Advertisement

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ނަޝީދު ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

27 މާރިޗު 2023 - 14:51 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު؛ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ނަޝީދު ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

27 މާރިޗު 2023 - 14:51 2

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނު އަނބުރާ ގެންދަވައިފި އެވެ.

އަމީނީ މަގު ޒާމާނާ އެއް ގޮތަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް، އެ މަގުގައި ހުރި ގަސްތައް ކަނޑަން ވަނީ ފަށައިފަ އެވެ. އެ މަޝްރޫއު މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ވެސް އެދި މައްސަލަ ހުށަހެޅިއިރު، ކޯޓުން އެ ވަގުތީ އަމުރު ނެރެދީފައެއް ވެސް ނުވެ އެވެ.

ކޯޓުގެ ވެބްސައިޓްގައި މައްސަލައިގެ ނިންމުން އާންމުކޮށްފައިވާއިރު، އޭގައިވާ ގޮތުން ނަޝީދުގެ ފަރާތުން ވަނީ މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ. އެހެންކަމުން އެ މައްސަލަ އެ ގޮތަށް ނިންމީ ކަމުގައި ކޯޓުގެ ނިންމުމުގައިވެ އެވެ.

ގަސް ކަނޑައިގެން ނޫނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އާރުޑީސީން ބުނެފައިވެ އެވެ. އެއީ އަމީނީ މަގުގައި ޑީވޯޓަރިންގެ ނިޒާމު ގާއިމުކުރާތީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހޮޅިއަޅަން ޖެހޭތީ ކަމަށް އާރުޑީސީން ފާހަގަކޮށްފައިވެ އެވެ.

ސިވިލް ކޯޓަށް ނަޝީދު މި މައްސަލަ ހުށަހެޅުއްވީ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ޝަރީއަތަށް ވެސް ދާން ޖެހިދާނެ މަޖިލީހުގައި އިންޒާރު ދެއްވުމަށް ފަހު އެވެ. އަމީނީ މަގުގެ އެއްބައިގައި ތާރު އެޅުމަށް ފަހު ހުޅުވާލާފައިވާއިރު އެކަށީގެންވާ ހިޔާވަހިކަމެއް ނެތް ކަމަށް ބުނެ ބައެއް މީހުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މީގެ ކުރިން "އަދަދު"އަށް ވިދާޅުވީ މަސައްކަތް ކުރަނީ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ.

"އެކަމަކު މަގުން ނަގާ ގަސްތަކުގެ ބަދަލުގައި މަގު ނިމޭއިރުގައި ކޮންމެ ގަހަކަށް ގަހެއް އިންދިފައި ހުންނާނީ،" މޫކޭ ވިދާޅުވި އެވެ.