Advertisement

ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕު އިތުރަށް ހަރުދަނާ ކުރަނީ

20 މާރިޗު 2023 - 11:05 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕު އިތުރަށް ހަރުދަނާ ކުރަނީ

20 މާރިޗު 2023 - 11:05 0

ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕު ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ބަހްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއަރމަން ޝައިހް އަބްދުﷲ ބިން ހަލީފާ އަލްހަލީފާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ ވެސް އޮންނަ ބަޓެލްކޯގެ ޗެއާމަންއާ ރައީސް ބައްދަލުކުރެއްވީ އިއްޔެ ރައީސް އޮފީހުގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕު ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އަދި، ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ކަންކަން ހިއްސާކުރައްވައި، އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ސަރުކާރުން ބަޓެލްކޯއާ އެކު ގުޅިގެން މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް އިއްޔެ ދެއްވި އެވެ.

މިދިޔަ އަހަރު ގަތަރަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބާ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބާގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

މި އެމްއޯޔޫއާ އެކު ރާއްޖޭގައި ސައިބާ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ގާބިލުކަން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް މީގެކުރިން ސަރުކާރުން ބުނެފައިވެ އެވެ.