23 މާރިޗު 2023 - 07:39 0
ފާތިމަތު ސާޔާ އަހުމަދު
ރޯދައިގެ ސަބަބުން ޖިސްމާނީ އަދި ނަފުސާނީ ފައިދާތައް ވެސް ލިބޭ. -- ފޮޓޯ: ހަލީޖް ޓައިމްސް
23 މާރިޗު 2023 - 07:39 0
ކޮންމެ އަހަރަކު ވެސް ރޯދަ މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މުސްލިމުން ދުވާލުގެ ވަގުތު ރޯދަ ހިފަނީ އީމާންތެރިކަމުގެ ނަމޫނާ ދައްކަމުންނެވެ.
ރޯދަ ހިފުމުގެ ޖިސްމާނީ ފައިދާތައް ގިނަގުނަކަން ސައިންސްގެ އަލީގައި ހެކިދޭ އިރު، ރޯދައިގެ ނަފުސާނީ ފައިދާތައް ވެސް އެހާމެ ގިނަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ރޯދަ ހިފުމުން ޑިޕްރެޝަނާއި އެންޒައިޓީއިން ލުއި ލިބެ އެވެ. އަބޫ ދާބީގެ ބުރްޖީލް ހޮސްޕިޓަލްގެ ޑރ. ނަދާ އުމަރް އެލްބަޝީރް ވިދާޅުވީ އެކަން ދިރާސާތަކުން ދައްކާ ކަމަށެވެ.
"ރޯދަ ހިފާ މީހުންނަށް ޑިޕްރެޝަނާއި އެންޒައިޓީ އަދި ސްޓްރެސް ފަދަ ކަންކަމުން ލުއި ލިބޭ، އެ މީހުންނަށް ކުރިމަތިވާ އަލާމާތްތައް މަދުވޭ،" އޭނާ އަލް އަރަބިޔާ ނޫހަށް ވިދާޅުވި އެވެ.
"ނިޔުރޯޓްރާންސްމިޓާއަކީ ސިކުނޑީގައި ހިމެނޭ މުހިއްމު ކެމިކަލް ކޮމްޕޯނެންޓެއް. އޭގެން ފޮނުވާ ސިގްނަލްތަކުން އަޅުގަނޑުމެންގެ މަސައްކަތްތަކާއި، ވާހަކަ ދެއްކުމާއި، ވިސްނުމާއި، އިހުސާސްތަކަށް އަސަރުކުރޭ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަ ހިފުމުން ލޭގައި ސެރޮޓޮނިން އިތުރުވޭ. ސެރޮޓޮނިން މަދުވުމަކީ ޑިޕްރެޝަނާއި އެންޒައިޓީއާ ގުޅުން އޮންނަ ކަމެއް."
އެހެން ނަމަވެސް ނަފުސާނީ ބައްޔެއްގެ ސަބަބުން ބޭސް ކަމުންދާ ނަމަ ރޯދައިގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
"ބޭސް ކާ ގޮތާއި ވަގުތު ވަރަށް މުހިއްމު،" ބައިޕޯލާ ޑިސްއޯޑާ އާއި ސްކިޒޮފްރީނިއާ ފަދަ ބަލިތައް ހުންނަ ނަމަ ވަކިން ސަމާލުކަން ދޭން ޖެހޭ ކަމަށް އެ ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ޑުބާއީގެ އިންޓަނޭޝަނަލް މޮޑަން ހޮސްޕިޓަލްގެ ސައިކޭޓްރިސްޓް ޑރ. ފަރިނާޒް އަގަޖާން ނަޝްތާއީ ވެސް ވިދާޅުވީ ރޯދަ ހިފުމުން ވިސްނުމުގެ ގާބިލްކަން ވަރުގަަދަަވެ، އުމުރުން ދުވަސްވުމުން ވިސްނުމަށް ކުރާ އަސަރު ކުޑަކޮށްދޭ ކަަމަށެވެ.
"އެ އަސަރުތައް ކުރާ ކަމަށް ބެލެވެނީ ސިކުނޑީގެ ނިޔުރޯއެންޑޮކްރީން މެކޭނިޒަމްގެ ސަބަބުން. ޕްލާސްމާ ގްރެލިން އަދި ސެރޮޓިނިން އިތުރުވުމުން މޫޑް ރަނގަޅުވެ، ވިސްނުމުގެ ގާބިލްކަން އިތުރުވޭ."
އެހެން ނަމަވެސް ރޯދައިގެ ސަބަބުން ނަފުސާނީ ގޮތުން ލިބޭ ގެއްލުންތައް ހުންނަ ކަމަށް ވެސް ޑރ. ފަރިނާޒް ވިދާޅުވި އެވެ. އެގޮތުން ވަރުބަލިބެ މާ ބޮޑަށް ފެން ބޮވައި ގަތުމުން ސަމާލުކަން ދޭން އުނދަގޫވެ އެވެ.
އޭގެ އިތުރުން އިތުރުން ރޯދަ މަހު ނިންޖާއި ކެއުމުގެ އާދަކާދައަށް އަންނަ ކުއްލި ބަދަލުން ވެސް ބައެއް ކަހަލަަ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވެ އެވެ.
އެހެންކަމުން ޑޮކްޓަރުންގެ ލަފާއަކީ ރޯދަ މަހުގެ ތެރޭގައި އަމިއްލަ ނަފުސަށް އަޅާލުމުގައި ފަރުވާ ކުޑަ ނުކުރުމެވެ. ހަށިގަނޑުގެ ހައިޑްރޭޝަމް އިތުރުކޮށް، ދުޅަހެޔޮ ކާނާ ކެއުން މުހިއްމު ކަމަށް ޑޮކްޓަރުން ފާހަަގަކުރެ އެވެ.
Comment