25 މާރިޗު 2023 - 22:12 0
އައްޒާމް އަލިފުޅު
ބޫޓާނާއި ލާއޯސް ކުޅުނު މެޗުގެ ތެރެއިން ދިވެހި ރެފްރީން.--- ފޮޓޯ: ހަމްރޯކޭލްކުޑް.ކޮމް
25 މާރިޗު 2023 - 22:12 0
ނޭޕާލުގައި މިހާރު ކުރިއަށްދާ ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގައި މިއަދު ބޫޓާނާއި ލާއޯސް ބައްދަލުކުރި މެޗު މެދުކަނޑާލައި މުބާރާތުގައި އިންސާފު ކުރަމުން އައި ދިވެހި ރެފްރީންގެ ޓީމު ރޯދަ ވިއްލަން ފުރުސަތު ދީފި އެވެ.
ނޭޕާލާއި ބޫޓާން އަދި ލާއޯސް ވާދަކުރާ މި މުބާރާތް ރޯދަ މަހަށް ޝެޑިއުލްކުރި ނަމަވެސް އިންޓަނޭޝަނަލް މުބާރާތެއްގެ މި ފުރުސަތުގެ ބޭނުން ހިފަން ދިވެހި ރެފްރީންގެ ޓީމުން ނިންމީ އެވެ.
އެ ގޮތުން، ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކުރާ މި މުބާރާތުގައި ރެފްރީކަން ކުރަން ފުރުސަތު ލިބި އެކަމުގައި، ބައިވެރިވާ ދިވެހި ރެފްރީންގެ ޓީމަކީ އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް، އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން، އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހު އެވެ.
ބޫޓާނާއި ލާއޯސް މިއަދު ކުޅުނު މެޗުގެ 20 ވަރަކަށް މިނިޓަށް ފަހު، މަގްރިބް ނަމާދަށް ބަންގި ގޮވުމާ އެކު، މެޗުގެ ފުރަތަަމަ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ޖާވިޒް އާއި ދެ ލައިންސްމަނުންގެ ގޮތުގައި ހަރަކާތްތެރިވި އަފްސަހު އަދި ޖައުފަރުގެ އިތުރުން ހަތަރު ވަނަ އޮފިޝަަލަކަށް ހުރި ސިނާން ވަނީ ބޯޅަ ބޭރުވުމާ އެކު ރޯދަ ވިއްލަން ވަގުތު ނަަގައިފަ އެވެ.
"ވާ ގޮތަކީ މި ކޮޅު (ނޭޕާލް) ގަނޑިން ހައެއް ޖަހާއިރު މެޗު މި ފަށަނީ، ދެން މެޗުގެ ކުރިން މެޗު ކޮމިޝަނަރު ގާތުގައި އެދުނިން، މި ކޮޅު ގަނޑިން 6:17 ގައި ބަންގި ގޮވާތީ ބޯޅަ ބޭރުވުމާ އެކު، ރޯދަ ވިއްލަން ވަގުތު ކޮޅެއް ނަގާނެ ކަމަށް، ދެން މެޗު ކޮމިޝަނަރު އެ ފުރުސަތު ދިނުމާ އެކު އެ ގޮތަށް ކަންތައް މި ކުރީ،" ބޫޓާން އަތުން މިއަދު ލާއޯސް އިން 2-1 އިން މޮޅުވި މެޗުގައި ރެފްރީ އަކަށް ހުރި، ޖާވިޒް، މިރޭ "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުންޏެވެ.
ޖާވިޒް ވަނީ މެޗު ކޮމިޝަނަރު އެ ފުރުސަތު ދޭން ނިންމުމާއި އެކަން ހިނގައިދިޔަ ގޮތާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
ރެފްރީން ރޯދަ ވިއްލަން ފުރުސަތު ދޭން ނިންމުމުން އެކަމަށް ނޭޕާލްގެ ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"މީގެއިން މި އެނގެނީ ފުޓްބޯޅަ އަކީ ހުރިހާ ގޮތަކުން ބެލިޔަސް އިހުތިރާމް ލިބިފައިވާ ޓީމު ކުޅިވަރެއްކަން، ރެފްރީންނަކީ ވެސް ގޭމުގެ މުހިންމު ބައެއް ކަން. މި އެނގިގެންދިޔައީ، މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ހާއްސަ ކަމަކަށްވާނެ،" ތުރީ ނޭޝަންސް ކަޕް، ކަވަރު ކުރަމުން އަންނަ ނޭޕާލްގެ ނޫސްވެރިއަކު އޭނާގެ ޝުއޫރު ފާޅުކުރި އެވެ.
ތުރީ ނޭޝަންސް ކަޕްގައި ދެން އޮތީ ބޫޓާނާއި ނޭޕާލް ބައްދަލުކުރާ މެޗާއި ފައިނަލް މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން ވަނީ 2-0 އިން ލާއޯސް ބަލިކޮށްފަ އެވެ.
ރާއްޖޭގެ ރެފްރީންނަށް ނޭޕާލްގެ މި މުބާރާތުގެ މެޗުގެ ތެރެއިން ރޯދަ ވީއްލަން ފުރުސަތު ދިންއިރު، ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ރޯދަ މަހުގެ ތެރޭގައި މެޗުތައް ކުޅޭއިރު، ރޯދަ އަށް ތިބޭ ކުޅުންތެރިންނަށް މެޗުގެ ތެރެއިން ރޯދަ ވީއްލަން ވަގުތު ދޭން ބައެއް ގައުމުތަކުގައި އަންނަނީ ނިންމަމުންނެވެ. އެ ގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގައި ރަސްމީކޮށް މެޗުތަކުގައި ރޯދަ ވީއްލަން ވަގުތު ދޭން ނިންމާފައިވާއިރު، ރަސްމީ ސިފައެއްގައި ޖަރުމަނު ލީގާއި ތުރުކީގައި ވެސް އެ ގޮތަށް އަމަލުކުރަން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
Comment