Advertisement

ނޫރާ، ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑު އާކޮށްފި

27 މާރިޗު 2023 - 14:43 1

މިދިޔަ އަހަރު ގައުމީ ގްރޯން ޕްރީ އިވެންޓްގެ ތެރެއިން ނޫރާ ލޯންގް ޖަމްޕް އިވެންޓްގައި ވާދަކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނޫރާ، ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑު އާކޮށްފި

27 މާރިޗު 2023 - 14:43 1

ދާދި ފަހުން ނިމުނު 10 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަންހެން ޓްރިޕަލް ޖަމްޕް ގައުމީ ރިކޯޑް ނޫރާ އަބްދުލް ހަމީދު އާކޮށްފި އެވެ.

ދިގު ފުންމުމުގައި ފާހަގަވަމުން އަންނަ ޒުވާން އެތުލީޓު ނޫރާ ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑު އާ ކުރީ 10.47 މީޓަރަށް ފުންމައިގެންނެވެ. ކުރިން މި ރެކޯޑު ނޫރާ ހެދީ 2021 ވަނަ އަހަރު އޮތް ގައުމީ ޓީމްގެ ޓައިމް ޓްރަޔަލް އެއްގަ އެވެ. އެ ފަހަރު އޭނާ ވަނީ 9.97 މީޓަރަށް ފުންމައިފަ އެވެ.

ދާދި ފަހުން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ނިމުނު 10 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ނޫރާގެ ފަހަތުން ޓްރިޕަލް ޖަމްޕްގެ ދެ ވަނަ ހޯދީ އަހުނާ ނިޒާރުވެސް ކުރިން ނޫރާ ހަދާފައިވާ ރެކޯޑަށް ވުރެ ދުރަށް ފުންމި އެވެ. ނޫރާ ވަނީ 10.46 މީޓަރަށް ފުންމައިފަ އެވެ.

ގައުމީ ރެކޯޑު އާ ކުރި ނޫރާ އަކީ ލޯންގް ޖަމްޕްގެ ގައުމީ ރެކޯޑު ކުރިން އޮތް އެތުލީޓެކެވެ. އެ ގޮތުން، 2019 ވަނަ އަހަރު 4.99 މީޓަރަށް ފުންމައިގެން ނޫރާ ހަދާފައި އޮތް ގައުމީ ރެކޯޑު މަރިޔަމް ރޫޔާ މުގުރާލީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ ގައި ރޫޔާ ވަނީ 5.19 މީޓަރު ދުރަށް ފުންމައިގެން ރެކޯޑު ހަދައިފަ އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގައި ތަމްރީންވަމުން އަންނަ ނޫރާ ވަނީ ޖޫނިއާ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މިގޮތުން އިންޓަ ސްކޫލް މުބާރާތްތަކުގައި އޭނާ ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. ނޫރާ އަކީ މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނުނު އެތުލީޓެކެވެ.