Advertisement

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 100 މީޓަރު ރޭސް ކާމިޔާބުކުރީ ރިއްފަތު އާއި އަހްނާ

18 މާރިޗު 2023 - 14:41 0

ސާއިދު ސްޕޯޓްސްގެ ރިއްފަތު (މ) ރޭސް ނިންމަނީ.--- ފޮޓޯ: އަބްދުﷲ އިޔާން


އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: 100 މީޓަރު ރޭސް ކާމިޔާބުކުރީ ރިއްފަތު އާއި އަހްނާ

18 މާރިޗު 2023 - 14:41 0

މިހާރު ކުރިއަަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ އިވެންޓުން އެއް ވަނަ އާދަމް ރިއްފަތާއި އަހްނާ ނިޒާރު ހޯދައިފި އެވެ.

މިދިޔަ އަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ރޭސް ކާމިޔާބުކުރި ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވެ އެވެ.

ހިމްނާ އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ތަނަވަސްކޮށްދިން 2024 ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގައި ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. އަދި ސާއިދު އަންނަނީ އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުރުސަތެއްގައި ބެންގަލޫރުގައި ޓްރެއިނިން ހަދަމުން އަންނަ އެތުލެޓިކްސް ޓީމާ އެކު، އެ ގައުމުގައި ބާއްވާ މުބާރާތެއްގައި ވާދަކުރަން ތައްޔާރުވަމުންނެވެ.

އިއްޔެ ބޭއްވި އަންހެނުންގެ 100 މީޓަރު ދުވުމުގެ އިވެންޓްގެ ތެރެއިން އަހްނާ ރޭސް ނިންމަނީ.--- ފޮޓޯ: އަބްދުﷲ އިޔާން


ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އެއް ވަނަ ސާއިދު ސްޕޯޓްސްގެ ރިއްފަތު ހޯދީ 11.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޭހުގެ ފަހު 20 މީޓަރު އަނިޔާގައި ހުރެގެން ދުވުނު، ޒުވާން އެތުލީޓު، ރައުހަތު ސްޕޯޓްސްގެ އިބްރާހިމް ނާހިލް ނިޒާރު އިވެންޓް ނިންމީ 11.58 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ނުޖޫމް ހަސަންގެ ޓައިމިން އަކީ 11.70 ސިކުންތެވެ.

އަންހެން ބައިން އެއް ވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ އަހްނާގެ ޓައިމިން އަކީ 12.72 ސިކުންތެވެ. ކްލަބް ރާވެރިޔާގެ ހައްވާ މުޒްނާ ފާއިޒު ދެ ވަނަ އަށް ދިޔައީ 12.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ވަނަ އަށް ދިޔަ ރައުހަތު ސްޕޯޓްސްގެ އައިމިނަތު ލަޔާނާ މުހައްމަދުގެ ޓައިމިން އަކީ 13.20 ސިކުންތެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު ހަވީރާއި މާދަމާ ހެނދުނު އަދި ހަވީރު ވެސް އިވެންޓްތައް ކުރިއަށްދާނެ އެވެ.