Advertisement

ހާލަތު ބަދަލުނުކުރެވުމުން ޕެލަސް ކޯޗުކަމުން ވިއެރާ ވަކިކޮށްފި

17 މާރިޗު 2023 - 19:50 0


ހާލަތު ބަދަލުނުކުރެވުމުން ޕެލަސް ކޯޗުކަމުން ވިއެރާ ވަކިކޮށްފި

17 މާރިޗު 2023 - 19:50 0

ލަންޑަން (މާޗް 17) - ކްރިސްޓަލް ޕެލަސްގެ ކޯޗުގެ މަގާމުން 18 މަސް ދުވަހަށް ފަހު، ފްރާންސްގެ ޕެޓްރިކް ވިއެރާ ވަކިކުރަން އެ ކްލަބުން ނިންމައިފި އެވެ.

ޕެލަސްގެ ކޯޗުގެ މަގާމުން، ވިއެރާ، 46، ވަކިކުރީ ޓީމުގެ ހާލަތު ބަދަލުކުރަން ދިން ހުރިހާ ފުރުސަތެއްގައި ވެސް އެކަން ނުކުރެވުމުންނެވެ. އެ ގޮތުން، ޕެލަސް އިން އެންމެ ފަހުން ކުޅުނު 12 މެޗުގައި ވެސް މޮޅެއް ލިބިފައިނުވެ އެވެ. އަނެއްކޮޅުން، ލީގުގައި އެންމެ ފަހުން ޕެލަސް ކުޅުނު މެޗުގައި ވަނީ 1-0 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. މިއީ ޖެހިޖެހިގެން އެ ޓީމު ބަލިވި ތިން ވަނަ ލީގު މެޗެވެ.

މިދިޔަަ ސީޒަން ފެއްޓުމުގެ ކުރިން، ޕެލަސްގެ ކޯޗުކަމާ ހަވާލުވެ، ވިއޭރާ ވަނީ އެ ޓީމު ގޮވައިގެން މިދިޔަ ސީޒަނު ލީގުގެ 12 ވަނައިގައި ނިންމައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި ޕެލަސް އަށް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިދިނެވެ.

އެކަމަކު، މި ސީޒަން ފެއްޓިގެން، އެއް ލެވަލެއްގައި ޓީމުގެ ކުޅުން ނުދެމެހެއްޓުމުގެ އިތުރުން، ނަތީޖާ ނެރުމުގައި ވެސް އެކަށޭނެ ވަރަށް ކަންކަން ނުކުރެވުނެވެ.

މި އަހަރު ފެށި ފަހުން ލީގުގެ 20 ޓީމަށް ބަލާއިރު ވެސް އެންމެ ނަތީޖާތަށް ދަށީ ޕެލަސްގެ ކަމަށްވާތީ، އެންމެ ފަހުން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމީ ވިއެރާ ވަކިކޮށް އާ ކޯޗަކާ އެކު ކުރިއަށްދިއުމަށެވެ.

"ވަރަށް އުނދަގޫ ނިންމުމެއް ހަގީގަތުގައި މިއީ، އެކަމަކު، ކްލަބް މިހާރު މި އޮތް ހާލަތުން ބަދަލުވާން ޖެހޭ މަގާމެއް ކޯޗުގެ މަގާމަކީ، ކްލަބްގެ ބޯޑަށް އެ ގޮތަށް ފެންނާތީ، ޕެޓްރިކް ވަކިކުރަން ނިންމަން ޖެހުނީ،" ޕެލަސްގެ ޗެއާމަން ސްޓީވް ޕެރިޝް ވިދާޅުވި އެވެ.

ޕެލަސް އޮތީ ލީގުގެ 12 ވަނައިގަ އެވެ. އެއީ، 27 މެޗުން 27 ޕޮއިންޓާ އެކު އެވެ. ރެލިގޭޝަން ޒޯނާ ޕެލަސްއާ މި ވަގުތު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ލީގުގައި ދެން ޕެލަސް ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި ކުޅޭނީ އެއް ވަނައިގައި އޮތް އާސެނަލާ އެވެ.