Advertisement

ނާގަލްސްމަން ވަކިކޮށް ބަޔާންގެ ކޯޗަކަށް ޓުޗެލް: ރިޕޯޓް

24 މާރިޗު 2023 - 06:10 0


ނާގަލްސްމަން ވަކިކޮށް ބަޔާންގެ ކޯޗަކަށް ޓުޗެލް: ރިޕޯޓް

24 މާރިޗު 2023 - 06:10 0

މިއުނިކް (މާޗް 24) - ބަޔާން މިއުނިކްގެ ކޯޗު ކަމުން ހޫލިއަން ނާގަލްސްމަން ވަކިކޮށް، އެ މަގާމަށް ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަމަޖައްސަން ނިންމާފައިވާ ކަމަށް އިތުބާރު ހުރި މީޑިއާ ރިޕޯޓްތަކެއް ކަށަވަރުކޮށްދީފި އެވެ.

ޖަރުމަނުގެ ދެ ނޫހެއް ކަމަށްވާ ބިލްޑް އާއި ސްކައި ޖާމަނީން ރިޕޯޓްކުރާގޮތުގައި ބަޔާންގެ ބޯޑު މެމްބަރުން ބޭއްވި ބައްދަލުވުމެއްގައި ގިނަ މެމްބަރުން އެއްބަސްވި ގޮތަށް އެ ކްލަބް ކޯޗުކަމުން ނާގަލްސްމަން ދުރުކޮށް ޓުޗެލްއާ ޓީމު ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.

ރަސްމީކޮށް މި ނިންމުން އިއުލާނުކުރާނީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ނިމުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފަހުން ކުޅުނު ޖަރުމަނު ލީގުގެ މެޗުތަކަށް ފަހު، ބަޔާން ވަނީ ލީގު ތާވަލުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. މި ހަފްތާގައި ބަޔާ ލެވަކޫސަން އަތުން ބަޔާން މިއުނިކް ބަލިވި މެޗަށް ފަހު، ނާގަލްސްމަން ދިން އިންޓަވިއުއެއްގައި ކުޅުންތެރިންނަށް ރައްދުވާ ގޮތަށް ފާޑުކިޔާފައިވާތީ، އެކަމާ ނުރުހުންވެ، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗް ވަނީ ވާހަކަ ދައްކައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީ އަތުން ދެ ލެގުގައި ވެސް މޮޅުވި ބަޔާންގެ ކޯޗު ބަދަލުކުރަން އެ ކްލަބުން ނިންމި އެންމެ ބޮޑު ސަބަބަކީ ޖެހިޖެހިގެން 11 ވަަަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރަން ބަޔާނުން ކުރާ މަސައްކަތުގައި ނާގަލްސްމަން ލައިގެން ކާމިޔާބު ނުވާނެތީ އެވެ. އަދި އޭގެ އިތުރުން ލީގު ފޯމު ދަށްވެ، އޭގެ އަސަރު ޗެމްޕިިއަންސް ލީގުގެ މުހިންމު ހިސާބެއްގައި ޓީމަށް ކޮށްފާނެތީވެ، އެކަމުން ވެސް ސަލާމަތްތެރިކަން ހޯދައިގެން ތިބުމުގެ ގޮތުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ޗެލްސީގެ ކޯޗުކަމުން ވަކިކުރި ޓުޗެލް ހޯދަން، އިނގިރޭސި ކްލަބް ޓޮޓެންހަމް އާއި އޭނާ ކުރިން އިރުޝާދުދިން ޕީއެސްޖީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ކުރިން މައިންޒާއި ބޮރޫޝިއާ ޑޯޓްމަންޑަށް ޖަރުމަނު ލީގުގައި ކޯޗުކޮށްދިން ޓުޗެލް ދެން ފެންނާނީ އެ ލީގުގައި ބަޔާން ބެންޗުންނެވެ.

ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ވެސް ކޯޗުކޮށްދިން އުމުރުން 35 އަހަރުގެ ނާގަލްސްމަން އަށް ބަޔާން ކޯޗުކަން ދޫކޮށްލަން މި ޖެހުނީ ހަވާލުވިތާ ދެ އަހަރު ވެސް ނުވަނީހެވެ. ޓުޗެލް، ބަޔާނާ ހަވާލުވެއްޖެނަަމަ ފުރަތަމަ މެޗު ވެސް ހާއްސަވާނެ އެވެ. އެއީ އިންޓަނޭޝަނަލް ބްރޭކަށް ފަހުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ބަޔާން ކުޅޭނީ ޑޯޓްމަންޑާ ދެކޮޅަށެވެ.