Advertisement

ދެ އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ލީގުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ބަލިވެއްޖެ

20 މާރިޗު 2023 - 11:58 0


ދެ އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ލީގުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ބަލިވެއްޖެ

20 މާރިޗު 2023 - 11:58 0

ޕެރިސް (މާޗް 20) - ފްރެންޗް ލީގުގައި ރޭ ރެނެސް އަތުން 2-0 އިން ބަލިވެ، ދެ އަހަރު ތެރޭ ލީގުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަމިއްލަ ދަނޑުގައި މެޗަކުން ބަލިވެއްޖެ އެވެ.

ރޭގެ މެޗުގެ ކުރިން އެންމެ ފަހުން، ޕީއެސްޖީ، ފްރެންޗް ލީގުގެ މެޗެއްގައި އަމިއްލަ ދަނޑުގައި ބަލިވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ޕީއެސްޖީ ލީގުގައި އަމިއްލަ ދަނޑުގައި ބަލިމިވީ 35 މެޗަށް ފަހު އެވެ. މިއީ، މި ސީޒަނުގައި ލީގުގައި ޕީއެސްޖީ ބަލިވި ހަތަރު ވަނަ މެޗެވެ. ހަތަރު މެޗުން ވެސް ބަލިވީ 2023 ވަނަ އަހަރު އެވެ.

ޕީއެސްޖީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 28 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 28 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. މާސޭ ވަނީ ރޭ ކުޅުނު މެޗުން 2-1 އިން ރެއިމްސް ބަލިކޮށްފަ އެވެ.

އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ޕީއެސްޖީން ޕްރެސްނެލް ކިމްޕެމްބޭ އާއި މާކީނިއޯސް އަދި ސާޖިއޯ ރާމޯސް ވެސް ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ކީލިއަން އެމްބާޕޭ އަށް ލީޑުނަގައިދޭން ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން ލިއޮނަލް މެސީ ދިން ބޯޅައަކަށް ހުސްކޮށް އަރައި އެމްބާޕޭ ޖެހި ބޯޅަ ރެނެސް ކީޕަރު ސްޓީވް މަންޑަންޑާ ވަނީ މަތަކޮށްފަ އެވެ.

ޕީއެސްޖީ ސިއްސުވާލުމަށް ފަހު ރެނެސް އިން ލީޑުނެގީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ކާލް ޓޯކޯ އެކަމްބީ ޖެހި ގޯލުންނެވެ. މިއީ ރެނެސްގެ ޑިފެންޑަރު، ބެންޖަމިން ބޫރިޖޯ މަތިން ޕީއެސްޖީ ޑިފެންސް ފަހަތަށް ޖެހި ބޯޅަ އަކަށް އަރައި ޓޯކޯ އެކަމްބީ ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ރެނެސް އިން ލީޑުފުޅާކުރިއިރު، އެ ޓީމުގެ ލަނޑު ޖެހީ އާނައުޑް ކަލިމެންޑޯ އެވެ. އޭރިއާތެރެއިން ލެސްލޭ އުގުޗުކްވޫ ދިން ބޯޅައަކަށް އަރައި ކަލިމެންޑޯ ޖެހި ގޯލެކެވެ. އިތުރު ގޯލު ޖަހަން ވެސް ރެެނެސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗުގައި ޕީއެސްޖީ އަށް ގޯލެއް ޖަހައިދެވޭތޯ މެސީ އޭރިއާބޭރުން ޖެހި ބޯޅަ އާއި އޭރިއާތެރެއިން މާކޯ ވެރާޓީ ޖެހި ޝޮޓް ވެސް ކީޕަރު މަންޑަންޑާ ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ޓީމުގައި ވަގުތުން ވަގުތަށް ހައްލު ގެންނަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެ އަށް ވަރަށް އަވަހަށް މަސައްކަތް ކުރާނެ ކަމަށެވެ.