Advertisement

މައިކްރޯސޮފްޓް ކޯޕައިލެޓް؛ އަނެއްކާވެސް އޮފީސް މަސައްކަތްތަކަށް އިންގިލާބެއް

19 މާރިޗު 2023 - 06:07 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މި ޓޫލްގައި ޓެކްސްޓް ޕްރޮމްޕްޓެއް ދިނުމުން އޮޓޮމެޓިކަލީ ކޮންޓެންޓް ތައްޔާރުކޮށްދޭ


މައިކްރޯސޮފްޓް ކޯޕައިލެޓް؛ އަނެއްކާވެސް އޮފީސް މަސައްކަތްތަކަށް އިންގިލާބެއް

19 މާރިޗު 2023 - 06:07 0

މައިކްރޯސޮފްޓުން އެކުންފުނީގެ އޮފީސް ސޫޓްގެ ސޮފްޓްވެއާތަކުގައި ބޭނުންކުރެވޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލެއް ތައާރަފުކޮށްފި އެވެ.

"ކޯޕައިލެޓް"ގެ ނަން ދީފައިވާ އޭއައި ޓޫލް ތައާރަފުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެ ކުންފުނިން ބޭއްވި "ފިއުޗާ އޮފް ވޯކް" އިވެންޓުގަ އެވެ. މައިކްރޯސޮފްޓް 365 ގައި ހިމެނޭ ސޮފްޓްވެއާތައް ކަމުގައިވާ ވޯޑް، އެކްސެލް، ޕަވަޕޮއިންޓް އަދި އައުޓްލުކްގައި ބޭނުންކުރެވޭ މި ޓޫލްގައި ޓެކްސްޓް ޕްރޮމްޕްޓެއް ދިނުމުން، އަމިއްލައަށް ކޮންޓެންޓް ތައްޔާރުކޮށްދެ އެވެ.

އެގޮތުން ވޯޑްގައި މި ޓޫލް ބޭނުންކޮށްލައިން ބޮޑެތި ޑޮކިއުމަންޓްތައް ތައްޔާރުކޮށްލެވިދާނެ އެވެ. އަދި ޕަވަޕޮއިންޓްގައި ޕްރެސެންޓޭޝަނެއް ތައްޔާރުކޮށްލާ، އެކި ކަހަލަ ޑިޒައިންތަކާއި އެނިމޭޝަންތައް "ކޯޕައިލެޓް" ގެ އެހީގައި ކުރެވޭނެ އެވެ.

މީގެ އިތުރުން އެއް ސޮފްޓްވެއާ އާއި އަނެއް ސޮފްޓްވެއާ ގުޅުވާލައިގެން ވެސް މަސައްކަތްކޮށްލެވޭނެ އެވެ. އެގޮތުން އެކްސެލް ޝީޓެއްގައި ހުރި މައުލޫމާތު ވޯޑް ޑޮކިއުމަންޓަކަށް ނުވަތަ ޕްރެސެންޓޭޝަނަކަށް ފަސޭހަކަމާއެކު ބަދަލުކޮށްލެވޭނެ އެވެ.

މައިކްރޯސޮފްޓުން ބުނެފައިވަނީ މިކަމުގެ ސަބަބުން އެތައް ބައެއްގެ މަސައްކަތްތައް ހަލުއިވެގެން ދާނެ ކަމަށާއި އެހެން މަސައްކަތްތަކަށް ހޭދަކުރަން ލިބޭ ވަގުތު އިތުރުވެގެން ދާނެ ކަމަށެވެ.

އެކުންފުނިން ވަނީ "ކޯ ޕައިލެޓް" ބޭނުންކުރެވޭ ބައެއް މަސައްކަތްތައް ދައްކުވައިދޭ ޑެމޯ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

"ކޯޕައިލެޓް" ގެ ޑެމޯ ވީޑިއޯ


މައިކްރޯސޮފްޓުން ބުނެފައިވަނީ މިވަގުތު ކުރިއަށް ދަނީ "ކޯޕައިލެޓް" ޓެސްޓުކުރުމުގެ މަރުހަލާތައް ކަމަށާއި އެގޮތުން 20 ކުންފުންޏަކަށް "ކޯޕައިލެޓް"ގެ އެކްސެސް ދީފައިވާ ކަމަށެވެ. ކުރިއަށް އޮތް މަސްތަކުގައި އާންމުނަށް މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

"ކޯ ޕައިލެޓް" އިއުލާންކުރުމާއެކު ސޯޝަލް މީޑިއާގައި ވަނީ މި ޓެކްނޮލޮޖީއަށް ވަރަށް ހޫނު ތަރުހީބެއް ލިބިފަ އެވެ. އަދި މައިކްރޯސޮފްޓްގެ ހިއްސާގެ އަގު ވަނީ ހަތަރު އިންސައްތަ އުފުލިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ލޯންޗްކުރުމާއެކު ލިބުނު ތަރުހީބުގެ ބޮޑުކަމުން، ބޮޑެތި ޓެކް ކުންފުނިތަކުން ވަނީ އޭއައި އަށް ހާއްސަ ސަމާލުކަމެއް ދޭން ފަށައިފަ އެވެ. އެގޮތުން މައިކްރޯސޮފްޓް އިން ވަނީ ޗެޓްޖީޕީޓީ އުފެއްދި ކުންފުނި "އޯޕެން އޭއައި" 10 ބިލިއަން ޑޮލަރަށް ގަނެފަ އެވެ. އެ ޓެކްނޮލޮޖީ މިހާރުވަނީ އެކުންފުނީގެ ސާޗް އިންޖީން "ބިންގް" ގައި ބޭނުންކުރެވޭ ގޮތް ހަދައިފަ އެވެ.

އޭއައިއަށް ލިބެމުންދާ މަގުބޫލުކަން ފެނި މައިކްރޯސޮފްޓާއި ވާދަވެރި ގޫގުލް އިން ވެސް ދަނީ އޭއައި ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުން ނެވެ. އެގޮތުން ގޫގުލް އިން ވަނީ "ބާޑް" ގެ ނަން ދީފައިވާ އެކުންފުނީގެ އަމިއްލަ ޗެޓް ބޮޓެއް ތައްޔާރުކޮށްފަ އެވެ. އަދި ހަމަ މި ހަފުތާ ތެރޭ ވަނީ "ކޯ ޕައިލެޓް"އާއި ދާދި އެއްގޮތް "މެޖިކް ވޯންޑް" ފީޗާއެއް ގޫގުލް ޕްލެޓްފޯމްތަކަށް ތައާރަފުކޮށްފަ އެވެ.