19 މާރިޗު 2023 - 10:50 3
އަބްދުﷲ ޝަހީދު
ރަށްރަށުގެ ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ މަގު ވަނީ ފަހިކޮށްދީފައި: ގާނޫނުތައް ލިޔެފައި އޮތީ ކައުންސިލްތައް އަމިއްލައަށް ހިންގޭ ގޮތަށް -- ކުރެހުން / ރައްޔާން މުހައްމަދު
19 މާރިޗު 2023 - 10:50 3
މީގެ 90 އަހަރު ކުރިން، 1933 ގައި ފާސްކުރި 'ދައުލަތްތަކުގެ ހައްގުތަކާއި ވާޖިބުތަކާ ބެހޭ 'މޮންޓެވިޑިއޯ' މުއާހަދާ' ބުނާ ގޮތުން ދައުލަތެއް ދައުލަތަކަށް ވަނީ ހަތަރު ޝަރުތެއް ފުރިހަމަ ވުމުންނެވެ. މި ޝަރުތުތަކަކީ ދާއިމީ އާބާދީއެއް އޮތުމާއި، ކަނޑައެޅިފައިވާ ސަރަހައްދެއް، މާނައަކީ ބޯޑަރެއް އޮތުމާއި ސަރުކާރެއް އޮތުމާއި އެހެން ދައުލަތްތަކާ ގުޅުން ބަދަހިކުރުމުގެ ގާބިލްކަން ހުރުމެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިންވެސް ބައިނަލްއަގުވާމީ މައްސަލަތައް ނިންމާއިރު އާންމު ގޮތެއްގައި ބަލަނީ މި ހަތަރު ޝަރުތަށެވެ.
ދައުލަތެއްގެ ސިފަ ލިބުމުން، ދުނިޔޭގެ ގިނަ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައިވެސް ދައުލަތް ހިންގުމުގެ އެތެރޭގެ އޮނިގަނޑު ބަހާލީ ސަރުކާރަކާއި، ޝަރުއީ ދާއިރާއަކާއި، ގާނޫނު ހަދާ މަޖިލީހެއް އެކުލެވޭ ގޮތަށެވެ. އަދި ޖުމުލަކޮށް ދައުލަތް ހިންގާނީ ޔުނިޓަރީކޮށް ކަމަށް ވެސް ގާނޫނު އަސާސީތަކުގައި ލިޔެވުނެވެ. މާނައަކީ ހުރިހާ އަތޮޅަކާއި ރަށަކަށްވެސް ހިނގާނީ އެއް ގާނޫނެކެވެ. އޮންނާނީ އެއް ސަރުކާރެއްގެ ބާރެވެ. ހިނގާނީ އެއް ޝަރުއީ ނިޒާމެކެވެ. އޮންނާނީ ގާނޫނު ހެދުމުގެ އެންމެ ބާރެކެވެ. މުޅި ގައުމުގައި ހިނގާނީ އެއް ގާނޫނު އަސާސީއެކެވެ.
ކުރީގެ ގާނޫނު އަސާސީތަކާ ހިލާފަށް، 2008 ގައި ތަސްދީގުކުރެވުނު އައު ގާނޫނު އަސާސީގެ 230 ވަނަ މާއްދާގައި ރާއްޖޭގެ 'އިދާރީ' ދާއިރާތައް ހިންގަންޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށްވެސް ލިޔުނެވެ. އަދި ގާނޫނު އަސާސީގެ އަށްވަނަ ބާބު އެކަމަށް މުޅިން ހާއްސަކުރެވުނެވެ. ކުރީގައި އޮންނަނީ މަރުކަޒުކޮށްގެން ހިންގުމުގެ ވިސްނުމެވެ. އެކަން ކުރަމުން އައީވެސް އެމަގަށެވެ. އާ ގާނޫނު އަސާސީއާއެކު މަންޒަރު މުޅިން ބަދަލުވެ، މަރުކަޒުކޮށްގެން ގައުމު ހިންގުން ގާނޫނީ ގޮތުން މަނާވެގެން ދިޔަ އެވެ. އިދާރީ ދާއިރާތަކަށް ގައުމު ބަހާލައި، އެ ދާއިރާތައް ތަމްސީލުކުރަން ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލްތަކެއް އުފައްދަންޖެހުނެވެ. ސިޓީ ކައުންސިލްތަކެވެ. އަތޮޅު