26 މާރިޗު 2023 - 05:45 0
ވިނީޝިއުސް އަތުން ބޯޅަ ހޯދަން މޮރޮކޯގެ އަމްރަބާތު ޓެކަލް ކުރަނީ.
26 މާރިޗު 2023 - 05:45 0
މައިންޒް، ޖަރުމަނު (މާޗް 26) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ މޮރޮކޯ އިން 2-1 އިން ބްރެޒިލް ބަލިކުރިއިރު، ޕެރޫ އަތުން 2-0 އިން ޖަރުމަނު މޮޅުވެއްޖެ އެވެ.
ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، ގަތަރުގައި މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ މޮރޮކޯ އިން މި ވަނީ ވޯލްޑް ކަޕަށް ފަހު ބައިނަލްއަގުވާމީ ފުޓްބޯޅަ އަށް އެނބުރި އައުން ދުނިޔޭގެ ގަދަބާރު ބްރެޒިލް އަތުން މޮޅުވެގެން ފާހަގަކޮށްފަ އެވެ.
މިއީ ބައިނަލްއަގުވާމީ މެޗެއްގަައި މޮރޮކޯ އިން ބްރެޒިލްގެ މައްޗަށް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެެވެ. މި މެޗުގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ދެ ފަހަރު ވެސް ބްރެޒިލް ވަނީ މޮޅުވެފަ އެވެ. އެއީ 1997 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 2-0 އިންނާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި 3-0 އިންނެވެ.
މޮރޮކޯގެ ޓެންޖިއާސްގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި މޮރޮކޯ އިން ލީޑުނެގި އެވެ. ރަނގަޅަށް ކުޅެމުން އައި މޮރޮކޯ އިން މި މެޗުގައި ލީޑުނެގީ ބްރެޒިލް .މެދުތެރެއިން ގެއްލުނު ބޯޅައެއްގައި ކުރި އެޓޭކަކުން އޭރިއާތެރެއިން ސޯފިއަން ބޫފާލް ޖެހި ގޯލުންނެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ބޫފާލް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ބްރެޒިލުން ކާމިޔާބު ހޯދީ 67 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ބްރެޒިލްގެ ކަސެމީރޯ ޖެހި ބޯޅަ ގޯލަށް ވަނީ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އަތްދަށުން ކަހަލަ ގޮތަކަށް ގޮހެވެ. މޮރޮކޯ މި މެޗުން މޮޅުވި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދެލް ހަމީދް ސަބީރީ އެވެ. އޭރިއާތެރެއިން ބްރެޒިލް ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅަ ސަބީރީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ބްރެޒިލަށް މި މެޗުގައި ކޯޗުކޮށްދިނީ ވަގުތީ ކޯޗު ރަމޯން މެނޭޒޭސް އެވެ. ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަކިވުމުން ބްރެޒިލުން އަދި ދާއިމީ ކޯޗެއް ހަމަޖައްސާފައެއް ނުވެ އެވެ. ބްރެޒިލުން އާ ކޯޗަކަށް ބަލަމުން އަންނަނީ ރެއާލް މެޑްރިޑްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ.
ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ފުލްކްރޫގް (ކ) އާއި ކައި ހަވާޓްޒް އުފާފާޅުކުރަނީ.
ޖަރުމަނުން ރޭ ޕެރޫ އަތުން މޮޅުވި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ނިކްލަސް ފުލްކްރޫގް އެވެ. ވޯލްޑް ކަޕްގައި ޖަރުމަނު ޓީމުން ވިދާލި ފުލްކްރޫގް ރޭގެ މެޗުގައި ޕެރޫ ކޮޅަށް ޖެހި ދެ ގޯލުގައި ވެސް ސެންޓަ ފޯވާޑެއްގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފައިވެ އެވެ.
ރަނގަޅު ތަނަށް ހުސްވެ، ޖަރުމަނުގެ ގިނަ އެޓޭކްތަކެއްގައި ބައިވެރިވި ފުލްކްރޫގަށް މި މެޗުގައި ގިނަ ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. ފުލްކްރޫގް ޖަރުމަނުގެ ފުރަތަމަ ގޯލު ޖެހީ 12 ވަނަ މިނިޓްގައި ކައި ހަވާޓްޒް ދިން ބޯޅައަކުންނެވެ. އޭގެ ފަހުން، 33 ވަނަ މިނިޓްގައި މާރިއަސް ވުލްފް ދިން ބޯޅައަކުން ދެ ވަނަ ގޯލު ޖެހި އެވެ.
މި މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނަށް ތިން ވަނަ ގޯލެއް ޖަހައިދޭން ކައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ބަލައެއްނުގަތެވެ. އެއީ ހަވާޓްޒް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސް ވެސް ފޮނުވާލީ އޭނާ ކަމަށްވާތީ އެވެ. މި މެޗުގައި ރެފްރީކަން ކުރީ އިޓަލީގެ 32 އަހަރުގެ އަންހެން ރެފްރީއެއް ކަމަށްވާ މާރިއާ ސޯލް ކަޕޫޓީ އެވެ.
މެޗަށް ފަހު ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ވަނީ ޓީމެއްގެ ގޮތުގައި ކުޅެން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. އަދި ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ފުލްކްރޫގްގެ މަސައްކަތަށް ފްލިކް ވެސް ވަނީ ތައުރީފުކޮށްފަ އެވެ.
Comment