Advertisement

ރައީސްގެ މޮޓޯކޭޑު ނުރައްކަލަކަށް ހުށަހެޅުނީ ސިފައިންގެ އިހުމާލުން؟؟

21 މާރިޗު 2023 - 12:07 5

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑު ރޭ ތާށިވެފައި: އެ މައްސަލައާ ގުޅިގެން އަދި ސިފައިން އެއްޗެކޭ ނުބުނޭ -- ފޮޓޯ: ޕީޕީއެމް


ރައީސްގެ މޮޓޯކޭޑު ނުރައްކަލަކަށް ހުށަހެޅުނީ ސިފައިންގެ އިހުމާލުން؟؟

21 މާރިޗު 2023 - 12:07 5

ހޭން ވެސް ރޯން ވެސް ނޭނގިފަ އެވެ. ހިނި އަންނަންޖެހޭ ފަދަ ހެއްވާ ކަމެއްވީމަ އެވެ. އަޑުން އަޑުނަގައި ރޯންޖެހޭފަދަ ސީރިއަސް ކަމެއް ދިމާވީމަ އެވެ.

ބޮޑުތަކުރުފާނު މަގުގައި އިދިކޮޅުން ކެނޑިނޭޅި ގަވާއިދުން ކޮންމެ ރެއަކު މުޒާހަރާ ކުރާތާ އެތައް މަހެއް ވެއްޖެ އެވެ. އެ ގަޑީގައި އެ ސަރަހައްދު ބާރުބޮޑުވެ، ޓްރެފިކް ޖެހޭނެކަން އެނގޭތީ އާންމު މީހަކަށް ވެސް އެ ސަރަހައްދާ ގާތްނުވާން ދަސްވާހާ ދުވަހެވެ.

އެކަމަކު އިދިކޮޅުން ރޭ އެތަނުގައި އެއްވެ ތިބި ވަގުތު، ދުނިޔޭގެ ފެންވަރުގެ ޓްރެއިނިން ހަދައިގެން، ދެ ކޮނޑު އެލޭ ވަރަށް ފަށްތައް އަރާފައިތިބި އެމްއެންޑީއެފްގެ ސެކިޔުރިޓީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ގެންދިޔައީ ޕީޕީއެމްގެ މުޒާހަރާގެ މެދަށެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅައި، މުޒާހަރާގެ ބައިވެރިން އެމަނިކުފާނުގެ ކާރުކޮޅު ވަށާލައިގެން ކުރިމަތިކުރުވީ ބިރުވެރި ވަގުތުކޮޅެކެވެ. ކޮންމެ ކަމެއްވެސް އެގަޑީގައި ހިނގުމުގެ ފުރުސަތު އޮތެވެ. އޭގައި އިދިކޮޅު ސަޕޯޓަރުން ގޯހެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅައިގެން ނުވާނެ އެވެ.

އެކަމަކު އެންމެ އާދައިގެ ރައްޔިތު މީހާ ވެސް ފަރިތަވެފައި އޮތްކަމެއް، ރައީސުލްޖުމްހޫރިއްޔާއަށް ސެކިޔުރިޓީ ދޭން ތިބި ބަޔަކަށް ނޭނގުމަކީ މާ ސީރިއަސް މައްސަލައެކެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާއެއް ކުރިއަށްދަނިކޮށް، އެ ސަރަހައްދުން މޮޓޯކޭޑު ދަތުރުކުރަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނެ އެވެ.

އެއީ މުޒާހަރާއެއް ވިޔަސް ނޫނީ، ރޯދައަށް މަސްދަޅު ބަހާތީ ގިނަ ބަޔަކު އެއްވެ ތިބި ސަރަހައްދަކަށް ވިޔަސް، ސެކިޔުރިޓީންނަށް ކޮންޓްރޯލެއް ނޯންނާނެ ގޮތަށް ގައުމުގެ ވަލީއުލްއަމްރު ގޮވައިގެންދާ މޮޓޯކޭޑު އެ ސަރަހައްދަކަށް ވަނުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމީ އެއްވެސް ޓްރެއިނިންއެއް ނުހަދައި ހުރި އާންމު މީހަކަށް ވެސް އެނގޭނެ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ބޮމުގެ ހަމަލާއަކީ އިންޓެލިޖެންސް ފެއިލިއާއެއް ކަމަށް އޮތީ އެއްބަސްވެފަ އެވެ. އެކަމަކު ރޭ ހިނގީ އެ ބުނާ އިންޓެލިޖެންސެއް ބޭނުންވާ ކަމެއް ނޫނެވެ. ކޮންމެ ރެއަކު އެ ސަރަހައްދުގައި ކުރާ ކަމެކެވެ. އެންމެނަށް އެނގޭ ކަމެކެވެ. އެއީ ސަލާމަތް ބުއްދި އެކަނި ބޭނުންކުރިޔަސް ފުދޭނެ ވަރުގެ ކަމެކެވެ. ރައީސްގެ މޮޓޯކޭޑު ނުރައްކަލަކަށް ހުށަހެޅުމުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނޫނީ ހުއްޖަތެއް ނެތެވެ.

ރޭގެ ހާދިސާއިން އެނގޭ ކަމަކީ، ނަޝީދުގެ ހަމަލާއަށްފަހު ވެސް އެކަށީގެންވާ މިންވަރަށް ކަންކަން ރަނގަޅުނުވާ، ނޫނީ ނުކުރާ ކަމެވެ. ނުރައްކާތެރި ހާދިސާއެއް އަލުންވެސް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނޭކަމުގެ ޝައްކާއި ވަހުމު ވެސް އެތައް ބައެއްގެ ހިތުތެރޭގައި ހިނގައިފި އެވެ. މިއީ ރައީސްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ޒިންމާ އޮތް ބަޔަކު ހެދި ބޮޑު ގޯހެއް ނޫނޭ ނުބުނެވޭނެ އެވެ.

ހަވާލުކޮށްފައި އޮތް ޒިންމާ އަދާކުރާށެވެ. ކަންހިނގައި ދިޔަ ގޮތް ނަމެއްގައި ބަލަނިއްޔޭ ބުންޏަސް މިފަހަރަކު ގަބޫލެއް ނުކުރެވޭނެ އެވެ. ކޮންމެވެސް ބަޔަކު ޒިންމާ ކުރުވަންޖެހެ އެވެ. ފިޔަވަޅުއަޅައި މަގާމުތަކުން ދުރުކުރެވެންޖެހެ އެވެ. އިދިކޮޅުން ތުހުމަތު ކުރަނީ ރޭ ހިނގީ ގަސްދުގައި ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. އަދި އެކަމަކީ ރާވައިގެން ކުރި ކަމެއް ނޫން ނަމަ، ދެން ސުވާލު އުފެދެނީ ރައީސުލްޖުމްހޫރިއްޔާއަށް ސެކިއުރިޓީ ދޭ ފައުޖުތަކުގެ ގާބިލުކަމާއި، ހުށިޔާރުކަމާމެދު އެވެ.

ރާއްޖޭގެ އެންމެ ހައި ޕްރޮފައިލް އަދި އެންމެ ރިސްކު ބޮޑު ދެ ރައީސުންގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ނަމަ، ގައުމު ދިފާއުކުރެވޭނެ ކަމާމެދު ހަމަ ހަގީގަތުގައި ވެސްް މިހާރު އިތުބާރެއް ނެތެވެ.