Advertisement

ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ދޭން ތުރުކީގެ ރުހުން ދީފި

18 މާރިޗު 2023 - 14:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފިންލޭންޑްގެ ރައީސް (ކ) އަދި ތުރުކީގެ ރައީސް. -- ފޮޓޯ: ޝަޓާސްޓޮކް


ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ދޭން ތުރުކީގެ ރުހުން ދީފި

18 މާރިޗު 2023 - 14:19 0

އެމެރިކާ އިސްވެ އޮވެ ހިންގާ އަސްކަރީ ކޯލިޝަން ނޭޓޯގެ މެމްބަރުކަން ފިންލޭންޑަށް ދޭން ތުރުކީއިން އެއްބަސްވެއްޖެ އެވެ.

ފިންލޭންޑުން ޓެރަރިސްޓުންނަށް އެއްބާރުލުންދޭ ކަމަށް ބުނެ، ނޭޓޯގެ މެމްބަރުކަން އެ ގައުމަށް ދިނުމާ ދެކޮޅަށް ތުރުކީއިން ވަކާލާތު ކުރާތާ މަސްތަކެއް ވެއްޖެ އެވެ.

ހުކުރު ދުވަހު އަންކާރާގައި އޮތް ޕްރެސް ކޮންފެރެންސެއްގައި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ފިންލޭންޑަށް ތައުރީފުކޮށް ވިދާޅުވީ ތުރުކީގެ ސެކިއުރިޓީ ވަރުގަދަ ކުރަން "ހަރުދަނާ ފިޔަވަޅުތަކެއް" އަޅައިފި ކަމަށެވެ.

ނޭޓޯ ފުޅާކުރެވޭނީ އެ ކޯލިޝަންގެ ހުރިހާ މެމްބަރު ގައުމެއްގެ ރުހުން ލިބިގެންނެވެ. ތުރުކީގެ ރުހުން ލިބުމާ އެކު ފިންލޭންޑަށް ދެން އޮތް ހުރަހަކީ ހަންގޭރީ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ ތެރޭގައި ހަންގޭރީގެ ޕާލަމެންޓުން ގޮތެއް ނިންމާނެ އެވެ.

ތުރުކީއިން ރުހުން ދީފައިވާ އިރު، އެކަން ރަސްމީކޮށް ފާސްކުރުމަށް ތުރުކީގެ ޕާލަމެންޓުގައި ވެސް ވޯޓެއް ނަގާނެ އެވެ.

ރަޝިއާއާއެކު ބޯޑަރު ހިއްސާކުރާ ފިންލޭންޑާއި ސްވިޑަންއިން ނޭޓޯގެ މެމްބަރުކަން ހޯދަން އެދި ހުށަހެޅީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މިދިޔަ މޭ މަހު އެވެ.

ފިންލޭންޑަށް ތުރުކީގެ ރުހުން ލިބުނު ނަމަވެސް، ސްވިޑަންއަށް އަދިވެސް ރުހުމެއް ނުލިބެ އެވެ. ހުކުރު ދުވަހު ޕްރެސް ކޮންފެރެންސްގައި ވެސް އުރުދުގާން ވިދާޅުވީ ސްވިޑަންއިން "ކުރުދީ ޓެރަރިސްޓުންނަށް" އެހީވާ ކަމަށެވެ.