Advertisement

ފްރާންސްގެ ކެޕްޓަންކަން ނުލިބުމުން ގްރީޒްމަން ހިތްހަމަނުޖެހޭކަން އެނގޭ: އެމްބާޕޭ

24 މާރިޗު 2023 - 18:14 0


ފްރާންސްގެ ކެޕްޓަންކަން ނުލިބުމުން ގްރީޒްމަން ހިތްހަމަނުޖެހޭކަން އެނގޭ: އެމްބާޕޭ

24 މާރިޗު 2023 - 18:14 0

ޕެރިސް (މާޗް 24) - ފްރާންސްގެ ކެޕްޓަން ބޭންޑް ނުލިބުމުން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އެންޓޮއިން ގްރީޒްމަން ހިތްހަމަނުޖެހޭކަން އެނގޭ ކަމަށާއި އެކަމަކު، ހުރި ސަބަބުތަކަށް ވިސްނާއިރު އެކަން ގަބޫލްކުރެވޭ ކަމަށް ފްރާންސްގެ އާ ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ފްރާންސްގެ އާ ކެޕްޓަނަކަށް އެމްބާޕޭ، 24، ހަމަޖެއްސިއިރު، ކެޕްޓަން ބޭންޑް ނުލިބުމަކީ ގްރީޒްމަން، 32، ހިތްހަމަނުޖެހޭ ކަމެކެވެ. ގްރީޒްމަން އަށް ވައިސް ކެޕްޓަންކަން ދިން ނަމަވެސް، އޭނާ މިހާރު ގައުމީ ޓީމުން ރިޓަޔާ ކުރުމަށް ވެސް ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫރޯ ކޮލިފައިންގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގެ ކުރިން އެމްބާޕޭ ބުނީ ކެޕްޓަން ބޭންޑް ނުލިބުމުން ގްރީޒްމަން ހިތްހަމަނުޖެހިފައިހުރި ކަން އެނގުމުން އޭނާއާ ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ކެޕްޓަން ބޭންޑް އޮތަސް، ގްރީޒްމަން އަށް ވުރެ އޭނާ މަތިނުވާނެ ކަމަށެވެ.

"އަހަރެން ބުނިން އަހަރެން ކެޕްޓަނެއްގައި ގޮތުގައި ހުރެ ގްރީޒްމަން ވައިސް ކެޕްޓަނަކަށް ހުރިއްޔާ، އޭނާ އަށް ވުރެ އަހަރެން މަތި ނުވާނެކަން. ގްރީޒްމަން ހިތްހަމަނުޖެހޭ ސަބަބުތަކަށް ވިސްނާލާއިރު އެ އެއީ ގަބޫލުކުރެވޭ ކަމެއް. އަހަރެން ގްރީޒްމަން ކައިރީގައި ބުނިން އޭނާގެ މަގާމުގައި އަހަރެންހުރި ނަމަ، އަހަރެން ވެސް ހިތްހަމަނުޖެހޭކަން،" އެމްބާޕޭ ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމަށް 2017 ވަނަ އަހަރު ކުޅެން ފެށި އެމްބާޕޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 66 މެޗު ކުޅެދީފަ އެވެ. މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކުރިއިރު، އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ އެމްބާޕޭ އެވެ.

ގްރީޒްމަން ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ. ގްރީޒްމަން ވަނީ މިހާތަނަށް ގައުމީ ޓީމަށް 117 މެޗު ކުޅެދީފަ އެވެ.

އެމްބާޕޭ ބުނީ ގްރީޒްމަން އަކީ އޭނާ އަށް ވުރެ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އޭގެ ބޭނުން މުޅި ޓީމަށް ހިފޭނެ ކަމަށެވެ.