Advertisement

ޔޫރޯ ކޮލިފައިން: ފްރާންސަށް ދެ ވަނަ މޮޅު، ނެދަލެންޑްސް އަށް އާ ފެށުމެއް

28 މާރިޗު 2023 - 05:44 0


ޔޫރޯ ކޮލިފައިން: ފްރާންސަށް ދެ ވަނަ މޮޅު، ނެދަލެންޑްސް އަށް އާ ފެށުމެއް

28 މާރިޗު 2023 - 05:44 0

ޑަބްލިން، އަޔަލެންޑް (މާޗް 28) - ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިން ބުރުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ނެދަލެންޑްސް މޮޅުވެއްޖެ އެވެ.

އެ ގޮތުން، ކޮލިފައިން ގްރޫޕް ބީގައި ރޭ އަޔަލެންޑް އަތުން ފްރާންސް 1-0 އިން މޮޅުވިއިރު، ގިބްރޯލްޓާ އަތުން ނެދަލެންޑްސް ކުރިހޯދީ 3-0 އިންނެވެ. މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުތަކަށް ބަލާއިރު، ފްރާންސް އިން ވަނީ 4-0 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.

އަޔަލެންޑް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ފްރާންސް އިން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކުރި އެވެ. އަޔަލެންޑްގެ ކުޅުންތެރިން އަތުން އެ ޓީމުގެ އޭރިއާބޭރުން ގެއްލުނު ބޯޅައެއް ހޯދައި، ފްރާންސްގެ ފުލްބެކް، ބެންޖަމިން ޕަވާޑް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ފްރާންސަށް ލީޑުފުޅާކޮށްދޭން މޫސާ ޑިއާބީ، އޭރިއާތެރެއިން ޖެހި ޝޮޓް އަޔަލެންޑްގެ ކީޕަރު ގަވިން ބަޒޫނޫ ވަނީ މަތަކޮށްފަ އެވެ.

އަޔަލެންޑުން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ފްރާންސްގެ ކީޕަރު މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފަހު ވަގުތު ކޯނަރެއްގައި ނޭތަން ކޮލިންސް ބޮލުން ޖެހި ބޯޅަ ހުއްޓުވުމުގައި މައިންގްނޯންގެ ހުށިޔާުރުކަން ފެނިގެންދިޔަ އެވެ.

ރޭ ނެދަލެންޑްސް އަށް ގިބްރޯލްޓާ ކައިރިން ލީޑުނަގައިދިނީ 23 ވަނަ މިނިޓްގައި މެމްފިސް ޑިޕާއި އެވެ. މިއީ ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޑިޕާއި ޖެހި ގޯލެކެވެ. ނެދަލެންޑްސް އިން ލީޑުފުޅާކުރީ ޑަމްފްރީސް ދިން ބޯޅައަކުން ނޭތަން އަކޭ ޖެހި ގޯލުންނެވެ.

ގިބްރޯލްޓާގެ ލިއަމް ވޯކާ އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އޭގެ ފައިދާނަގައި، ނެދަލެންޑްސް އަށް ތިން ވަނަ ގޯލެއް ޖަހައިދިނީ އަކޭ އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު އަކޭ ނެދަލެންޑްސް އަށް ޖަހައިދިން ލަނޑުގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ.

މިއީ، ނެދަލެންޑްސްގެ ކޯޗުކަމާ ދެ ވަަނަ ފަަހަރަށް ހަވާލުވި ފަހުން ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމު މި ފަހަރު މޮޅުވި ފުރަތަމަ މެޗެވެ. ކޫމަން ވަނީ މީގެ ކުރިން 2018-2020 އަށް ނެދަލެންޑްސް އަށް ކޯޗުކޮށްދީފަ އެވެ. ނެދަލެންޑްސް އަށް އެންމެ ފަހުން އިރުޝާދުދިން ކޯޗު ލުއީ ވެން ހާލް ވަނީ ވޯލްޑް ކަޕަށް ފަހު އެ ޓީމު ދޫކޮށްލައިފަ އެވެ.