Advertisement

"ޖުރެސިކް ޕާކް" ގެ އެކްޓަރު ސޭމް ނީލް ކެންސަރުން ރަނގަޅުވެއްޖެ

19 މާރިޗު 2023 - 07:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

"ޖުރެސިކް ޕާކް" ފިލްމުގެ މަންޒަރެއް. -- ފޮޓޯ: ޔުނިވާސަލް ޕިކްޗާޒް


"ޖުރެސިކް ޕާކް" ގެ އެކްޓަރު ސޭމް ނީލް ކެންސަރުން ރަނގަޅުވެއްޖެ

19 މާރިޗު 2023 - 07:59 0

"ޖުރެސިކް ޕާކް" ގެ އެކްޓަރު ސޭމް ނީލްއަށް ކެންސަރު ޖެހި ރަނގަޅުވެފައިވާކަން ހާމަކޮށްފި އެވެ.

އުމުރުން 75 އަހަރުގެ ނީލްއަށް ޖެހުނީ "ނަން ހޮޖްކިން ލިމްފޯމާ" ކެންސަރެވެ. އެ ބަލީގެ ތިން ވަނަ މަރުހަލާއަށް ގޮސްފައިވާކަން އެނގުނީ 2022 ވަނަ އަހަރުގެ މާޗް މަހު އެވެ.

ނީލްގެ ކަރުގައި ގޮށްލާފައި ހުރިކަން އެންމެ ފުރަތަމަަ އެނގުނީ މިދިޔަ އަހަރު "ޖުރެސިކް ވޯލްޑް ޑޮމިނިއަން" ޕްރޮމޯޓްކުރަން ޓުއާއެއްގެ ތެރޭގައި އުޅެނިކޮށެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ނީލް ބުނީ ކެންސަރު ޖެހިފައި ހުރިކަން އެނގުމުން މަސައްކަތް ނުކުރެވި، ހިޔާލުތަކުން ދުރުވުމަށް ލިޔަން ފެށި ކަމަށެވެ.

ނީލްގެ ހަޔާތުގެ މައްޗަށް ލިޔުނު ފޮތް "ޑިޑް އައި އެވާ ޓެލް ޔޫ ދިސް؟" ގައި އޭނާ ވަނީ 50 އަހަރުވީ ދިގު ކެރިއަރާ ގުޅޭ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ފޮތުގައިވާ ގޮތުން ކީމޯތެރަޕީގެ ފަރުވާއާ އެކު ބޮލުން އިސްތަށި ފާބައި ތުނބުޅި ވެސް އެއްކޮށް ގޮސް "މީހާގެ ސިފަ ގެއްލުނު" ކަމަށެވެ.

"ނަން ހޮޖްކިންސް ލިމްފޯމާ" އަކީ އެހާ އާއްމު ކެންސަރެއް ނޫނެވެ. އެއީ ހަށިގަނޑުގެ "ލިމްފެޓިކް" ނިޒާމް ނުވަތަ ނާރުތަކުގައި އުފެދޭ ކެންސަރެކެވެ.

"ދަ ޕިއާނޯ" އަދި "ޕީކީ ބްލައިންޑާޒް" ޓީވީ ޝޯއިން ފެނުނު ނީލްގެ ކެންސަރު މިހާރު ރަނގަޅުވެފައިވާ އިރު، އޭނާގެ ވިސްނުން ހުރީ ޕޮޒިޓިވްކޮށެވެ.

ނީލް ބުނީ "ޑިޑް އައި އެވާ ޓެލް ޔޫ ދިސް؟" އަކީ ކެންސަރާ ބެހޭ ފޮތެއް ނޫން ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ދިމާވި "މަޖާ އަދި އާދަޔާ ހިލާފު" ކަންކަން ކިޔައިދޭ ފޮތެއް ކަމަށެވެ.

ފޮތުގައިވާ ގޮތުން ކެންސަރު ރަނގަޅުވި ނަމަވެސް، އަދިވެސް ކީމޯތެރަޕީ ފަރުވާ ކުރިއަށް ގެންދަން ޖެހެ އެވެ. އެހެން ނަމަވެސް ހަށިގަނޑުގައި ހުރި ޓިޔުމަރުތައް ގޮސްފައިވާ ކަމަށް ނީލް ލިޔެފައިވެ އެވެ.

ހަތްދިހައަށް ވުރެ ގިނަ ފިލްމުން ފެނިފައިވާ ތަރި ބުނީ އަދިވެސް އިތުރު މަސައްކަތް އެބަ ހުރި ކަމަށާއި އޮސްޓްރޭލިއާގައި އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.