Advertisement

އެމްއެސްއެސްގައި ހުރި ސައީދު އެސްޓީއޯގެ އެމްޑީއަކަށް އައްޔަނު ކުރަން ޕީސީބީއަށް

28 މާރިޗު 2023 - 11:22 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެމްއެސްއެސްގައި ހުރި ސައީދު އެސްޓީއޯގެ އެމްޑީއަކަށް އައްޔަނު ކުރަން ޕީސީބީއަށް

28 މާރިޗު 2023 - 11:22 0

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު އައްޔަނު ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވައިފި އެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން އަމްރު ވަކިކުރުމުންނެވެ. އެއީ ސަރުކާރު ކުންފުނިތައް ހިންގުމުގައި ގެންނަ ބަދަލުތަކުގެ ތެރެއިން އާދައިގެ މަތިން ގެނައި ބަދަލެއްގެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދުގެ ނަން އެސްޓީއޯގެ އެމްޑީ ކަމަށް އައްޔަނު ކުރުމަށް ފޮނުވާފައިވާކަން ރައީސް އޮފީހުންނާއި ޕީސީބީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މިހާރު ކުރިއަށްދަނީ ވެޓިން ޕްރޮސެސް (ޝަރުތު ހަމަވޭތޯ ބެލުން) ކަމަށާއި އެއަށްފަހު އޭނާ އެ މަގާމަށް އައްޔަނު ކުރުމާ މެދު ގޮތެއް ނިންމާނީ ބޯޑު ބައްދަލުވުމަކުން ކަމަށް ޕީސީބީން މައުލޫމާތު ދެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް ސެކްރެޓަރީއެއްގެ މަގާމު ވެސް ސައީދު އަދާކުރެއްވި އެވެ.

އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސްއެލް) ގެ ޑިރެކްޓަރު ކަމާއި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަންކަން ވެސް ކުރައްވާފަ އެވެ.

އަމްރު މަގާމުން ވަކިކޮށް މެނޭޖިން ޑިރެކްޓަރު އައްޔަން ކުރެވެން ދެން އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމުއާ އެވެ.