16 މާރިޗު 2023 - 18:20 0
އަހުމަދު އާއިދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ވިދާޅުވީ މި އިސްލާހުގެ މަގުސަދަކީ މީޑިއާތަކަށް ހުރަސް އެޅުން ނޫން ކަމަށް - ފޮޓޯ: ރައީސް އޮފީސް
16 މާރިޗު 2023 - 18:20 0
އަންނަ ރިޔާސީ އިންތިހާބު ކަވަރު ކުރަން ހަރަކާތްތެރިވެވޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ނޫސްވެރިންނަށް ކަމަށް ބުނެ، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ސަރުކާރުން ދިފާއުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ސިސްޓަމެޓިކްކޮށް، މީގެ ކުރިން ނޫސްވެރިންނަށް ނުލިބޭ ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށެވެ.
"ތިބޭފުޅުން އެ ބިލް ރަނގަޅަށް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ މީގެ ކުރިން ނޫސްވެރިންނަށް ނުލިބޭ ފުރުސަތުތަކެއް ވެސް ލިބިގެންދާނެ. އިނގިވަޑައިގަންނަވާނެ އިންތިހާބާ ބެހޭ މަރުކަޒުތަކާއި ވޯޓުލާ މަރުކަޒުތަކުގައި އާންމު ރައްޔިތުންނަށް ނުލިބޭ އެކްސެސް މީޑިއާތަކަށް ލިބިގެން އެބަދޭ، އެއިން އެއްވެސް ކަމެއް އެއްވެސް ވަރަކަށް ހަނިކުރަނީއެއް ނޫން،" މިއުވާން ވިދާޅުވި އެވެ.
އޭގެ އިތުރުން، އީސީއިން ބޭރުގެ މީޑިއާތަކަށް ވެސް އަންނަ ރިޔާސީ އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މީގެކުރިން ވެސް ބޭރުގެ މީޑިއާތަކުން ރާއްޖޭގެ އިންތިހާބުތައް ކަވަރުކުރި ފަދައިން އެ ފުރުސަތު ލިބިގެންދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
"އެއްގޮތަކަށްވެސް މީޑިއާތަކަށް ހުރަސްއެޅުމެއް ނޫން މީގެ [އިސްލާހު ހުށަހެޅުމުގެ] ނިޔަތަކީ،" އޭނާ ވިދާޅުވި އެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒެވެ. ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓާ ކުރަން ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް ނޫސްވެރިންނަށް" ކަމަށެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ދެ ޖަމްއިއްޔާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބު ބޯމަތިވެފައި އޮއްވައި، ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ހާމަކަން ބޮޑުކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.
އޭގެ އިތުރުން އެ އިސްލާހު ބަދަލުކުރުމަށް ނުވަތަ އަނބުރާ ގެންދިއުމަށް ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިންވެސް ވަނީ މިއަދު ގޮވާލާފަ އެވެ.
އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމުގެ ގާބިލުކަން ހަނިކޮށް ރާއްޖޭގެ އާންމު އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ޑިމޮކްރެޓިކް އުސޫލުތަކާއި އާންމުންނަށް މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް ބުރޫއަރާނެ ކަމަށެވެ.
Comment