް ބެލްޖިއަމަށް ބައިގަރުނަށް ވުރެ ދިގު އިންތިޒާރެއްގެ ނިމުން

29 މާރިޗު 2023 - 06:05 0

ކޮލޯން، ޖަރުމަނު (މާޗް 29) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ 3-2 އިން ޖަރުމަނު ބަލިކޮށް، އެ ޓީމު އަތުން 69 އަހަރު ތެރޭ ބެލްޖިއަމުން ފުރަތަމަ ފަހަރަށް މޮޅުވެ، ބައިގަރުނަށް ވުރެ ދިގު އިންތިޒާރަކަށް ނިމުން ގެނެސްފި އެވެ.

ރޭގެ މެޗުގެ ކުރިން ބެލްޖިއަމުން އެންމެ ފަހުން ޖަރުމަނު ބަލިކުރީ 1954 ވަނަ އަހަރު އެވެ.

ރަށުންބޭރުގައި ކުޅުނު ނަމަވެސް ބެލްޖިއަމުން ރޭގެ މެޗު ފެށީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ފުރަތަމަ 10 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން، ހަ ވަނަ މިނިޓްގައި ޔަނިކް ކަރާސްކޯ ވަނީ ކައުންޓަ އެޓޭކުގައި ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ބެލްޖިއަމަށް ލީޑުނަގައިދީފަ އެވެ.

ލީޑުނެގިތާ ތިން މިނިޓް ފަހުން ޑިބްރޭނާ ދިން ބޯޅައަކުން ރޮމެލޫ ލުކާލޫ ވަނީ ބެލްޖިއަމްގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑެއް ލިބުމާ އެކު ބެލްޖިއަމަށް ހަމަޖެހިލަަން ފުރުސަތު ލިބުނަސް އެ ލީޑުގައި ފުރަތަމަ ހާފު ނިންމައިލެވޭ ގޮތެއްނުވި އެވެ. އެއީ މެޗުގެ 44 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖަރުމަނުގެ ފޯވާޑް، ނިކްލަަސް ފުލްކްރޫގް ގޯލު ޖެހުމުންނެވެ. މި ޕެނަލްޓީ ލިބުނީ މިއީ ލުކާކޫ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގައި އަވަހަށް ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ޖަރުމަނުން މަސައްކަތް ކުރި އެވެ. އެ ގޮތުން، ޓިމޯ ވާނާ ޖެހި ގޯލެއް އޮފްސައިޑަށް ވެސް ނިންމި އެވެ. ޖަރުމަނުން ދެ ވަނަ ހާފުގައި ކުރިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވެ، ދެން ވެސް މެޗުގައި ގޯލު ޖެހީ ބެލްޖިއަމުންނެވެ.

ބެލްޖިއަމްގެ ތިން ވަނަ ގޯލު ޖެހީ މެޗުގައި ތަފާތު ދެއްކި ޑިބްރޭނާ އެވެ. ދާދި ފަހުން ބެލްޖިއަމްގެ ކެޕްޓަން ބޭންޑް ހަވާލުކުރި ޑިބްރޭނާ މެޗުގެ 78 ވަނަ މިނިޓްގައި ލަނޑު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުންނެވެ.

ބަދަލަކަށް ކުޅެން އަރައި މެޗުގެ ފަހު ކޮޅުގައި ސާޖް ގްނާބްރީ ވަނީ ޖަރުމަނަށް ދެ ވަނަ ގޯލެއް ޖަަހައިދީފަ އެވެ. މެޗުގެ ބާކީ ވަގުތުގައި އިތުރު ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރަން ޖަރުމަނުން ކުރި މަސައްކަތް ކާމިޔާބުނުވެ، 69 އަހަރަށް ފަހު، ބެލްޖިއަމުން ޖަރުމަނު ބަލިކުރީ އެވެ.

މިއީ، ބެލްޖިއަމްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި، ޑޮމެނީކޯ ޓެޑެސްކޯގެ ކޯޗުކަމުގައި އެ ޓީމުން ހޯދި ބޮޑު މޮޅެކެވެ.

"ހަމައެކަނި ނަތީޖާ އަކަށް ނޫން މީގެ މި ބަލަނީ، އެކުވެރިކަމުގެ މެޗެއް ވިޔަސް މި ލެވަލްގައި ބެލްޖިއަމް ޕާފޯމް ކުރަންޏާ އަހަރެން ވަރަށް ހިތްހަަމަޖެހޭނެ. ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ތިބި ޖަރުމަނު ޓީމެއް މި ބަލިކުރެވުނީ،" ޓެޑެސްކޯ ބުންޏެވެ.

ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނީ އޭނާގެ ޓީމުން މެޗު ފަށައިގެން ތިބީ ވަރަށް މަޑުމަޑުން ކަމަށާއި އޭގެ ބަދަލުގައި ބެލްޖިއަމް އޮތީ ފުރަތަމަ މިނިޓުން ފެށިގެން ވަކި ފޯކަސްއެއްގައި މެޗުގެ ކޮންޓްރޯލް ނަގައިގެން މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.