Advertisement

އަސްލަމްގެ ކަންބޮޑުވުން؛ ރައީސްގެ މޮޓޯކޭޑު ހުއްޓުވިގެން ނުވާނެ، 241 ކޮމިޓީން މައްސަލަ ބަލަނީ

21 މާރިޗު 2023 - 11:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އަސްލަމްގެ ކަންބޮޑުވުން؛ ރައީސްގެ މޮޓޯކޭޑު ހުއްޓުވިގެން ނުވާނެ، 241 ކޮމިޓީން މައްސަލަ ބަލަނީ

21 މާރިޗު 2023 - 11:23 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލަން ފަށާފައިވާއިރު އެ ހާދިސާއަކީ އެއްވެސް ހާލަތެއްގައި ހިނގައިގެން ނުވާނެ ހާދިސާއެއް ކަމަށް ވިދާޅުވެ އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއެޅީ ރޭ 11:00 ހާއިރު ރައީސް ސޯލިހުގެ ދެކަނބަލުން، ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި އޮތް ހަފުލާއަށް ފަހު މާލެ ވަޑައިގެންނެވި ވަގުތެވެ.

މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލަން ނިންމާފައިވާއިރު އެންމެ ފުރަތަމަ ކުރަމުންދަނީ ރޭގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކަމަށާއި ސެކިއުރިޓީ ދިނުމުގައި ކަންކަން ހިނގާފައިވާ ގޮތް ކޮމިޓީން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ވެސް މިއަދު "އަދަދު" އާ ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

"ކަންބޮޑުވުމަކީ އެކަން އެއީ އެގޮތަށް ދިމާވާން ޖެހޭ ކަމެއް ނޫން. މަގުތަކުގެ ހާލަތު ވެސް އެނގެން ވާނެ. ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު ރޭވިގެން ގޮސް ބަޔަކު ހުއްޓުވާ ހަމަ ނަފްސާނީ ގޮތުން ވެސް ޖިސްމާނީ ގޮތުން ވެސް ސަލާމަތާއި ރައްކާތެރި ކަމަށް ގެއްލުން ދެވޭ ގޮތަށް [މޮޓޯކޭޑު] ހުއްޓުވާފައި އޮތީ،" ރޭގެ ހާދިސާއާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.

އެ ވަގުތު ކޮންމެފަދަ ކަމެއް ހިންގުމުގެ ޖާގަ އޮތް ކަމަށް ވިދާޅުވެ އަސްލަމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލާގައި ޝާމިލުވާ މުއައްސަސާތަކުން އެކަން ތަހުގީގު ކުރަމުންދާތޯ ބަލާނެ ކަމަށާއި ސެކިއުރިޓީ ފެއިލިއާއެއް ކަމަށް ދަންނަވަން އެނގޭނީ މައްސަލަ ރަނގަޅަށް ބެލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ކުޑަކުޑަ ގައުމެއް. ހުއްޓޭކަށް ނުޖެހޭ. ރޫޓުތައް ބޭނުން ކުރެވޭ ގޮތާއި ހުރިހާ ކަމެއް ބެލެން ޖެހޭ،"

އިދިކޮޅު މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން އެތަނުގައި ތިބި ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރި ތަނެއް ފެނިފައެއް ނުވެ އެވެ. ރައީސްގެ ކާރުކޮޅު އެތަނުގައި ހުއްޓި 15 ވަރަކަށް މިނެޓު އޮތެވެ.

"އެތަނުގައި ކާރު ހުއްޓައިގެން ފަހަތަށް ޖަހަޖަހައި އޮންނާކަށް ނުޖެހޭނެ. އެތަން ކްލިއާ ކުރެވެން ޖެހޭނެ،" އަސްލަމް ވެސް މިއަދު ވިދާޅުވި އެވެ.

މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އެވެ. ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.

މި މައްސަލާގައި އެމްއެންޑީއެފަށް ބޮޑެތި ފާޑުކިޔުުންތަކެއް އަމާޒުވެފައިވާއިރު އެކަން ބަލަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އިތުރު ތަފުސީލެއް ހާމަކޮށްފައި ނުވާއިރު ފުލުހުން ވަނީ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ.