Advertisement

ޕޯޗުގަލްއާ އެކު ރޮނާލްޑޯގެ އަމާޒު އާ ރެކޯޑަކަށް

23 މާރިޗު 2023 - 12:05 0

ޕޯޗުގަލް އިން ޔޫރޯ ކޮލިފައިން އަށް ކުރިއަށްގެންދިޔަ ޓްރެއިނިން އެއްގެ ތެރެއިން ރޮނާލްޑޯ.


ޕޯޗުގަލްއާ އެކު ރޮނާލްޑޯގެ އަމާޒު އާ ރެކޯޑަކަށް

23 މާރިޗު 2023 - 12:05 0

ލިޒްބަން (މާޗް 23) - ރެކޯޑް ހެދުމަކީ އަބަދުވެސް ހާއްސަ ސަމާލުކަމެއް ބަހައްޓާ ކަމެއް ކަމަށް ބުނެ، ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމާ އެކު އާ ރެކޯޑަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ނޮވެމްބަރު/ ޑިސެމްބަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފަހު ދެ މެޗުގައި ރޮނާލްޑޯ، 38، އަށް ޕޯޗުގަލްގެ ފުރަތަމަ އެގާރަ އިން ފުރުސަތު ގެއްލުނެވެ. ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް ކޯޗުކަމުން ފެނާންޑޯ ސަންޓޯސް ވަކިވިއިރު، ޕޯޗުގަލްއާ ހަވާލުވީ ބެލްޖިއަމުން އިސްތިއުފާ ދިން ކޯޗު ރޮބާޓޯ މާޓީނޭޒް އެވެ. މާޓީނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް ކުޅޭ ފުރަތަަަމަ މެޗުތަކަށް ނެގި ސްކޮޑުން ރޮނާލްޑޯ އަށް ވަނީ ޖާގަ ދީފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ޕޯޗުގަލް އަށް 118 ގޯލު ޖަހައިދީފައިވާ ރޮނާލްޑޯ އަތުގަ އެވެ. ޕޯޗުގަލް ގައުމީ ޓީމަށް ރޮނާލްޑޯ 196 މެޗު ކުޅެދީފައިވާއިރު، މިއީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގައި ޔޫރަޕްގެ ރެކޯޑެކެވެ. އަދި މުޅި ދުނިޔޭގެ ރެކޯޑް ނިސްބަތަށް ބަލާއިރު، ކުވޭތުގެ ބަދެތު އަލް-މުތާވާ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދާފައިވަނީ ވެސް 196 މެޗު ކުޅެގެންނެވެ. އެހެންކަމުން، އެ ރެކޯޑް މުގުރާލަން ރޮނާލްޑޯ އަށް ބޭނުންވަނީ އެންމެ މެޗެކެވެ.

"ރެކޯޑަކީ އަހަރެންގެ މޮޓިވޭޝަން، އަހަރެން ބޭނުން ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ހަދަން، އެއީ އަހަންނަށް ފަހުރުވެރިވެވޭނެ ކަމެއް. މި ރެކޯޑާ ހަމައިން ނިންމާލަން ބޭނުމެއް ނޫން، އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ހިތްވަރު އަހަރެންގެ އެބަހުރި،" މިރޭ ލިޗެސްޓައިންއާ ދެކޮޅަށް ޔޫރޯ ކޮލިފައިންގައި ކުޅޭ މެޗުގެ ކުރިން ރޮނާލްޑޯ ބުންޏެވެ.

މި މެޗަށް ފަހު އަންނަ އާދިއްތަ ދުވަހުގެރޭ ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ކުޅޭނީ ލަގްޒެމްބާގާ ދެކޮޅަށެވެ. ރޮނާލްޑޯ އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅެދިނީ 2003 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ކަޒަކްސްތާނާ ދެކޮޅަށެވެ.

މިދިޔަ ނޮވެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލުމަށް ފަހު، ޖެނުއަރީ މަހު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ރެކޯޑް މުސާރަ އަކަށް ބަދަލުވި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގައި ހޭދަކުރި ފަހު ދުވަސްތަކާ ބެހޭގޮތުން ކަންކަން އޮޅުންފިލުވަން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ. އެ ގޮތުން ރޮނާލްޑޯ ބުނީ ޔުނައިޓެޑްގެ ކަންކަން އެއީ މާޒީ ކަަމަށާއި އެކަމަކު، ޔުނައިޓެޑުން ދިއުމަށް ފަހު، ދެން ކަންތައްތައް ހިނގާދިޔަ ގޮތްތަކަށް ބަލާއިރު، "އެކުވެރިންނަކީ ކޮންބައެއް ކަން" ރަނގަޅަށް އެނގިގެން ދިޔަ ކަމަށެވެ.