Advertisement

ޝިޔާމް ހައްޔަރުކުރިކަން ނާންގާތީ މަޖިލީހުގެ ކަންބޮޑުވުން

21 މާރިޗު 2023 - 09:27 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިދިކޮޅުން މީގެ ކުރިން ބޭއްވި އެއްވުމެއްގައި މެމްބަރު ޝިޔާމް. -ފައިލް ފޮޓޯ: މިރާޝް ނާޝިމް


ޝިޔާމް ހައްޔަރުކުރިކަން ނާންގާތީ މަޖިލީހުގެ ކަންބޮޑުވުން

21 މާރިޗު 2023 - 09:27 0

ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކުރި ކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހަށް އަންގާފައިނުވާ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި 22 މީހުންގެ ތެރޭގައި ޝިޔާމް ވެސް ހިމެނުނެވެ. މެމްބަރު ޝިޔާމް ހައްޔަރުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުށަހަޅައި ހުއްޓުވުމާ ގުޅިގެންނެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން ވަނީ ޝިޔާމް ދޫކޮށްލާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝިޔާމް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ)


ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެންް ނޫނީ ތަހުގީގު ކުރިއަށް ގެންދެވެންނެތް ހާލަތެއްގައި، މެމްބަރަކު ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، ބަންދުކުރެވޭތާ ގިނަވެގެން އެއް ގަޑިއިރު ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ އަމާން އާންމަށް އަންގަންވާނެ އެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްފި ނަމަ، އެއް ގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް ނުވަތަ އަމާންއާންމަށް އަންގަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"...އާންމުކޮށް މީގެ ކުރިން އަންގަމުންދަނީ. ނަމަވެސް ނައިފަރު ދާއިރާގެ މެމްބަރު ހައްޔަރުކުރުމަށްފަހު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަތަރު ގަޑިއިރެއްހާއިރު ތެރޭގައި އޭ ދޫކޮށްލީ، އެހެންނަމަވެސް މަޖިލީހަކަށް އަންގާފައި އެއް ނެތް،" އީވާ ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު އީވާ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

ޝިޔާމް ހައްޔަރުކުރުން ކުށްވެރިކޮށް ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ޕީޕީއެމުން ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވައި ޝިޔާމް ހައްޔަރު ކުރުން ބަލައި ނުގަނެވޭ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއެޅިއިރު ޝިޔާމް އެ ސަރަހައްދުގައި ނެތް ކަމަށާއި ޝިޔާމް ހައްޔަރުކުރީ ފުލުހުންނާއި ސިފައިންގެ ފެއިލިއާ ފޮރުވައި ޒިންމާއިން ރެކުމަށް ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

"ސުލްހަވެރި އިހުތިޖާޖު ނިންމާލުމަށްޓަކައި، ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. އަދި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި އަމަލެއްގެ ގޮތުގައި ތުހުމަތު ކުރަން.. އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ އަމަލެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ރޭގެ ހާދިސާއިން ފެނިގެންދަނީ ފުލުހުންނާއި ސިފައިންގެ އެންމެ މަތިން ފެށިގެން ފެއިލްވެފައިވާކަން ކަމަށާއި އެ ދެ އިދާރާ އިސްލާހުކުރަން މިނިވަން މުސްތަގިއްލު ފަރާތަކުން އެ ހާދިސާ ތަހުގީގުކުރުމަށް ވެސް އިދިކޮޅު މައި ޕާޓީއިން ވަނީ ގޮވާލަފަ އެވެ.