28 މާރިޗު 2023 - 13:44 0
އައިޝަތު ނުޒުހާ
މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އީސީގެ ރައީސް އަދި ނައިބު ރައީސް-- ފޮޓޯ: މަޖިލިސް
28 މާރިޗު 2023 - 13:44 0
އިންތިހާބު ކަވަރު ކުރާ ނޫސްވެރިން އެކްރެޑިޓް ކުރާނީ އިލެކްޝަންސް ކޮމިޝަނުން ދޭ ތަމްރީނެއް ފުރިހަމަ ކުރުމުން ކަމަށް ބުނި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމާއެކު، ނޫސްވެރިންނަށް ހިންގަނީ ތަމްރީނު ޕްރޮގްރާމެއް ނޫން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އިންތިހާބަށް ލަފާ ދޭ ގައުމީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ނޫސްވެރިން، އިލެކްޝަންސް ކޮމިޝަނުން އެކްރެޑިޓް ކުރުމަށް ދެ ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
"ކޮމިޝަނުގެ ވިސްނުމަކީ މި ބޭފުޅުން [ނޫސްވެރިން]ގެ ދައުރު ފުރިހަމައަށް ކިޔައިދެވިފައި ނެތީމަ އޭ މި ގޮތަށް މި ހިނގަނީ، އެހެންވީމާ ކޮމިޝަނުން ނިންމީ ދެ ގަޑިއިރެއްހާ އިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފޭސް ޓު ފޭސް ކޮށް ނުވަތަ އޮންލައިން ކޮށް ހިންގަން،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަބީބު ވަނީ ނޫސްވެރިންގެ ފާސް އަޅައިގެން މީގެ ކުރިން ބައެއް މީހުން ހަމަނުޖެހުން ހިންގާފައިވާ ކަން ތަކުރާރު ކުރައްވައި، އެ ފަރާތްތަކަށް ސުލޫކުގެ މައުލޫމާތު ދޭން ޖެހޭ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ގަބޫލުކުރެވުނީ މިކަން މިހެން ހިނގަން ދިމާވީ އަޅުގަނޑުމެންނަށް އެ ނޫސްވެރިންގެ ދައުރު ބުނެދެވިފައި ނެތީމައޭ، އެ މީހުންގެ ސުލޫކީ މިންގަނޑު އަޅުގަނޑު ބުނެދޭން ޖެހެޔޭ، ސުލޫކީ މިންގަނޑު ބުނެދޭ ވާހަކަ އަޅުގަނޑުމެން މި ދަންނަވަނީ،" ހަބީބު ވިދާޅުވި އެވެ.
މިއީ އެއްގޮތަކަށް ވެސް "ސީއެންއެން މީހުންނާއި ބީބީސީގެ ނޫސްވެރިންނަށް ކޯސް ހިންގާ ވާހަކަ" ނޫން ކަމަށާއި ރާއްޖޭގެ ނޫސްވެރިންނަށް ވެސް ކޯސް ހިންގުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އެގޮތަށް މި އަމަލު ކުރަނީ، ސުލޫކީ މިންގަނޑު ނޫސްވެރިންނަށް ކިޔައިދޭން، އޮންލައިންކޮށް އެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް [ބާއްވަން]، އެއަށް ޓްރެއިނިން ކިޔަންޏާ ޓްރެއިނިން ކިޔަންވީ، ތަމްރީން ކިޔަންޏާ ކިޔަންވީ، ބައްދަލުވުމޭ ކިޔަންޏާ ކިޔަންވީ، ކިޔާނެ ނަމެއް ކިޔަންވީ،"
އެ ކޮމިޝަނުގެ ވިސްނުން ހުރީ އޭރުވެސް މިހާރު ވެސް ރިޔާސީ އިންތިހާބުފަދަ ބޮޑު އިންތިހާބަކާ ދިމާކޮށް ނޫސްވެރިންނަށް ހުރި ފަސޭހަތައް ދެނެގަތުމަށް ސެމިނާއެއް ފަދަ އެއްޗެއް ބޭއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އެއްގޮތަކަށް ވެސް ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ ވިސްނުން އެ ކޮމިޝަނުގައި ނެތް ކަމަށް ހަބީބު ވިދާޅުވި އެވެ.
Comment