Advertisement

ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް އިރާނުގެ ރައީސަށް ދައުވަތު އަރުވައިފި

20 މާރިޗު 2023 - 08:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: ރޮއިޓާޒް


ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް އިރާނުގެ ރައީސަށް ދައުވަތު އަރުވައިފި

20 މާރިޗު 2023 - 08:15 0

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފައިވާ ކަމަށް އިރާނުން ބުނެފި އެވެ.

އަހަރުތަކަކަށް ފަހު އިރާނާއި ސައުދީ އަރަބިއްޔާއިން ސިޔާސީ ގުޅުން އަލުން ގާއިމްކުރުމަށް އެއްބަސްވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރައިސީއަށް ދައުވަތު ފޮނުއްވީ ސައުދީ ރަސްގެފާނު ސަލްމާންގެ ސިޓީފުޅަކުންނެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މެދުއިރުމަތީގައި ވާދަވެރިކަން ބޮޑު ދެ ގައުމުގެ މެދުގަައި ސުލްހަ ގާއިމްކުރަން މެދުވެރިވީ ޗައިނާ އެވެ. ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ނިންމީ ޗައިނާގައި ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

އިރާނުގެ އިސް އޮފިޝަލް މުހައްމަދު ޖަމްޝީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ދައުވަތަށް ރައިސީ މަރުހަބާ ދަންނަވާ ކަމަށާއި ގުޅުން ފުޅާކުރަން އިރާނު ތައްޔާރު ކަމަށެވެ.

އޭގެ އިތުރުން އިރާނުގެ ފޮރިން މިނިސްޓަރު ހޮސެއިން އާމިރް އަބްދުއްލާހިއާން ނޫސްވެރިންނަށް ވިދާޅުވީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ބައްދަލުވުމެއް ބާއްވަން ރާވާފައިވާ ކަމަށެވެ.

އިރާނުން ބުނީ ސައުދީ އަރަބިއްޔާގެ އިތުރުން ބަހްރެއިން އާއި އުރުދުން އަދި ޔޫއޭއީ ފަދަ އަރަބި ގައުމުތަކާ އެކު ވެސް ގުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށެވެ.