Advertisement

ރައީސްގެ ސެކިޔުރިޓީ ފެއިލްވުމުން މާރިޔާ ވަކިކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްފި

21 މާރިޗު 2023 - 09:59 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މިދިޔަ އަހަރު ބޭއްވި ވިއަވަތި ކޮންފަރެންސްގައި މާރިޔާ މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ސެކިޔުރިޓީ ފެއިލްވުމުން މާރިޔާ ވަކިކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްފި

21 މާރިޗު 2023 - 09:59 0

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި، އެމަނިކުފާނަށް ދޭ ސެކިޔުރިޓީ ފެއިލްވުމުގެ ޒިންމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަންގަވަންޖެހޭ ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރަން ގޮވާލައި އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ރޭ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންނެވި ވަގުތު ޕީޕީއެމް ސަޕޯޓަރުން ދިޔައީ އެ ޕާޓީގެ އޮފީސް ދޮރުމަތީގައި އަޑުއުފުލަމުންނެވެ.

މޮޓާކޭޑު ކުރިއަށްދާން މުޒާހަރާގެ ބައިވެރިން ފުރުސަތު ނުދިނުމުން މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އެވެ. ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.

އެކަމާ ގުޅިގެން ފަރެސްމާތޮޑާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، އިދިކޮޅުގެ އެއްވުމެއް ކުރިއަށްދިޔަ ވަގުތެއްގައި އެ ސަރަހައްދަށް ރައީސްގެ މޮޓޯކޭޑު ވަނުމަކީ ނޭނގި ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެކަމަކީ ވަރަށް ބޮޑަށް ރޭވިގެން ހިނގާފައިވާ އަމަލެއް ކަމަށް ވެސް އެ ކުއްލި މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ.

އޭގެ އިތުރުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ސެކިޔުރިޓީ ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާކަން ހާމަވެފައިވަނިކޮށް، ރައީސް ސޯލިހުގެ ސެކިޔުރިޓީ ބްރީޗުވުމުގެ ޒިންމާ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ ނަންގަވަންޖެހޭނެ ކަމަށް އެ މައްސަލައިގައި ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން، މާރިޔާގެ އެ މަގާމުން ވަކިކުރުމުގެ އިތުރުން ރައީސްގެ ސެކިޔުރިޓީ ގަސްދުގައި ބްރީޗުކޮށްލި މައްސަލަ ތަހުގީގުކުރުމަށް ހުސެއިން މުހައްމަދު ލަތީފް ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް، އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލާފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވި 17 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ރޭގެ އެ ހާދިސާއާ ގުޅިގެން ޖުމްލަ 22 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އިދިކޮޅު ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިމެނުނު ނަމަވެސް، އޭނާ ފުލުހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

ނަމަވެސް، ޝިޔާމް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށްބުނެ، މަޖިލީހުގެ އިދާރާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.