Advertisement

އިންޑިއާގައި ފިލައިގެން އުޅޭ ދީނީ ލީޑަރަކު ހައްޔަރު ކުރަން ބޮޑު އޮޕަރޭޝަނެއް

21 މާރިޗު 2023 - 10:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސީކް ދީނުގެ ލީޑަރު އަމްރިތުޕާލް ސިންގް. -- ފޮޓޯ: ބީބީސީ


އިންޑިއާގައި ފިލައިގެން އުޅޭ ދީނީ ލީޑަރަކު ހައްޔަރު ކުރަން ބޮޑު އޮޕަރޭޝަނެއް

21 މާރިޗު 2023 - 10:01 0

އިންޑިއާގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފިލައިގެން އުޅޭ ސީކް ދީނުގެ ލީޑަރަކު ހައްޔަރު ކުރަން ޕަންޖާބް ސްޓޭޓުގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެ އެވެ.

އެ ސްޓޭޓުގައި މޮބައިލް އިންޓަނެޓުގެ ހިދުމަތް މެދުކަނޑާލާފައިވާ އިރު، ސީކް ދީނުގެ ލީޑަރު އަމްރިތުޕާލް ސިންގްއަށް ސަޕޯޓު ކުރާ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަގުތައް ބަންދުކޮށް ޗެކްޕޮއިންޓު ހަދާފައިވާ އިރު، ކާރެއްގެ ފަހަތުން ފުލުހުން ދުއްވި މަންޒަރު ވަގުތުން ސްޓްރީމް ކުރި އެވެ. އެހެން ނަމަވެސް އަދިވެސް އަމްރިތުޕާލް ސިންގް ނުފެނެ އެވެ.

އަމްރިތުޕާލް ސިންގްއަކީ އިންޑިއާއާ ވަކިން ސީކް ދީނުގެ މީހުންނަށް ހާއްސަ ގައުމެއް އޮންނަން ޖެހޭ ކަމަށް ވަކާލާތުކުރާ މީހެކެވެ. މީގެ ކުރިން 1980 ގެ އަހަރުތަކުގައި ވެސް އެކަމަށް ވަކާލާތު ކުރި ބަޔަކާ ދެކޮޅަށް އިންޑިއާގައި ދާހިލީ ހަނގުރާމައެއް އޮތެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަމްރިތުޕާލް ސިންގްގެ ވިސްނުންތައް ބިނާވަނީ 1980 ގެ އަހަރުތަކުގައި އުޅުނު ސީކް ލީޑަރު ޖަރްނައިލް ސިންގް ބިންދްރަންވާލޭގެ ވިސްނުންތަކުގެ މައްޗަށެވެ.

އިންޑިއާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޖަރްނައިލް ސިންގް ވެސް ވަނީ ހަލިސްތާނުގެ ނަމުގައި ސީކް ދީނުގެ މީހުންނަށް ވަކި ގައުމެއް ގާއިމްކުރަން މަސައްކަތްކޮށްފަ އެވެ. އޭނާ މަރާލީ އިންޑިއާގެ ސިފައިން 1984 ވަނަ އަހަރު ހިންގި "އޮޕަރޭޝަން ބްލޫ" ގެ ތެރެއިންނެވެ.

އާދީއްތަ ދުވަހު ހަލިސްތާނުގެ ބެނާތައް ހިފައިގެން ތިބި ބަޔަކު ލަންޑަންގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ކައިރިއަށް އެއްވި އެވެ. އެ އިމާރާތުގައި ނަގާފައި ހުރި އިންޑިއާގެ ގައުމީ ދިދަ ތިރިކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. އެކަމާ ހިތްހަމަނުޖެހި ނިއު ދިއްލީގައި ހުންނަ އިނގިރޭސި ޑެޕިއުޓީ ސަފީރު އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި އެވެ.

ޕަންޖާބް ސްޓޭޓުގައި އިންޓަނެޓް ކަނޑާލީ ހޯމަ ދުވަހު އެވެ. ފުލުހުން ބުނީ އުމުރުން 30 އަހަރުގެ އަމްރިތުޕާލް ސިންގްއަށް ތާއީދުކުރާ މީހުން ހައްޔަރު ކުރީ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.

އަމްރިތުޕާލް ސިންގް ބޭނުންކުރި ކާރަކާއި ގިނަ އަދަދެއްގެ ހަތިޔާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ ހަފުތާތަކެއް ކުރިން އޭނާގެ ސަަޕޯޓަރުން ވަނީ ޕޮލިސް ސްޓޭޝަނަކަށް ކަނޑި ހިފައިގެން ވަދެގަނެ، އެ މީހުންގެ އެކުވެރިއަކު މިނިވަން ކުރަން މަޖުބޫރުކޮށްފަ އެވެ.