Advertisement

ރޮނާލްޑޯ ރެކޯޑް މުގުރާލި މެޗުގައި ޕޯޗުގަލް މޮޅުވެއްޖެ

24 މާރިޗު 2023 - 06:05 0

ލިޗެސްޓައިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.


ރޮނާލްޑޯ ރެކޯޑް މުގުރާލި މެޗުގައި ޕޯޗުގަލް މޮޅުވެއްޖެ

24 މާރިޗު 2023 - 06:05 0

ލިޒްބަން (މާޗް 24) - ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި މެޗުގައި، ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް އިން ލިޗެސްޓައިން އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

ރޭގެ މެޗާ އެކު، ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް 197 ވަނަ މެޗު ކުޅެދީ ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅުމުގެ އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ކުވޭތުގެ ބަދޭތު އަލް މުތާވާ އަތުގަ އެވެ. ރޮނާލްޑޯ، 38، ރޭގެ މެޗުގައި ރެކޯޑް ހެދިއިރު، ދެ ގޯލު ވެސް ޖެހި އެވެ. މިއާ އެކު، ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ރޮނާލްޑޯ މި ވަނީ 120 ގޯލު ޕޯޗުގަލް އަށް ޖަހައިދީފަ އެވެ.

ރޮނާލްޑޯ، މި ވަނީ 2004 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕޯޗުގަލް އަށް ގޯލެއް ޖަހައިދީފަ އެވެ. މިއާ އެކު ރޮނާލްޑޯ އަކީ ޖެހިޖެހިގެން 20 އަހަރު ގައުމީ ޓީމަށް ގޯލެއް ޖަހައިދިން ޔޫރަޕްގެ މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

ރޮބާޓޯ މާޓީނޭޒް، ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަަތަމަ މެޗުގައި ރޭ ޕޯޗުގަލް އިން ލީޑުނެގީ އަށް ވަނަ މިނިޓްގައި ޔޮއާއޯ ކަންސޭލޯ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު އެ ނަތީޖާގައި އޮވެގެން ނިމުނުއިރު، ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ، ބެނާޑޯ ސިލްވާ ވަނީ ޕޯޗުގަލްގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ.

ޕޯޗުގަލް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 51 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރޮނާލްޑޯ އެވެ. އަދި މެޗުގެ 63 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ހަތަރު ވަނަ ގޯލެއް ޖަަހައިދީފަ އެވެ.

ކޮލިފައިން ގްރޫޕް ޖޭގައި ރޭ ކުޅުނު އަނެއް މެޗުތަަކަށް ބަލާއިރު، އައިސްލެންޑް އަތުން 3-0 އިން ބޮސްނިއާ ވަނީ މޮޅުވެފަ އެވެ. އަދި ސްލޮވާކިއާ އާއި ލަގްޒެމްބާގް ކުޅުނު މެޗު ނިމިފައިވަނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހި އެވެ.