Advertisement

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އައިނީ އަށް ޑިސްކަސް އުކުމުން ގައުމީ ރެކޯޑް

18 މާރިޗު 2023 - 12:20 0

އަންހެނުންގެ ޑިސްކަސް އުކުމުގެ ގައުމީ ރެކޯޑް މުގުރާލި އައިނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ/ އެތުލެޓިކްސް އެސޯސިއޭޝަން


އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އައިނީ އަށް ޑިސްކަސް އުކުމުން ގައުމީ ރެކޯޑް

18 މާރިޗު 2023 - 12:20 0

މިހާރު ކުރިއަށްދާ އެތުލެޓިކްސްގެ 10 ވަަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އައިޝަތު އައިނީ މުހައްމަދު ޑިސްކަސް އުކުމުން އަންހެނުންގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ފެށި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަންހެނުންގެ ޑިސްކަސް އުކުމުން އެއް ވަަނަ ހޯދައި، އައިނީ ރެކޯޑް މުގުރާލީ 29.99 މީޓަރު ދުރަށް އެއްލައިގެންނެވެ. އިއްޔެގެ އިވެންޓްގައި ދެ ވަނަ ހޯދި އަައިޝަތު ޝާޔާ ޝަފީގު ވަނީ 26.24 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި ތިން ވަނަ އަށް ދިޔަ އައިޝަތު ނަޝާ ނަހުޝަން އަށް އެއްލުނީ 21.55 މީޓަރަށެވެ. މި ތިން އެތުލީޓުންނަކީ ވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓުންނެވެ.

ރާއްޖޭން ބޭރުގައި މި ވަގުތު ޓްރެއިނިން ހަދަމުން އަންނާތީވެ، ގައުމީ ލެވަލްގެ ގިނަ އެތުލީޓުންތަކެއް ނެތި މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، އާ އެތުލީޓުންނަށް މަތީ ވަނަ ހޯދަން ވަނީ ފުރުސަތު ފަހިވެފަ އެވެ. އެ ގޮތުން، ގިނަ އަދަދެއްގެ މީޓް ރެކޯޑްތަކެއް މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިހާތަނަށް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެ ގޮތުން، 4 ގުނަ 400 މީޓަރުގެ މެޑްލީ ރިލޭގެ އަންހެން ބައި، 4:24.30 އިން ނިންމައިގެން، ކްލަބް ރާވެރިޔާ އިން ވަނީ މީޓް ރެކޯޑެއް ހަދައިފަ އެވެ. ފިރިހެނުންގެ ޑިސްކަސް އުކުމުން، 29.74 މީޓަރަށް އެއްލައިގެން، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން ވަނީ މީޓް ރެކޯޑެއް ހަދައިފަ އެވެ. ފަނަރަ އަހަރުން ދަށުގެ އަންހެނުންގެ މެޑްލީ ރިލޭގައި ނަސީރު ސްޕޯޓްސް އެކެޑަމީން މީޓް ރެކޯޑެއް ހެދީ 2:46.20 އިން ޕްރިލިމިނަރީ ބުރު ނިންމައިގެންނެވެ.

އަންހެނުންގެ ޖެވަލިން އުކުމުން ކްލަބް ރާވެރިޔާގެ އައިޝަތު ޝައިމް އަޒީޒް މީޓް ރެކޯޑް ހެދީ 26.13 މީޓަރު ދުރަށް އެއްލައިގެންނެވެ. އަންހެނުންގެ 15 އަހަރުން ދަށުގެ ޖެވަލިން އުކުމުން މީޓް ރެކޯޑް ހެދި ހާފިޒު އަހުމަދު ސްކޫލްގެ އައިޝަތު ސާހީ ޝާހިދު ވަނީ 17.40 މީޓަރު ދުރަށް އެއްލައިފަ އެވެ. ފިރިހެނުންގެ ޖެވަލިން އުކުމުން މީޓް ރެކޯޑް ހެދީ ޓްރެކް އެންޑް ފީލްޑްގެ މާހިލް މުހައްމަދު ލުތުފީ އެވެ. އޭނާ ވަނީ 42.50 މީޓަރު ދުރަށް އެއްލައިފަ އެވެ.

މީގެ އިތުރުން، 5000 މީޓަރު ދުވުމުގެ ފިރިހެން ފައިނަލުން އެއް ވަނަ ހޯދި، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ވަނީ 16:01.27 މިނިޓުން ރޭސް ނިންމައި، މީޓް ރެކޯޑެއް ހަދައިފަ އެވެ. ފަޒީލް އަންނަނީ ނަސީރު ސްޕޯޓްސް އެކެޑަމީން ދިން ފުރުސަތެއްގައި ސްރީ ލަންކާގައި ތަމްރިީނު ހަދަމުންނެވެ.