Advertisement

އަނިޔާގެ ސަބަބުން ރަޝްފޯޑް އިންގްލެންޑް ޓީމުން ބާކީކޮށްފި

21 މާރިޗު 2023 - 10:29 0


އަނިޔާގެ ސަބަބުން ރަޝްފޯޑް އިންގްލެންޑް ޓީމުން ބާކީކޮށްފި

21 މާރިޗު 2023 - 10:29 0

ލަންޑަން (މާޗް 21) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ފުލަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަހަތުން އަރައި މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޔޫރޯ ކޮލިފައިން މެޗުތަކަށް ނެގި އިންގްލެންޑްގެ ސްކޮޑުން މާކަސް ރަޝްފޯޑް ބާކީކޮށްފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ފޯވާޑަކީ ރަޝްފޯޑް އެވެ. ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި 27 ގޯލު ޖަހާފައިވާ ރަޝްފޯޑްގެ އެ ގޯލުތަކުގެ ތެރެއިން، 19 ގޯލު ފެނިގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު އަލުން ކްލަބް ފުޓްބޯޅަ ސީޒަން ފެށި ފަހުންނެވެ.

ރަޝްފޯޑް، 25، އަށް ލިބުނު އަނިޔާގެ ތަފްސީލެއް މީޑިއާގައި ހާމަކޮށްފައިނުވި ނަމަވެސް މެޗުތަކުގައި ނުކުޅެވޭނެކަމަށް އެނގުމުން އިނގިރޭސި ޓީމުގެ މެޑިކަލް ޓީމުގެ ލަފާގެ މަތިން ނިންމާފައިވަނީ ރަޝްފޯޑް ޓީމުން ބާކީކުރުމަށެވެ.

އަނިޔާއާ ހެދި ރަޝްފޯޑްގެ އިތުރުން، ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓް އާއި ނިއުކާސަލް ޔުނައިޓެޑްގެ ގޯލްކީޕަރު ނިކް ޕޯޕް ވެސް ވަނީ ސްކޮޑުން ވަކިވެފަ އެވެ. ސްކޮޑަށް ނެގި ހަމައެކަނި ކުޅުންތެރިއަކީ ޓޮޓެންހަމް ހޮޓްސްޕާސްގެ ގޯލު ބަލަހައްޓަމުން އަންނަ ފްރޭޒާ ފޮސްޓާ އެވެ.

ޔޫރޯ ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ އިންގްލެންޑުން ކުޅޭނީ އިޓަލީއާ އެވެ. މީގެ ދެ އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންގްލެންޑް ވަނީ އިޓަލީ އަތުން ޕެނަލްޓީ ޖަަހައިގެން ބަލިވެފަ އެވެ. އިޓަލީއާ ކުޅުމަށް ފަހު، އިންގްލެންޑުން ތިން ދުވަސް ފަހުން، ޔޫކްރެއިނާ ބައްދަލުކުރާނެ އެވެ.