Advertisement

އާސެނަލާއި ލިވަޕޫލް ބަލި، ލީގުގެ ރޭހުގައި ސިޓީ ފެޔަށް

15 އޭޕްރީލް 2024 - 03:43 0


އާސެނަލާއި ލިވަޕޫލް ބަލި، ލީގުގެ ރޭހުގައި ސިޓީ ފެޔަށް

15 އޭޕްރީލް 2024 - 03:43 0

ލަންޑަން (އޭޕްރީލް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ލިވަޕޫލް ކުޅުނު މެޗުތަކުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލީގުގެ ރޭހުގައި ކުރިއަށް ޖެހިލަން ފުރުސަތު ފަހިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވީ ކްރިސްޓަލް ޕެލަސް އަތުން 1-0 އިންނެވެ. އާސެނަލް ބަލިވީ އެސްޓަން ވިލާ އަތުން 2-0 އިންނެވެ.

މި ނަތީޖާތަކަށް ފަހު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 32 މެޗުން ވަނީ 73 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން 71 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އެޓަލަންޓާ އަތުން ބަލިވި ލިވަޕޫލް ވަނީ ޕެލަސް އަތުން ވެސް ބަލިވެ، އަމިއްލަ ދަނޑުގައި ތިން ދުވަސް ތެރޭ ދެ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. މި މެޗުގައި ޕެލަސްގެ ގޯލު ޖަހައިިދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެބްރެޗީ އެޒޭ އެވެ.

ލިވަޕޫލަށް އެއްވަރުކޮށްދޭން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ގޮތުން، ޑާވިން ނޫނޭޒް އާއި މުހައްމަދު ސަލާހު، ކާޓިސް ޖޯންސް އަދި ޑިއޯގޯ ޖޮޓާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. މީގެއިން ބައެއް ފުރުސަތުތަކުގައި ޖެހި ބޯޅަތައް ޕެލަސްގެ ގޯލުގައި ހުރި، އިނގިރޭސި ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

އާސެނަލް ދަނޑުގައި ވިލާ އިން ގޯލުތައް ޖެހީ، މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ހަ ވަރަކަށް މިނިޓް ތެރޭގަ އެވެ. އެ ގޮތުން، މެޗުގެ 84 ވަނަ މިނިޓްގައި ވިލާގެ ލެއޯން ބެއިލީ އެ ޓީމަށް ކުރިހޯދައިދިންއިރު، އޭގެ ތިން މިނިޓް ފަހުން، އޮލީ ވަޓްކިންސް ވަނީ ގޯލެއް ޖަހައި، ވިލާ އަށް އިތުބާރު ހޯދައިދީފަ އެވެ.

ވިލާގެ ކޯޗު އުނާއި އެމެރީ އަކީ ކުރިން އާސެނަލްގެ ކޯޗެވެ. އެމެރީ އެންމެ ފަހުން، އާސެނަލާ ދެކޮޅަށް ނުކުތް ހަތް މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ފަހަރަކު އެވެ.

މި މޮޅާ އެކު، ވިލާ އޮތީ 33 މެޗުން 63 ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނައިފަ އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 32 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި، ފުލަމް ވަނީ 2-0 އިން މޮޅުވެފަ އެވެ.