ކައުންސިލްތަކެވެ. ރަށު ކައުންސިލްތަކެވެ. އިދާރީ ދާއިރާތައް ކަނޑައެޅުމުގެ ބާރު ދައުލަތުގެ އެންމެ މަތީވެރިޔާ، އަދި ސަރުކާރު އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާއަށް ދެވުނެވެ. ލާމަރުކަޒުކުރަން ގާނޫނު އަސާސީގައި ކަނޑައެޅުނީ ހަމައެކަނި އިދާރީ ހިންގުމެއް ނޫނެވެ. މާލީ މިނިވަންކަން ލާމަރުކަޒު ކުރަންވެސް މިގާނޫނު އަސާސީ ތަސައްވަރުކުރެ އެވެ. އެކަން އެނގެނީ ގާނޫނު އަސާސީގެ 234 ވަނަ މާއްދާއާއި 235 ވަނަ މާއްދާއިންނެވެ. ދެހާސް ދިހަވަނަ އަހަރު ވުޖޫދުވި ލާމަރުކަޒު ކުރުމުގެ ގާނޫނުގައި މިކަން އިތުރަށް ތަފްސީލުވެސް ކުރެވުނެވެ. ލޯނުނެގުމާއި، ސެކިއުރިޓީޒް ބާޒާރުގައި މުއާމަލާތްކުރުމާއި، ކުލި ނެގުމާއި، ފީތައްނެގުމުގެ އިހުތިޔާރާއި ބާރު ކައުންސިލްތަކަށް، އެންމެ ބޮޑަށް ތަރައްގީވެފައި ހުރި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ދެވިފައި އޮންނަ މިންވަރަށް ދެވުނެވެ. އެކަމަކު ސެކިއުރިޓީޒް ބާޒާރުގައި ވިޔަފާރިކުރުމަކީ ރާއްޖޭގެ ކައުންސިލަކުން އަދި މިހާތަނަށް ކޮށްފައި ނެތް، އަޖުމަ ބަލާލަންވެސް ތަޖުރިބާކޮށްފައި އޮތް ކަމެއް ނޫނެވެ. އެކަމަކު ކުރަން ޖެހިފައިއޮތް ކަމެކެވެ.
މިލިޔުމުގައި އަޅުގަނޑު ސުރުހީ މިއަޅާލަނީ ރާއްޖޭގައި މުނިސިޕަލް ބޮންޑާއި ބިލު އަދި މިބާވަތުގެ އެހެނިހެން މާލީ އުފެއްދުންތައް ވިއްކުމާއި ގުޅޭ ގޮތުން ގާނޫނީ ގޮތުން ކަން އޮތްގޮތާއި، ސަރުކާރު އޮއްވައި ކައުންސިލްތަކުން މިކަންކުރަންވީ ސަބަބާއި، މިކަން ކުރާނެ ގޮތާއި، ކައުންސިލްތަކުގެ އެގާބިލުކަން ހުރިތޯ އާއި، މިކަމުގައި އެލްޖީއޭގެ ދައުރަކީ ކޮބާ ކަމާއި ސަރުކާރުގެ އެއްބާރުލުން މިކަމުގައި ލިބޭނެކަމަށް ލަފާކުރެވޭ މިންވަރަށެވެ. ބޮންޑާއި ބިލު ހިމެނޭ 'ފައިނޭންޝަލް އިންސްޓްރޫމެންޓްސް' އާންމުކޮށް މަސައްކަތްކުރާގޮތްވެސް މިލިޔުމުގެ އެންމެ ތިރީގައި މިސާލަކާއިއެކު ބަޔާން ކޮށްފައިވާނެ އެވެ.
ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދަން މިދިޔަ އަހަރު ލ. އަތޮޅު ގަމުގައި ބޭއްވި ވިއަވަތި ކޮށްފަރެންސް. -- ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ގާނޫނުގެ 8 ވަނަ މާއްދާގެ (ވ) އާއި ، 22 ވަނަ މާއްދާގެ (ފ) އާއި، 39 ވަނަ މާއްދާގެ (މ) ގައި ތިރީގައިމިވާ އިބާރާތް ތިން ފަހަރަށް ތަކުރާރު ވެ އެވެ.
"ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކުއިރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން."
ގާނޫނުގައި އެ އިޝާރާތް ކުރަނީ އަތޮޅު ކައުންސިލްތަކާއި (މާއްދާ 8)، ރަށު ކައުންސިލްތަކާއި (މާއްދާ 22) ސިޓީ ކައުންސިލްތަކަށް (މާއްދާ 39) މާލީ ސެކުއިރިޓީޒް ވިއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ 2010 ގައި ވުޖޫދުވިއިރު އޭގައި ލިޔެފައިވާ އިބާރާތް އޭގެ 13 އަހަރު ފަހުން ވެސް ބަދަލެއް ނުވެ އެވެ. އެކަމަކު މިއަދާއި ހަމައަށް އައިއިރު އެއްވެސް ކައުންސިލަކުން ފައިސާ ހޯދުމަށް ބޮންޑެއް ނުވަތަ އެބާވަތުގެ އެއްވެސް 'ފައިނޭންޝަލް އިންސްޓްރޫމެންޓް' އެއް ވިއްކާފައިނުވެ އެވެ. މިތާނގައި 'ފައިނޭންޝަލް އިންސްޓްރޫމެންޓް' ކަމަށް މާނަކޮށްފައި މިވަނީ ހަމައެކަނި ބޮންޑާއި، ބިލު އެކަންޏެއް ނޫނެވެ. މީގެ ތެރެއަށް 'ޝަރީއާ ކޮމްޕްލައިންޓް' އިސްލާމިކް ޕްރޮޑަކްޓްތައް ވެސް ވަންނާނެ އެވެ. މިސާލަކަށް ސުކޫކާއި މުރާބަހާ އެވެ. މިހާތަނަށް އެއްވެސް 'ފައިނޭންޝަލް އިންސްޓްރޫމެންޓް' އެއް ވިއްކާފައިނުވާ ސަބަބަކީ ގިނަ ކައުންސިލްތައް މިކަމަކަށް އަހުލުވެރިވެފައިނެތުމާއި މިކަމުގައި އަމަލުކުރަންވީގޮތް އެހާބޮޑަށް ސާފުވެފައިނެތުމެވެ. އަނެއް ސަބަބަކީ ގިނަ އަހަރުތަކެއް ވަންދެން ލާމަރުކަޒީ ނިޒާމު ހުއްޓިފައިއޮތުމެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު 9 ވަނަ އިސްލާހާއެކު ކައުންސިލްތައް މިވަނީ އަލުން ހިންގަން ފަށާފަ އެވެ. ގިނަގުނަ ބާރުތަކަކާއި މަސްއޫލިއްޔަތުތަކާއެކު އެވެ.
ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި އިގްތިސާދީ ހަރަކާތް ހިންގުމަށް ކުންފުނިތައް އުފެއްދުމުގެ ބާރު ލާމަރުކަޒީ ގާނޫނުގެ 70 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބެ އެވެ. މިފަދަ ކުންފުނިތަކުގެ ބޭނުމަކީ ރަށާއި އަތޮޅާއި ސިޓީއަށް ފައިދާހުރި މަޝްއޫރުތައް ހިންގުމެވެ. މުނިސިޕަލް ބޮންޑާއި ބިލަކީ އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ހޯދިދާނެ ވަސީލަތެކެވެ. މިކަން ކުރެވޭނެ ބައިވަރު ގޮތްތައް ހުރެ އެވެ. އެއްގޮތަކީ ވިއްކާ މުނިސިޕަލް ބޮންޑުގެ އަގު ގިނަ އާންމުންނަށާއި، ކުދި ވިޔަފާރިތަކަށްވެސް އިންވެސްޓްކުރެވޭ މިންވަރަކަށް ކުޑަކޮށްފައި، ގިނަ އަދަދެއްގެ ބޮންޑު ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމެވެ. އަނެއް ގޮތަކީ ވިއްކާ މުނިސިޕަލް ބޮންޑުގެ އަގު ބޮޑުކޮށް، މަދު އަދަދެއްގެ ބޮންޑު ބާޒާރަށް ނެރުމެވެ. ނުވަތަ ޕްރައިވެޓްކޮށް ވިއްކާލުމެވެ. މިހެން ހެދުމުން އެބޮންޑު ގަނެވޭނީ މަދުބަޔަކަށެވެ. އަދި، 'ސެކަންޑްރީ މާކެޓް' ގައި ދެން އެބަޔަކަށް އެބޮންޑް ވިއްކާލެވޭނެ އެވެ. މިއީ އެމެރިކާ ފަދަ ގައުމުތަކުގައި އިދާރީ ކަންކަމާއި، ސްޕީޑަށާއި، ކަމުގެ ފަސޭހަކަމަށް ބަލާފައި ކުރާކަމެކެވެ. ނަމަވެސް ރާއްޖޭގައި އަދި 'ސެކަންޑްރީ މާކެޓް' އެއް، މާނަ ހުރި ގޮތެއްގައި އުފެދިފައި ނެތުމާއިއެކު ކައުންސިލްތަކުން މިކަން ކުރަން ފަށާއިރު، އެންމެންނަށް ބައިވެރިވެވޭ ގޮތަށް، 'އިންވެސްޓާ ބޭސް' ބޮޑުކުރެވޭނޭ ގޮތަކަށް، މާނައަކީ ފުރަތަމަ ގޮތަށް، މިކަން ފެށިދާނެ އެވެ.
ބޮންޑާއި ބިލު ވިއްކާއިރު ކައުންސިލްގެ ނަމުގައިވެސް، ނުވަތަ ކައުންސިލުން ހިންގާ ކުންފުންޏެއްގެ ނަމުގައިވެސް މިކަން ކުރެވިދާނެ އެވެ. ސީދާ ކައުންސިލްގެ ނަމުގައި ބޮންޑެއް ވިއްކައިފިއްޔާ އެއީ ސަރުކާރުގެ ދަރަންޏެއް ގޮތަށް ބެލެވޭނެތީ، އޭގެ އިންޓްރަސްޓް ރޭޓް ކުޑަކޮށްލުމަކީ ކުރެވިދާނެކަމެކެވެ. އަދި، ފަހުން 'ސްޕެޝަލް ޕާޕަސް' ވެހިކަލްއަކަށް ނުވަތަ ކުންފުންޏަށް ބޮންޑުން ލިބުނު ފައިސާ ބަދަލުކޮށްލެވިދާނެ އެވެ. އަދި އެންމެ ކައުންސިލަކުން އެކަނި މިކަން ކުރުމުގެ ބަދަލުގައި، ގިނަ ކައުންސިލްތައް ގުޅިގެންވެސް ބޮންޑެއް ވިއްކިދާނެ އެވެ. މިސާލަކަށް އައްޑޫ ސިޓީ ކައުންސިލާއި، ފުވައްމުލަކު ސިޓީ ކައުންސިލާއި ގާފު އަލިފު އަދި ގާފު ދާލުގެ ހަތަރު ކައުންސިލް ގުޅިގެންނެވެ. އެކަމަކަށް ގާނޫނު ހުރަހެއް ނާޅަ އެވެ. ފުރަތަމަ ގޮތަށް، ކައުންސިލްގެ އަމިއްލަ ނަމުގައި ބޮންޑް ވިއްކާނަމަ އެ ބޮންޑް އެ ވިއްކެނީ ދައުލަތުގެ ގެރެންޓީ (ސޮވެރިން ގެރެންޓީ) އާ އެކުއެވެ. ނަމަވެސް ކައުންސިލް ނޫނީ ކައުންސިލާއި އަމިއްލަ ފަރާތަކުން ހިއްސާވާ ކުންފުންޏަކުން ވިއްކާ ބޮންޑެއްނަމަ އެއީ އެއަށް ވަކިން ދައުލަތުގެ ގެރެންޓީއެއް ބޭނުންވެދާނެ އެވެ. މިތަނުން ކޮންމެ ގޮތެއް އިހުތިޔާރު ކުރިޔަސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ބޭނުންވާނެ އެވެ.
މާލީ މިފަދަ ވަސީލަތްތަކަށް އަހުލުވެރި ނޫން ބޭފުޅުން ގިނައިރު ލޯކަލް ލެވެލްއެއްގައި މިކަން ކުރުމުން އެކަމުގެ ފައިދާތައްވެސް ހިމެނެ އެވެ. ސަރުކާރުން ޓީބިލާއި ބޮންޑު ވިއްކައިގެން ދަރަންޏަށް ފައިސާ ނަގާއިރު އެއީ ސީދާ ކޮންކަމަކަށް ނަގާ ފައިސާއެއްކަން ގިނަފަހަރަށް އެނގޭކަށްނޯވެ އެވެ. ނަމަވެސް ކައުންސިލުން ބޮންޑު ވިއްކާއިރު އެކަން ވަރަށް ބޮޑަށް ގުޅިފައި އޮންނާނީ ސަރަހައްދީ ތަރައްގީއާ އެވެ. ނޫނީ ރަށުގެ ތަރައްގީއާ އެވެ. ކައުންސިލުން ވިއްކާ މުނިސިޕަލް ބޮންޑު ނުވަތަ ބިލަކީ ރައްޔިތުންނާއި އެ ސިޓީއެއް ނުވަތަ އަތޮޅެއްގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަންވެސް އެކަމަށް އޮންނާނޭ ކަމެކެވެ. އަދި ރައްޔިތުންނާއި މިފަދަ ވިޔަފާރިތަކަށް ދަރަންޏަށް ފައިސާ ނަގާ ސީދާ ސަބަބު އެނގި، އެކަމަށް އިންވެސްޓްކޮށްގެން އޭގެން ފައިދާ ހޯދައި، ޖުމްލަ މުޅި މަޝްރޫއުގެ ހުރިހާ ސްޓޭޖެއްގައި ޝާމިލުވުމުގެ ފުރުސަތުވެސް އާންމު މީހާއަށާއި ވިޔަފާރިއަށް ލިބޭނޭ ކަމަކަށެވެ. މިފަދަ ކަމެއްގައި، އެ ބޮންޑެއްގެ ކާމިޔާބީ ވަރަށް ބޮޑަށް ގުޅިފައިވާނީ އާންމުންނާއި ވިޔަފާރިތައް އެކަމަކާއިމެދު ދެކޭ ދެކުމާއި އޮންނަ އިތުބާރެއްގެ މައްޗަށެވެ. ދުނިޔޭގެ ބައެއް ސްޓޮކް އެކްސްޗޭންޖްތަކުގައި އަލަށް ވިއްކާ މާލީ އިންސްޓްރޫމަންޓްސްތައް ވިއްކަން ކަނޑައަޅާފައި ހުންނަ މިންވަރަށްވުރެ އިތުރަށް ގަންނަން މީހުން ހުށަހެޅުމާއި (އޯވަ ސަބްސްކްރައިބް) ބައެއް ފަހަރަށް ބޭނުންވާ މިންވަރަށް ތަރުހީބު ނުލިބޭ ފަހަރުތަކާއި ދިމާވަނީވެސް މިދެންނެވި ކަންކަން އެއީ އެކަންކަމަށް އަސަރުކުރުވާ ކަންކަމަށް ވާތީ އެވެ. ރާއްޖޭގައިވެސް ވަރަށް ފަހުން މިވަނީ ޕްރައިވެޓް ސެކްޓާ ކުންފުންޏަކުން ބޮންޑެއް ކާމިޔާބުކަމާއިއެކު ވިއްކާލާފަ އެވެ. އެ ބޮންޑްވެސް ވަނީ 'އޯވަ ސަބްސްކްރައިބް' ވެފަ އެވެ.
ކައުންސިލްތަކުން މުނިސިޕަލް ބޮންޑާއި ބިލް ވިއްކާނަމަ އެއަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ހުންނާނީ ހަމަ އެކަނި މަތީގައި ދެންނެވި ފަރާތްތަކެއް ނޫނެވެ. ރާއްޖޭގެ ބޭންކުތަކާއި ޕެންޝަން އޮފީހުން ވެސް އެކަމަށް ބޮޑު ޝައުގުވެރިކަމެއް ހުންނާނެ އެވެ. މިސާލަކަށް ޕެންޝަން އޮފީހަކަށް ކޮންމެ ކޮންމެ ތަނެއްގައި އިންވެސްޓެއް ނުކުރެވެ އެވެ. ނަމަވެސް ދައުލަތަކީ ޕެންޝަން އޮފީހަށް އިންވެސްޓްކުރެވޭ މަދު ތަންތަނުގެ ތެރެއިން އެއްތަނެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ލާމަރުކަޒުކުރުމުގެ ގާނޫނު ތަސައްވުރުކޮށްފައި އޮތީ ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ރައްޔިތުންނާއި ގާތުން، އެ ރައްޔިތުންނަށް އަބުރުވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކައުންސިލްތަކަށް ކުރެވެން ހުރި، ހުރިހާކަމެއް ކޮށްދެވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމަށެވެ. މިގޮތުން ކައުންސިލްތަކަށް ދައުލަތުގެ ހަޒާނާއިން ބަޖެޓެއް ކަނޑައަޅަންޖެހޭނެ ކަމަށާއި ގާނޫނު ތަކާއި އެއްގޮތަށް ފައިސާ ހޯދުމާއި، ދަރަނި ނެގުމާއި މުދާ އަމިއްލަ ކުރެވޭނެކަމަށް ސީދާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 234 މާއްދާއާއި 235 ވަނަ މާއްދާގައި ލިޔެފައިވަނީ މިހެންވެ އެވެ. އިދާރީ މިނިވަން ކަމުގެ އިތުރުން އިގްތިސާދީ މިނިވަންކަންވެސް އެ ދާއިރާތަކަށް ހޯދައިދިނުމަށެވެ. މާނައަކީ 50 އަހަރު ފަހުންވެސް ކައުންސިލްތަކުން ފައިސާއާ ގުޅޭ ކަންކަމުގައި މުޅިން ސަރުކާރަށް ބަރޯސާނުވުމެވެ. ސީދާ އެ ރަށެއްގެ، އެ އަތޮޅެއްގެ، އެ ސިޓީއެއްގެ ރައްޔިތުން، އެ ހެދިފައި ހުރި ލޭންޑް ޔޫޒް ޕްލޭން ތަކާއި އެއްގޮތަށް ކަންކަން ކުރުމަށް ކުރަންޖެހޭ ކަންކަން އަމިއްލަ އިހުތިޔާރުގައި ކުރުމުގެ ގާބިލުކަން ހޯދާދިނުމެވެ. ލާމަރުކަޒީ ގާނޫނުގެ 75 ވަނަ މާއްދާގައި ކުއްޔާއި ފީ ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ލިބެއެވެ. ހަމަ އެ ގާނޫނުގެ 77 ވަނަ މާއްދާގައި ކުރިންވެސް ދެންނެވި ފަދައިން އާމްދަނީ ހޯދުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ކައުންސިލްތަކަށް ލިއްބައިދެ އެވެ. އެހެން ކަމުން ކައުންސިލްތަކުން ބޮންޑާއި ބިލު ވިއްކާއިރު، އެ ފަންޑުކުރަން ބޭނުންވާ މަޝްރޫއެއްގެ އޮޕަރޭޝަނަލް ފީޒިބިލިޓީ އާއި ފައިނޭންޝަން ފީޒިބިލިޓީ ހެދި، މުސްތަގިއްލު ދެވަނަ ފަރާތެއް ނޫނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ވެލިޑޭޓް ކުރެވި، އެ މަޝްރޫއަކުން ނަފާ ނެރެވޭނެ ކަމުގެ ޔަގީންކަން ހޯދުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. މިމަގުން މިކަން ކޮށްފިއްޔާ، މުނިސިޕަލް ބޮންޑާއި ބިލު ވިއްކާފައި، އިންޓްރަސްޓް ދައްކަމުން، މުއްދަތު ހަމަވުމުން އަނބުރާ ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ ކުރެވޭނެ ކަމެކެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝާން ލަތީފު -- ފޮޓޯ: ރައީސް އޮފީސް
"މާލީ ގޮތުން ލާމަރުކަޒުކުރުމާއި ކައުންސިލްތަކަށް މާލީ ނަފާވެރިކަން ހޯދައިދިނުން" މިއީ އެލްޖީއޭގެ 'ސްޓްރެޓެޖިކް އެއިމްސް' ގެ ތިންވަނައަށް ހިމަނާފައިވާ ދަނޑުދަނޑިއެވެ. އަދި މިމަގަށް މަސައްކަތް ކުރުމަށް އެލްޖީއޭއިން ގިނަގުނަ މަސައްކަތް ކުރަމުންވެސް ގެންދެ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މުނިސިޕަލް ސެކިއުރިޓީޒްއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އެކަމާއިގުޅޭ ގައިޑެންސް އެލްޖީއޭއިން ފޯރުކޮށްދީފައިވާކަމަށް އެނގޭކަށްނެތެވެ. ލާމަރުކަޒީ ނިޒާމާއިބެހޭ 101 ސުވާލު ފޮތުގެ "ކައުންސިލްތަކުގެ މާލީ ކަންކަން" މި ސުރުހީގެ ދަށުން އަލިއަޅުވާލާފައިވާ 16 ސުވާލުގައި ވެސް މުނިސިޕަލް ސެކިއުރިޓީޒްގެ ވާހަކައެއް އެއްވެސް ވަރަކަށް ނެތެވެ. އެކަމަކު އޭގައި ކައުންސިލަށް ލޯނު ނެގޭނެ ވާހަކަ ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް މިއީ މުޅިން ތަފާތު ދެކަމެއް ކަމުން، މިއީ ވަކިން އެކަމާބެހޭ ގައިޑެންސް އާއި މައުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމެއްކަމަށް ދެކެމެވެ.
ބޮންޑު ވިއްކުމާއި އެކަމުގެ މުއާމަލާތްތަކަކީ އަލަށް ފަށައިގަންނައިރު ޓެކްނިކަލް ކަމެކެވެ. އެއީ ކަމުގެ އިލްމު ހުރި މީހުން ބޭނުންވާނެ ކަމެކެވެ. މިގޮތުން ކުރީގައި ދެންނެވި އޮޕްރޭޝަނަލް އަދި ފައިނޭންޝަލް ފީޒިބިލިޓީ ހެދުމާއި، ދަރަންޏަށް ނަގާނެ މިންވަރު ކަނޑައެޅުމާއި، ބޮންޑުގެ މޮޑާލިޓީއާއި ޕޮޓެންޝަލް އިންވެސްޓަރުން ފާހަގަ ކުރުމާއި، ބޮންޑު މާކެޓުކުރުމާއި، ބޮންޑް ގަންނާނެ ކަމަށް ލަފާކުރެވޭ މީހުންގެ 'ރިސްކް ޕްރެފަރެންސް' ދަނެގަތުމާއި، ނަގާ ދަރަނީގެ ހަރަދު އެންމެ ކުޑަކުރެވޭނީ ކޮންގޮތަކުންތޯ ބެލުމާއި، ސަރުކާރުގެ އެއްބާރުލުން އެކަމަށް ހޯދައިދިނުމާއި، ސީއެމްޑީއޭއިން ހަދާފައިހުރި ރެގިއުލޭޝަންތަކާއި އެއްގޮތަށް އެކަން ކުރިއަށް ގެންދެވޭތޯ ބެލުމާއި، އެއްކޮށް ބޮންޑު ވިއްކާ ވިސްނުމެއްގައި ކައުންސިލްތަކެއް ތިބެއްޖެނަމަ އެކަމަށް 'އިކޮނޮމީސް އޮފް ސްކޭލް' ހޯދާދެވޭނެ ގޮތަކީ ކޮބާކަން ބެލުމާއި، 'ބޮންޑް ޕްރޮސްޕެކްޓަސް' ހެދުމަށް 'އަންޑަރައިޓަ' އައްޔަންކުރަންޖެހޭ ހާލަތުގައި އެކަން ކުރުމާއި، މިފަދަ އެންމެހާ ކަންކަން ކުރުމަށް ކައުންސިލްތަކަށް އިރުޝާދު ބޭނުންވާނެއެވެ. އެކަމުގެ އިލްމު ހުރި މީހުންނާއި ކައުންސިލްތަކާއި ގުޅުވާލަދިނުމަކީވެސް އެލްޖީއޭއަށް ކޮށްދެވިދާނެ ކަމެކެވެ.
އެންމެ ފަހުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރިއިރު، މުނިސިޕަލް ސެކުއިރިޓީޒް މެދުވެރިކޮށް ދަރަންޏަށް ފައިސާ ނެގޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުނިކޮށްފައި، ނޫނީ އެއަށް ބަދަލުގެނެސްފައި ނެތުމަކީ ސަރުކާރުން މިކަމާއި ދެކޮޅުނޫންކަމަށް ބުނެވިދާނެ ސަބަބެކެވެ. އެކަމަކު ފުޅާދާއިރާއެއްގައި ކައުންސިލްތަކަށް މިމަގުން ދަތުރުކުރަން ސަރުކާރުން ފުރުސަތުދޭނެތޯ އެއީވެސް އުފެދޭ ސުވާލެކެވެ. ސަބަބުތައް ހުރީމަ އެވެ. ފުރަތަމަ ކަމަކީ ކައުންސިލްތަކުން ވިއްކާ ސެކިރުރިޓީޒްއަކީ ހަމަ ސަރުކާރުގެ ބެލެންޝީޓައް އިތުރުވާނޭ ދަރަންޏެވެ. ޒިންމާދާރުކަން ކުޑަ ގޮތެއްގައި މިކަން ކުރެވިއްޖެނަމަ އޭގެ ބުރަ ސަރުކާރުން ނަގަންޖެހޭނެ އެވެ. އެހެން ކަމުން ފަށައިގަންނައިރު، އެއްފަހަރާ ބާރަށް މިކަން ފެށުމުގެ ބަދަލުގައި މަޑުމަޑުން، ލަސްލަހުން މިކަން ކުރަން ސަރުކާރު ބޭނުންވުމަކީ އެކަށީގެންވާ ކަމެކެވެ. ކައުންސިލްތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ ޓްރެކް ރެކޯޑަށް ބަލާއިރު އެކަން އޮތީ އެހާ ރަނގަޅަކަށް ނޫނޭ ދެންނެވިދާނެ އެވެ. ބައެއް ކައުންސިލްތަކުން ރަނގަޅަށް ހިސާބު ނުބެލެހެއްޓުމާއި، ސަރުކާރުންދޭ ފަންޑް ރަނގަޅަށް ނުބެލެހެއްޓުމުގެ މައްސަލަތައް މީގެކުރިން ވަނީ ފެންމަތިވެފައެވެ. އެހެންކަމުން މިކަންކަން ހަރުދަނާ ނުވަނީސް، ފުޅާކޮށް މިފަދަކަމެއް ފެށުމަކީ ކޮންމެ ސަރުކާރުންވެސް ޖެހިލުންވާނެ ވާނެއެވެ. ނަމަވެސް، ރަނގަޅަށް ހިނގާ ކައުންސިލްތަކުން މިމަގަށް މިސްރާބުޖެހުމަކީ ބޭނުންތެރި ކަމެކެވެ. އަޅުގަނޑު ފަށަމުންވެސް ދެންނެވިހެން މިއީ އަޖުމަ ބެލުމުގެ ގޮތުންވެސް ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ކައުންސިލަކުން އެންމެ ފުރަތަމަ ފަހަރަށް 'ފައިނޭންޝަލް އިންސްޓްރޫމެންޓް' އެއް ވިއްކާ ދުވަހަކީ ހަމަ ޔަގީނުންވެސް ތާރީހީ ދުވަހަކަށް ވާނެ އެވެ. އެއީ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމަށް އެންމެން ގުޅިގެން މިކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއްވެސް މެ އެވެ.
ބިލަކީ (މި ހާލަތުގައި މުނިސިޕަލް ބިލް ނޫނީ ކައުންސިލް ބިލް) ގިނަވެގެން 12 މަސްދުވަހުގެ މުއްދަތެއް އޭގައިވާ، އެ މުއްދަތުގެތެރޭގައި އިންޓްރަސްޓް (ކޫޕަން) ނުލިބޭ، އެކަމަކު މޫނުމަތީ އަގަށްވުރެ އަގުހެޔޮކޮށް ގަންނަން ލިބިފައި، މުއްދަތު ހަމަވީމައި ޖުމްލަ މޫނުމަތީ އަގު ލިބިގެން ފައިދާ ހޯދޭ ގޮތަށް ފަރުމާކުރެވިފައިވާ މާލީ އުފެއްދުމެކެވެ. އަގު ހިސާބު ކުރުމުގައި އިންޓްރަސްޓް ލެވިފައިވާ މި އުފެއްދުމުގެ އިންޓްރަސްޓް އާންމުކޮށް ކުޑަ އެވެ. ރާއްޖޭގައި ސަރުކާރުން ވިއްކާ ޓީ-ބިލުގެ އަގު ހިސާބުކުރެވެނީ މިހެންނެވެ.
މިސާލަކަށް ސަރުކާރުން ބޭނުން ވަނީ ދިހަ މިލިއަން ރުފިޔާ ދަރަންޏަށް އެއް މަސް (އެއް މަސް ކަމަށް ބަލަނީ 28 ދުވަސް) ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާށެވެ. އެއް މަސް ދުވަހުގެ އިންޓްރަސްޓް ރޭޓަކީ މިހާރު 3.5 ޕަސެންޓެވެ. ޓީ-ބިލެއްގެ މޫނުމަތީ އަގަކީ އެއްލައްކަ ރުފިޔާ ކަމަށް ވަންޏާ، ޓީ-ބިލު ގަންނަ ފަރާތްތަކަށް ސަރުކާރުން 100 ޓީ-ބިލު ވިއްކަން ޖެހޭނެ އެވެ. 100 އާއި މޫނުމަތީ އަގު އެއްލައްކަ ރުފިޔާއާ ގުނަކުރީމާ ވާނީ 10 މިލިއަން ރުފިޔާ އެވެ. އެއީ ސަރުކާރުން ދަރަންޏަށް ފައިސާ ނަގަން ބޭނުންވާ އަދަދެވެ. މަތީގައިވާ ފޯމިއުލާ ބޭނުން ކުރުމުން އެއް ލައްކަ ރުފިޔާގެ މޫނުމަތީ އަގުހުރި ޓީ-ބިލެއްގެ އަގަކަށް އަންނާނީ 99،732.23 ރުފިޔާ އެވެ. މި އަދަދު 100 އާއި ގުނަކުރީމާ އަންނާނީ 9،973،223 ރުފިޔާއެވެ. 10 މިލިއަން ރުފިޔާގެ ބަދަލުގައި ހަގީގަތުގައި ސަރުކާރަށް ޓީ-ބިލު ގަންނަ ފަރާތްތަކުން ދޭނީ ޖުމްލަ މިހާވަރަށެވެ. އެކަމަކު 28 ދުވަސް ފަހުން ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެ އަދަދަކީ 10 މިލިއަން ރުފިޔާއެވެ. ތަފާތަކަށް މިއަންނަ 26،777 ރުފިޔާއަކީ އެއީ ޓީ-ބިލު ގަންނަ ފަރާތްތަކަށް ލިބޭ ޖުމްލަ ފައިދާއެވެ. މިއީ ކޮންމެ ޓީ-ބިލަކަށް ބަހާލީމަ 267.77 ރުފިޔާ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މިއީ އިންޓްރަސްޓްގެ ގޮތުގައި ސަރުކާރަށް ލިބޭ ގެއްލުމެވެ.
ބޮންޑަކީވެސް މިބާވަތުގެ އެއްޗެކެވެ. ތަފާތަކީ ބޮންޑަކީ އެއް އަހަރުން ފެށިގެން ގޮސް 30 އަހަރާއި ހަމައަށްވެސް އޭގެ މުއްދަތު ދިގުލައިގެންދާ، އާންމުކޮށް ކޮންމެ މަހަކު ނޫނީ ކޮންމެ ހަމަހުން އެއްފަހަރު ނޫނީ އަހަރަކު އެއްފަހަރު އިންޓްރަސްޓް (ކޫޕަން) ލިބޭ، ބައެއްފަހަރު މޫނުމަތީ އަގަށްވުރެ އަގުހެޔޮކޮށް ގަންނަން ލިބިފައި އަނެއްބައިފަހަރު އެއަށްވުރެ އަގުބޮޑުކޮށް ގަންނަން ލިބޭ، މުއްދަތު ހަމަވީމަ ޖުމްލަ މޫނުމަތީ އަގު ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ މާލީ އުފެއްދުމެކެވެ. ބޮންޑަކީ ދިގުމުއްދަތުގެ އެއްޗެއްކަމުން މީގެ އިންޓްރަސްޓް އާންމުގޮތެއްގައި ބޮޑެވެ.
Comment