20 މާރިޗު 2023 - 09:08 0
20 މާރިޗު 2023 - 09:08 0
މިލާން (މާޗް 20) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީން ޓޮރިނޯ ދަނޑުގައި 4-0 އިން މޮޅުވެ، ލީގުގެ ކުރީގައި ހަމަޖެހިލިއިރު، އިންޓަ މިލާން ދަނޑުގައި ޔުވެންޓަސް އިން 1-0 އިން މޮޅުވުމާ އެކު، ރޯމާގެ މައްޗަށް 1-0 އިން ކުރިހޯދި ލާޒިއޯ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ ރޭގެ މެޗުތަކަށް ފަހު ނަޕޯލީ އެއް ވަނައިގައި އޮތީ 19 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގެ ކޮންމެ ޓީމެއް 27 މެޗު ކުޅެފައިވާއިރު، ނަޕޯލީ އަށް ވަނީ 71 ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ ދެ ވަނައިގައި 52 ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އިންޓަ އޮތީ 50 ޕޮޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތީ 48 ޕޮއިންޓާ އެކު އޭސީ މިލާން އެވެ. ފަސް ވަނައިގައި 47 ޕޮއިންޓް ހޯދައިގެން ރޯމާ އޮތްއިރު، ހަ ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 45 ޕޮއިންޓް ލިބިފަ އެެވެ. އަދި ހަތް ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 41 ޕޮއިންޓް ލިބިފަ އެވެ.
ނަޕޯލީން ރޭ ޓޮރިނޯ ބަލިކުރިއިރު، ނަޕޯލީ އަށް މޮޅު ކުުޅުމެއް ދައްކަމުން އަންނަ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސީމެން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ސީޒަނުގައި ޖުމްލަ ގޯލުގެ އަދަދަށް ބަލާއިރު އޮސީމެން ވަނީ 29 މެޗުން 25 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން 21 ގޯލަކީ ލީގުގައި ޖެހި ގޯލެވެ.
ނަޕޯލީގެ އަނެއް ދެ ގޯލު ޖެހީ ޕެނަލްޓީ އަކުން ކްވިޗާ ކްވަރަޝްކޭލިއާ އާއި ޓަންގީ އެންޑޮމްބެލޭ އެވެ.
އިންޓަގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދި މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނިޓްގައި ފިލިޕް ކޮސްޓިޗް އެވެ. އޭޑްރިއަން ރަބިއޯ ދިން ބޯޅައަކުން ޖެހި މި ގޯލު ބަަލައިގަންނަން ނިންމީ ގިނަ ވަގުތުތަކެއް ވަންދެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބެލުމަށް ފަހު އެވެ. އިންޓަ އާއި ޔުވެންޓަސް ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިންޓަގެ ޑަނިލޯ ޑިއަމްބްރޮސިއޯ އާއި ޔުވެންޓަސްގެ ލެއަންޑްރޯ ޕަރޭޑޭސް އަށް ރަތް ކާޑު ދެއްކުމުންނެވެ.
ރޯމް ޑާބީގައި ރޭ ރޯމާ އަތުން ލާޒިއޯ މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި މަޓިއާ ޒަގާނީ އެވެ. މި މެޗުގައި ވެސް ތިން ރަތް ކާޑު ފެނުނެވެ. ފުރަތަމަ ހާފުގައި ރޯމާ ޑިފެންޑަރު ރޮޖާ އިބާނިއޭޒް އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރޯމާގެ ބްރަޔާން ކްރިސްޓާންޓޭ އާއި ލާޒިއޯގެ އެޑަމް މަރުސިޗަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
Comment