Advertisement

ރައީސްގެ ސެކިއުރިޓީ ބްރީޗްވުމުގައި އިހުމާލުވީ ފުލުހުންތޯ ސިފައިންތޯ ބަލަނީ

21 މާރިޗު 2023 - 13:09 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރޭ ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ރައީސްގެ ބޮޑީގާޑުންނާއި، ހަތިޔާރުއެޅި ސިފައިން ބަލަހައްޓަނީ. -- ފޮޓޯ: ޝަހީދު


ރައީސްގެ ސެކިއުރިޓީ ބްރީޗްވުމުގައި އިހުމާލުވީ ފުލުހުންތޯ ސިފައިންތޯ ބަލަނީ

21 މާރިޗު 2023 - 13:09 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކިއުރިޓީ ބްރީޗް ވުމުގައި އިހުމާލުވީ ސިފައިންތޯ ނުވަތަ ފުލުހުންތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއެޅީ ރޭ 11:00 ހާއިރު ރައީސް ސޯލިހުގެ ދެކަނބަލުން، ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި އޮތް ހަފުލާއަށް ފަހު މާލެ ވަޑައިގެންނެވި ވަގުތެވެ.

މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލަން ނިންމާފައިވާއިރު އެންމެ ފުރަތަމަ ކުރަމުންދަނީ ރޭގެ ހާލަތު ދެނެގަތުމުގެ މަސައްކަތެވެ.

މިއަދުގެ ކޮމިޓީގައި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން ވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ހިނގައިދިޔަ ކަމެއް ނަމަވެސް، ކޮމިޓީގެ މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ މަގުމަތީގައި ހަރަކާތެއްގެ ތެރެއަށް ރައީސްގެ މޮޓަރުކޭޑު ވަނުން ކަމަށެވެ.

"ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓުގައި ވަރަށް ބޮޑަށް އަޅުގަނޑުމެން ފާހަގަކޮށްފައި އޮންނާނެ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް މުއާމަލާތް ކޮށް ކޮމިއުނިކޭޓު ކުރުމުގައި ހަރުދަނާކަން ގެންގުޅެން ޖެހޭ ކަން ފާހަގަކޮށްފައި، އަޅުގަނޑަށް ފެންނަ މަންޒަރަކީ ލަފާ ކުރެވޭ ކަމަކީ މިކަން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަން،" ގައްސާން ވިދާޅުވި އެވެ.

ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ދެ އިދާރާގެ މެދުގައި ކޯޑިނޭޝަންް ކުރިއަށް އޮތް ގޮތް ބެލުމަށް އެދިފަ އެވެ.

ކޮމިޓީގައި ވާހަކަ ދެއްކި ގިނަ މެންބަރުން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން މަނާކޮށްފައިވީނަމަވެސް، ޕީޕީއެމުން ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި އޮފީސް ކައިރިއަށް އެއްވާތާ އެތައް ދުވަހެއް ވެފައިވާ ކަމަކީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. ވީއިރު، އެކަން އެނގިތިބެމެ އެތަނަށް ކާރު ވަނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

އަދި މީގެ ކުރިން ވެސް އެކަމާ ގުޅިގެން ރޫޓު ބަދަލުކޮށްފައިވާއިރު ރޭގައި އެގޮތަށް އެކަން ކޮށްފައިނުވަނީ ކީއްވެތޯ ބަލަން ޖެހޭ ކަން މެންބަރުން ފާޙަގަކުރެއްވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ކޮމިޓީއަށް ދެ ކަމެއް ހުށަހަޅައިފަ އެވެ. އެއީ ރައީސްގެ މޮޓަރުކޭޑުގެ ރޫޓު ސޭފްތޯ ބެލިތޯއާއި ގަސްދުގައި ބަޔަކު މޮޓަރުކޭޑަށް ހުރަސް އެޅިތޯ ބެލުމަށެވެ.

އެކަމަށް ތާއީދުކުރައްވައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ އެއްވެސް ބަޔަކަށް ރައީސްގެ މޮޓަރުކޭޑަށް ހުރަސް އެޅުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށާއި އެކަން ހިނގައިދިޔަ ގޮތެއް ކޮމިޓީން ބަލަން ޖެހޭ ކަމަށެވެ.

ހަމައެހެންމެ، ހާދިސާއަށް ފަހު އަމަލުކުރަމުންދާ ގޮތާއި ތަހުގީގު ކުރިއަށް ދާ ގޮތް ބެލުމަށް ވެސް ހިސާން ހުށަހެޅުއްވި އެވެ.

ފުރުސަތު ފަހިވި ގޮތް ބަލަން ޖެހުނު ނަމަވެސް ހިސާން ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތަކާ ގުޅޭ ކަންކަމެއް ކޮމިޓީއަށް ނުބެލޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ސެކިއުރިޓީ ސާވިސަސް އާ ގުޅިފައި އޮތްތޯ ނެތްތޯ، މައުލޫމާތު ކިހާ ހިސާބަކަށް ގޮސްފައި އޮތްތޯ އެއީ އަޅުގަނޑުމެން ބަލާލަން ޖެހޭ ކަންކަމެއް، އެއާއެކު ހާދިސާ ހިނގުމަށް ފަހު ދެން ސެކިއުރިޓީ ފޯސަސް އިން އަމަލު ކުރި ގޮތާއި ގެނައި ޗޭންޖަސްއާއި ކީއްވެތޯއާ،" ހިސާން ވިދާޅުވި އެވެ.

ކޮމިޓީން ނިންމީ މި ކަންކަން ބެލުމަށް ސިފައިންނާއި ފުލުހުންގެ އިދާރާގައި އެދުމަށެވެ. އެއަށް ފަހު ދިރާސާ ކުރިއަށް ގެންދިއުމަށެވެ.

މޭ ހަޔަކާ ގުޅިގެން 241 ކޮމިޓީން ނެރުނު އިންކުއަރީ ރިޕޯޓުގައި ދީފައިވާ ރިކޮމެންޑޭޝަންތަކުގައި ހުރި މިކަމާ ގުޅޭ ކަންކަމާމެދު އަމަލު ކުރެވެމުންދާ ގޮތް ބެލުމަށް ވެސް ކޮމިޓީން ނިންމި އެވެ.