Advertisement

އެމްބާޕޭގެ ގޯލުތަކާ އެކު ފްރާންސުން ނެދަލެންޑްސް ބަލިކޮށްފި

25 މާރިޗު 2023 - 05:48 0


އެމްބާޕޭގެ ގޯލުތަކާ އެކު ފްރާންސުން ނެދަލެންޑްސް ބަލިކޮށްފި

25 މާރިޗު 2023 - 05:48 0

ޕެރިސް (މާޗް 25) - ޔޫރޯ ކޮލިފައިންގައި ކީލިއަން އެމްބާޕޭގެ ގޯލުތަކާ އެކު ރޭ ފްރާންސް އިން 4-0 އިން ނެދަލެންޑްސް ބަލިކޮށްފި އެވެ.

މިއީ ފްރާންސްގެ އާ ކެޕްޓަން އެމްބާޕޭއާ ޓީމު ލީޑުކުރުމުގެ ޒިންމާ ރަސްމީކޮށް ހަވާލުކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ފްރާންސްގެ ކެޕްޓަން ބޭންޑް އެމްބާޕޭ އަށް ދިނީ އެ ޓީމު ލީޑުކުރަމުން އައި ތަޖުރިބާކާރު ގޯލްކީޕަރު، ހޫގޯ ލޮރީސް މިދިޔަ ޖެނުއަރީ މަހު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމުމާ ގުޅިގެންނެވެ.

ޕެރިހުގައި ރޭ ކުޅުނު މެޗު ފެށިގެން 21 މިނިޓް ތެރޭ ފްރާންސް އިން ތިން ގޯލު ޖަހައި، މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެ ގޮތުން ފްރާންސް އިން ލީޑުނެގީ މެޗުގެ ދެ ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ޖެހި ގޯލުންނެވެ. މިއީ، އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާތެރެއިން އެއް ފަހަރުން ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެން ގްރީޒްމަން ޖެހި ގޯލެކެވެ. ފްރާންސް ކެޕްޓަން ބޭންޑް ގްރީޒްމަން އަށް ނުދީ އެމްބާޕޭ އަށް ދިނުމުން ހިޔާލުތަފާތުވުންތަކެއް އުފެދި، ގްރީޒްމަންގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް މީޑިއާގައި މެޗުގެ ކުރިން ވާހަކަ ދެކެވުނެވެ.

މެޗުގެ އަށް ވަނަ މިނިޓްގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖެހީ ޑަޔޫޓް އުޕަމެކާނޯ އެވެ. މިއީ ހިލޭ ޖެހުމަކުން ގްރީޒްމަން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއްގައި ނެދަލެންޑްސްގެ ކީޕަރު ޔެސްޕާ ސިލިސަން ހެދި ގޯހެއްގެ ފައިދާނަގައި، އުޕަމެކާނޯ ޖެހި ގޯލެކެވެ. އަދި މެޗުގެ 21 ވަނަ މިނިޓްގައި އައުރޭލިއަން ޗުއަމެނީ ދިން ބޯޅައަކަށް އޭރިއާތެރެއަށް ހުސްކޮށް އަރައި، އެމްބާޕޭ ވަނީ ތިރިތިރިން ގޯލަށް ބޯޅަ އަމާޒުކޮށްލައިގެން ފްރާންސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ނެދަލެންޑްސް އިން ވެސް ފުރަތަމަ ހާފުގައި އެޓޭކްތަކެއް ކުރިއިރު، އެ ޓީމުން ޖެހި ގިނަ ބޯޅަތައް ފްރާންސްގެ ގޯލުގައި ހުރި ކީޕަރު، މައިކް މައިގްނޯން ވަނީ އަތަށް ނަގައިފަ އެވެ. ފްރާންސް އިން ފުރަތަމަ ހާފުގައި ހަތަރު ވަނަ ގޯލެއް ޖަހަން އިބްރާހިމާ ކޮނާޓޭ ބޮލުން ފޮނުވާލި ހަމަލާ އާއި ތެއޯ ހެނާންޑޭޒް ނެގި ހުރަސް ގޯލަށް ވަނުމުގެ ކުރިން ކީޕަރު ސިލިސަން ވަނީ ހުއްޓުވައިފަ އެވެ.

ފްރާންސްގެ ހަތަރު ވަނަ ގޯލު ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި އެމްބާޕޭ އެވެ. ނެދަލެންޑްސް އަށް މެޗުގައި ސުން ކަނޑުވާލުމަށް ލިބުނު ފުރުސަތަކީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އެވެ. އެ ގޮތުން، މެމްފިސް ޑިޕާއި ޖެހި ޕެނަލްޓީ ފްރާންސް ކީޕަރު މައިގްނޯން ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ނެދަލެންޑްސްގެ ފަސް ކުޅުންތެރިއަކަށް ނުުކުޅެވުނީ ކާނާ ވިހަވެ، ބަލިވެގެންނެވެ. އެ ގޮތުން، ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ، މަތައިސް ޑި ލިޓް، ސްވެން ބޮޓްމަން، ޖޯއީ ވާމެން އަދި ކީޕަރު ބާޓް ވާބްރުގެން ވަނީ މެޗުގެ އެއް ދުވަސް ކުރިން ބަލިހާލަތުގެ ސަބަބުން ޓީމު ކޭމްޕް ދޫކޮށް ގޮސްފަ އެވެ.

ކޮލިފައިން މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ގިބްރޯލްޓާ އަތުން ގްރީސް ވަނީ 3-0 އިން މޮޅުވެފަ އެވެ.