16 މާރިޗު 2023 - 17:15 0
އަހުމަދު އާއިދު
ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު: އެ އިދާރާއިން ބުނީ އެތަނަށް ހުށަހަޅާ ހުރިހާ މައްސަލައެއް ވެސް ބަލައި ތަހުގީގު ކުރާނެ ކަމަށް -- ފޮޓޯ: ސީއެމްޑީއޭ
16 މާރިޗު 2023 - 17:15 0
ރަޖިސްޓަރީނުކޮށް ހިންގާ އެކި ސްކީމްތަކަށް އިންވެސްޓުކޮށްގެން މާލީ ގެއްލުންވާ ފަރާތްތަކުން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އަށް މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން އެދެފި އެވެ.
ސީއެމްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީނުކޮށް ސްކީމްތައް ހިންގުމަކީ މަނާކަމެއް ކަމަށް އަންގާ ގެއްލުން ލިބިފައިވާ އިންވެސްޓަރުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމަށް މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށެވެ.
ކުރިން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް ސީއެމްޑީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްސަލަތައް ތަހުގީގުކުރަމުން ގެންދާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ. އަދި އެފަދަ ސްކީމްތަކުން ގެއްލުމެއް ލިބިފައިވާނަމަ މި މަހު 30 ގެ ކުރިން [email protected] މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ވެސް އެ އޮތޯރިޓީއިން ވަނީ އަނެއްކާ ވެސް އެދިފަ އެވެ.
މިދިޔަ އަހަރުގެ އިއުލާނާ ގުޅިގެން ސީއެމްޑީއޭއަށް ހުށަހެޅުނީ ކިތައް މައްސަލަ ކަމެއް އަދި ބަލަމުން ދަނީ ކިތައް މައްސަލަ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ފައިސާގެ އެކި ސްކީމްތައް ހަދައިގެން އާންމުންގެ އަތުން ފައިސާ ހޯދުން އާންމުވެފައިވާއިރު މިދިޔަ އަހަރު ސީއެމްޑީއޭ އިން އިއުލާން ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނިން ފޮރެކްސް ޓްރޭޑިންގެ ނަމުގައި އެތައް ސަތޭކަ މީހުންގެ އަތުން ފައިސާ ނެގި ސްކީމްގެ މައްސަލަ ފެންމަތިވި ހިސާބުންނެވެ.
އެ ސްކީމް ގެ މައްސަލަ މަދަނީ ތަހުގީގެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނައިރު، ފުލުހުން މިހާތަނަށް ބުނެފައިވާ ގޮތުގައި މިހާތަނަށް އެ އިދާރާއިން ހޯދި ހޯދުންތަކުން، ފޮރެކްސް ޓްރޭޑިން ވިޔަފާރިއަށް ކަމަށް ބުނެ ކިންގްސްއިން ވަނީ 1864 އިންވެސްޓަރެއްގެ އަތުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް އެނގިފައިވެ އެވެ.
އޭގެ އިތުރުން، އިންވެސްޓަރުންނަށް ޕޭއައުޓުގެ ގޮތުގައި ދީފައިވަނީ 39 މިލިއަން ރުފިޔާ ކަމަށާއި ދޭން ޖެހޭ ފައިސާގެ ތެރެއިން 65 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުދޭކަން ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
އެ ތަހުގީގު ހިނގަމުން ދަނިކޮށް އަލްހާންގެ ކުންފުނިން ވަނީ އާ ސްކީމްއެއް އުފައްދާ އިސްތިހާރުކުރަން ފަށާފަ އެވެ. އެ ސްކީމް ސްކީމެއް ހުއްޓުވަން އިދާރާތަކުން ފިޔަވަޅު އަޅާފައިނުވާތީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment