Advertisement

ކޯޓު ބޭރުގައި ފުލުހުންނާއި އިމްރާން ހާންގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގައިފި

19 މާރިޗު 2023 - 16:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިމްރާން ހާންގެ ސަޕޯޓަރުން ކޯޓު ބޭރުގައި. -- ފޮޓޯ: އީޕީއޭ


ކޯޓު ބޭރުގައި ފުލުހުންނާއި އިމްރާން ހާންގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގައިފި

19 މާރިޗު 2023 - 16:20 0

ފުލުހުންނާއި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގުމުން ކޯޓުގައި ތާވަލްކުރި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އިމްރާން ހާންއާ ދެކޮޅަށް ޝަރީއަތް ހިންގަނީ ދައުލަތަށް ލިބުނު ހަދިޔާ ވިއްކައިގެން ފައިދާ ހޯދި ކަމަށް ތުހުމަތުކޮށްފަ އެވެ. އެމަނިކުފާނު އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.

ފުލުހުން ބުނީ އިސްލާމްއާބާދް ކޯޓު ކައިރީގައި އިމްރާން ހާންގެ ސަޕޯޓަރުން ގާ އުކުމުން ރައްދުގައި ކަރުނަ ގޭސް ޖެހި ކަމަށެވެ.

އަޑުއެހުން ކެންސަލް ކުރުމާ އެކު އިމްރާން ހާން ވަނީ ލާހޯރްގައި ހުންނަ ގެއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ގޭގައި ނެތް ވަގުތު ފުލުހުން ވަނީ ގެ ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފަ އެވެ.

އިމްރާން ހާން ވިދާޅުވީ އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ނަމަވެސް ކޯޓު އަޑުއެހުމަށް ހާޒިރުވާން ނިންމީ "ގާނޫނުގެ ވެރިކަން ނަގަހައްޓަން" ބޭނުންވާތީ ކަމަށެވެ.

އެމަނިކުފާނު ރޮއިޓާޒް ނޫހަށް ވިދާޅުވީ ހައްޔަރުކޮށްފި ނަމަ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ކަންކަން ކުރިއަށް ގެންދަން ކޮމިޓީއެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި އިމްރާން ހާން ހައްޔަރު ކުރަން ކޯޓުން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ގެ ކައިރިއަށް ސަޕޯޓަރުން އެއްވުމުން ހައްޔަރު ކުރެވޭ ގޮތެއް ނުވި އެވެ.

އެންމެ ފަހުން ފުލުހުން އެ އޮޕަރޭޝަން ހުއްޓާލީ ލާހޯރްގައި ކުރިއަށްދާ ކްރިކެޓް މުބާރާތުގެ ސެކިއުރިޓީއަށް ހުރަސް އެޅިދާނެތީ އެވެ.

އުމުރުން 70 އަހަރުގެ އިމްރާން ހާން ވެރިކަމުން ދުރުކުރީ މިދިޔަ އެޕްރީލް މަހު އެވެ. އޭގެ ފަހުން ޕާކިސްތާނު ވަނީ ސިޔާސީ ގޮތުން ހަލަބޮލިވެފަ އެވެ.