Advertisement

ދައުވާ ކުރެވެން ނެތް ކަމަށް ބުނެ 4 ކިލޯގެ "ހެރޮއިން" އާއެކު ހައްޔަރުކުރި މީހުން ދޫކޮށްލައިފި

21 މާރިޗު 2023 - 08:59 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: ހަތަރު ކިލޯގެ ހެރޮއިން އަތުލި ކަމަށް ވިދާޅުވެ ހަމީދު ވަނީ ޓުވީޓު ކުރައްވާފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދައުވާ ކުރެވެން ނެތް ކަމަށް ބުނެ 4 ކިލޯގެ "ހެރޮއިން" އާއެކު ހައްޔަރުކުރި މީހުން ދޫކޮށްލައިފި

21 މާރިޗު 2023 - 08:59 4

ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ މި މަހު ކުރީކޮޅު މާލެއިން ހަތް ކިލޯގެ ހެރޮއިންއާއެކު ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މި ފަސް މީހުން ދޫކޮށްލާފައިވަނީ އެ ފޮރެންސިކް ޓެސްޓުތައް ހެދިއިރު އެ ތަކެއްޗަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ހިމެނޭ މަސްތުވާތަކެތީގެ ލިސްޓުގައި ކަނޑައަޅާފައިވާ ބާވަތަކަށް ނުވާތީ ކަމަށެވެ.

އަދި، އެ ފަސް މީހުން ދޫކޮށްލާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ލަފަޔާއެކު ދައުވާ ކުރެވޭނެ ތަނެއް ނެތުމުން ކަމަށާއި އިއްޔެ އެ މީހުން ބަންދުން ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިހެން ވިދާޅުވި ނަމަވެސް މި މަހު ހަތެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފަސް މީހުންގެ އަތުން ފެނުނީ 'ހެރޮއިން' ކަމަށެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައި އޮންނަ މަސްތުވާތަކެތީގެ ލިސްޓުގެ 40 ގައި ހެރޮއިންގެ ސައިޓިފިކް ނަންކަމުގައިވާ 'ޑައަމޯފިން' އޮވެ އެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ގާނޫނުގެ 121 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމަށް ނުވިނަމަވެސް، މަސްތުވެގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ކުށެއް ކަމަށެވެ.