Advertisement

ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރެވިދާނެ ގޮތްތަކެއް ރައީސް ހުށަހަޅުއްވައިފި

19 މާރިޗު 2023 - 19:08 1

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ހުޅުމާލޭ ފޭސް ދޭއް ގައި ހަދާފައިވާ ހިލާ ފްލެޓުގެ ޓަވަރުތައް. -- ފޮޓޯ: އަދަދު


ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރެވިދާނެ ގޮތްތަކެއް ރައީސް ހުށަހަޅުއްވައިފި

19 މާރިޗު 2023 - 19:08 1

"ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ބައްދަލުވުމުގައި ފްލެޓުގެ ކުލި ކުޑަ ކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވައިފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ މެމްބަރެއްކަމުގައިވާ އަލީ ރިފާއު "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ މިއަދުގެ ބައްދަލުވުމަކީ ފްލެޓުވެރިންގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރުން ކަމަށާއި، އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅީ ކުލި ބޮޑުވުމުގެ މައްސަލަ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ކުލީގެ ގޮތުގައި މިހާރު ދައްކަންޖެހެނީ މަހަކު 8،500 ރުފިޔާ އެވެ. ހިޔާ މަޝްރޫއުގެ ދަށުން 7،000 ފެލްޓް އަޅާފައިވެ އެވެ. އެއީ 25 ބުރީގެ 16 ޓަވަރު އެވެ.

ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށާއި އަދި ކުލި ކުޑަކުރެވިދާނެ ތިން ގޮތެއް ރައީސް ހުށަހެޅުއްވި ކަމަށް ވެސް ރިފާއު ބުންޏެވެ.

ކުލި ކުޑަކުރަން ރައީސް ސޯލިހު ހުށަހެޅުއްވި ތިން ތަކަކީ، ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓުވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ކުލި ކުޑަކޮށް ދިނުން، ނުވަތަ ސާވޭއަކަށް ފަހު ކޮންމެހެން ކުލި ކުޑަކޮށްދޭން ޖެހޭ މީހުންނަށް ކުލި ކުޑަކޮށް ދިނުން، ނުވަތަ އެންމެންނަށް އެއް ހަމައަކުން ކުލި ކުޑަކޮށް ދިނުމެވެ.

"އަޅުގަނޑުމެން އިހުތިޔާރު ކުރީ އެންމެންނަށް ކުލި ކުޑަކޮށްދިނުން،" ރިފާއު ބުނިއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމަށް ކުރަމުން އަންނަ ސާވޭއަށް ބަލައި، ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން އެކުލަވާލާ ކޮމިޓީއަކުން މަޝްވަރާ ކުރާނެ ކަމަށް ރިފާއު ވިދާޅުވި އެވެ. އެ ކޮމިޓީން ނިންމާ ގޮތްތަކަކާއެކު "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާ އަދި ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ރިފާއު ބުންޏެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި، ވިނަރެސް ފްލެޓްތަކުގެ ޑިޕޮސިޓް ފައިސާ އެއްކޮށް ދެއްކުމުގެ ބަދަލުގައި، އެ ފައިސާ ދެއްކުމަށް ލުޔެއް ގެނެސްދިނުމަށް މަޝްވަރާކުރި އެވެ.