Advertisement

އާސެނަލާ ދެކޮޅަށް ކުޅޭ އެމެރިކާ ލީގުގެ ތަރިންގެ ޓީމު ކޯޗަކަށް ރޫނީ

22 މާރިޗު 2023 - 13:36 0


އާސެނަލާ ދެކޮޅަށް ކުޅޭ އެމެރިކާ ލީގުގެ ތަރިންގެ ޓީމު ކޯޗަކަށް ރޫނީ

22 މާރިޗު 2023 - 13:36 0

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މާޗް 22) - އަންނަ ސީޒަނުގެ ޕްރީ ސީޒަނުގައި އެމެެރިކާ ލީގުގައި ކުޅޭ ތަރިންގެ ޓީމުން އާސެނަލާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އެެމެރިކާގެ ތަރިންގެ ޓީމުގެ ކޯޗަކަށް، އެމެރިކާގެ ޑީސީ ޔުނައިޓެޑާ ހަވާލުވެހުރި ކޯޗު އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ހަމަޖައްސައިފި އެވެ.

ޖުލައި، 19 ވަނަ ދުވަހު މި މެޗު ކުޅޭނީ ވޮޝިންޓަނުގައި ހުންނަ އޯޑީ ފީލްޑްގަ އެވެ. މިއީ، ރޫނީ، 37، ކުރިން ކުޅެ، މިހާރު ކޯޗުކޮށްދެމުން އަންނަ ޑީސީ ޔުނައިޓެޑްގެ ހޯމް ސްޓޭޑިއަމް އެވެ. އާސެނަލުން މީގެ ކުރިން ވެސް ވަނީ އެމެރިކާގެ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ތަރިންގެ ޓީމަކާ ދެކޮޅަށް 2016 ވަނަ އަހަރު މެޗެއް ކުޅެފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި ސީޒަނުގައި އާސެނަލުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ފަހަތުގައި އެ ޓީމުން ސީޒަނަށް ތައްޔާރުވާން ފުރިހަމަ ކުރި ޕްރީ ސީޒަން އިސް ދައުރެއް އަދާކުރާ ކަމަށެވެ. އެ ގޮތުން ޕްރީ ސީޒަން ޓުއާތަކުގެ ތެރެއިން އެމެރިކާގައި ކުރިއަށްދިޔައީ ވަރަށް ރަނގަޅު ބައެއް ކަމަށް އާޓެޓާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"އެމްއެލްއެސް އޯލްސްޓާއާ ދެކޮޅަށް (ޖުލައި މަހު) ކުޅޭ މެޗަކީ އަންނަ ސީޒަނަށް ތައްޔާރުވެލަން ލިބޭ ރަނގަޅު ތަޖުރިބާ އަކަށްވާނެ،" އާޓެޓާ ބުންޏެވެ.

ޖުލައި 19 ވަނަ ދުވަހު ކުޅޭ އެ މެޗު އެޕަަލް ޓީވީން ވަގުތުން ފެންނާނެ އެވެ. މިއީ އެމެރިކާގެ ފުޓްބޯޅަ އަނެއް ހަރުފަތަށް ގެންދިއުމުގެ ވިސްނުމުގައި އެޕަލް ޓީވީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ވަގުތުން ދައްކާނެ ފުރަތަމަ މެޗުތަކުގެ ތެރެއިން މެޗެކެވެ.

ޑީސީ ޔުނައިޓެޑަށް 2018 އާއި 2019 ވަނަ އަހަރު ކުޅެދިން ރޫނީ، ކޯޗިން ކެރިއަރު ފެށީ 2020 ވަނަ އަހަރު ޑާބީ ކައުންޓީގެ ޕްލޭޔާ ކޯޗެއްގެ ގޮތުގަ އެވެ. ފަހުން ޑާބީގެ ފުލްޓައިމް ކޯޗަކަށް ބަދަލުވެ، ރޫނީ އަށް ކުރަން ޖެހުނީ އުނދަގޫ ތަޖުރިބާ އެކެވެ.

އެޑްމިނިސްޓްރޭޓިވް މައްސަލަތަކާ ހެދި މާލީ އަޑިގަނޑަކަށް ކްލަބް ވެއްޓުނުއިރު، އަމިއްލަ ޖީބުން ހަރަދުކޮށްގެން ވެސް ރޫނީ ވަނީ އެ ކްލަބްގެ ބައެއް ކަންކަން ހަމަޖައްސައިފަ އެވެ. ރޫނީ މިދިޔަ އަހަރު ޑާބީގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު، ޑީސީ ޔުނައިޓެޑާ ހަވާލުވީ ޖުލައި މަހު އެވެ.