Advertisement

މައްސަލަ ބޮޑުވުމުން ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް، ފުލުހުންގެ ގާނޫނު އިސްލާހުކޮށްފި

20 މާރިޗު 2023 - 12:28 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިދިކޮޅު ފަރާތްތަކުގެ އެއްވުމެއް ކޮންޓްރޯލް ކުރަން ރަޔަޓު ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މައްސަލަ ބޮޑުވުމުން ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް، ފުލުހުންގެ ގާނޫނު އިސްލާހުކޮށްފި

20 މާރިޗު 2023 - 12:28 0

ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު އިހުތިޔާރީ ކަމަކަށް ހެދުމަށް ފުލުހުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާމެދު ފާޑުކިޔުން ބޮޑުވުމުން، މުޅި ބެކްގްރައުންޑު ޗެކުގެ ބަދަލުގައި ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ހިމަނައިފައިވެ އެވެ.

އެއާއެކު ބިލުގެ އިބްތިދާއީ މަރުހަލާގައި ގިނަ މެމްބަރުންގެ ކަންބޮޑުވުމާއި ތުހުމަތުތައް އެ ބިލަށް އަމާޒުވި އެވެ.

އެ ބިލު ދިރާސާކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ވަނީ އެ ކަންބޮޑުވުންތައް ހައްލުކުރަން ފުލުހުންގެ އިތުރުން ބަންޑާރަނައިބުގެ އޮފީހާ ބައްދަލުކޮށް ހިޔާލު ހޯދައިފަ އެވެ.

އެ ބައްދަލުވުމުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ވަނީ ގާނޫނު އިސްލާހުކުރުމުގެ މަގުސަދަކީ ބެކްގްރައުންޑު ޗެކު ހެދުން ލާޒިމުނުވާ ގޮތަށް ހެދުން ނޫން ކަން ފާހަގަކޮށްފަ އެވެ.

މިގޮތުން، ފުލުހުން ކުރިން ވެސް ބުނެފައިވާ ގޮތަށް، ފުލުހުންގެ އިދާރާއަށް ނަގާ ކޮންމެ މުވައްޒަފެއްގެ ޕޮލިގްރާފް ޓެސްޓެއް ހެދުން ލާޒިމުވާ ގޮތަށް މިހާރު ގާނޫނުގައި އޮތުމުން އުސޫލީ ގޮތުން ވެސް ހަރަދުގެ ގޮތުން ވެސް ގޮންޖެހުން ބޮޑުކަމެއްގެ ގޮތުގައި އެ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން، ބަންޑާރަނައިބުގެ އޮފީހުން ވަނީ މެމްބަރުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް އާ އިސްލާހެއް 241 ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އެ އިސްލާހުގައި ވަނީ ބެކްގްރައުންޑު ޗެކު ހެދުމަށް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ގާނޫނުގައި މިހާރު އޮތް ޕޮލިގްރާފް ހެދުން އުނިކޮށްފަ އެވެ.

17 ވަނަ މާއްދާއަށް (ށ) އިތުރުކުރުން


މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ބެކްގްރައުންޑު ޗެކު ކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެ އެވެ. (1) ކުށުގެ ރެކޯޑު ސާފުކުރުން. (2) ބެކްގްރައުންޑު އެނަލިސިސްއެއް ހެދުން.

މީގެ އިތުރުން އެ މާއްދާއަށް (ނ) އިތުރުކޮށް، އޭގައި ބެކްގްރައުންޑު އެނަލިސިސް ހެދުމަށްފަހު ޕޮލިގްރާފް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސްއެއް ހެދުމަށް ހުރަސްނާޅައި ކަމުގައި ކަނޑައަޅަން ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި އެވެ.

ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި ގޮތަށް 241 ކޮމިޓީން ފާސްކޮށްފައިވާއިރު، ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އިއްތިފާގުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.

އަދި ތަހުގީގީ ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަކީ މަދުވެގެން ޑިޕްލޮމާ ލެވެލްގެ ތައުލީމު ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ގާނޫނުން ދީފައިވާ މުއްދަތު އިތުރުކުރުމަށް ހިމަނާފައިވާ އިސްލާހު ވެސް މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ފާސްކޮށްފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނު 2020 ވަނަ އަހަރު ފާސްކުރިއިރު، ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ހާއްސަ ތަމްރީނުތަކަކާއި ތައުލީމު ހާސިލު ކޮށްފައިވާ ބައެއް ކަމަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިގޮތުން، މި ފެންވަރަށް އެންމެ ދަށް ވެގެން ޑިޕްލޮމާ ލެވެލްގެ ސަނަދެއް ހާސިލް ކުރުމަށް ދެ އަހަރުގެ މުއްދަތެއް ދީފައިވެ އެވެ.

ނަމަވެސް، މިއަދު ފާސްކުރި އިސްލާހުގެ ދަށުން މި މުއްދަތު 2024 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށް އިތުރުކުރުމުގެ ބާރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ދިނުމުގެ އިސްލާހު ވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.