Advertisement

ރައީސްގެ އަރިސް ބޭފުޅުން ކުރެއްދޫއަށް ދިޔައީ އުއްޗުގެ ދައުވަތަކަށް

19 މާރިޗު 2023 - 21:23 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ރައީސްގެ އަރިސް ބޭފުޅުން ކުރެއްދޫއަށް ދިޔައީ އުއްޗުގެ ދައުވަތަކަށް

19 މާރިޗު 2023 - 21:23 0

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބޯމަތިވެފައި އޮއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބައެއް އަރިސް ބޭފުޅުން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު (އުއްޗު) މޫސާއާ ބައްދަލު ކުރެއްވީ އޭނާ ދައުވަތު ދީގެން ކަމަށް އެ ބައްދަލުވުމަށް ވަޑައިގެންނެވި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިޔާޒު މިރޭ "އަދަދު" ނޫހަށް ވިދާޅުވީ އުއްޗު ދިރިއުޅުއްވާ ކުރެއްދޫ އައިލެންޑް ރިސޯޓަށް އިއްޔެ ވަޑައިގަތީ އޭނާގެ ދައުވަތަކަށް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކައެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި ދުވާފަރު މެމްބަރު އިސްމާއިލް އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގެ ތަފުސީލު ހާމަ ނުކުރެއްވި ނަމަވެސް "ދުނިޔެވީ ހުރިހާ ވާހަކައެއް" އެ ބައްދަލުވުމުގައި ދެކެވުނު ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ރައީސްގެ ބައެއް އަރިސް ބޭފުޅުން އިއްޔެ އުއްޗުއާ ބައްދަލު ކުރެއްވިއިރު މިއަދު ރައީސް ސޯލިހު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. މައުމޫން މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވިއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީއަށް ފޮނުވާފައިވާ ދައުވަތަށް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް މިހާރު ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އިން ވެސް ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމައިފަ އެވެ.

ސަރުކާރު ކޯލިޝަނުގައި މިހާރު ވެސް ހިމެނޭ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ނިންމީ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ ފަހަތްޕުޅަށް ގާސިމް އަރުއްވާނެ ކަމަށް ނުބެލެވެ އެވެ.

އޭގެ އިތުރުން، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނާއެކު އެ އިންތިހާބުގައި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.