Advertisement

ގިނަ ކްލަބްތަކެއް އެއް ވިޔަފާރިއެއްގެ ކޮންޓްރޯލްގައި އޮތުން ގޯސް: ޔުއެފާ

16 މާރިޗު 2023 - 11:07 0


ގިނަ ކްލަބްތަކެއް އެއް ވިޔަފާރިއެއްގެ ކޮންޓްރޯލްގައި އޮތުން ގޯސް: ޔުއެފާ

16 މާރިޗު 2023 - 11:07 0

ލަންޑަން (މާޗް 16) - ގިނަ ކްލަބްތަކެއް އެއް ވިޔަފާރިއެއްގެ ކޮންޓްރޯލްގައި އޮތުމަކީ އޭގެ ނޭދެވޭ އަސަރުތަކެއް ފުޓްބޯޅަ އަށް ކުރާނެ ކަމެއް ކަމަށް ޔުއެފާގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަން ތައްޔާރުވަމުން އަންނަ ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.

ޗެފެރިން، މި ގޮތަށް ވިދާޅުވީ މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ ބޭންކް، ކިއުއައިބީގެ ޗެއާމަން، ޝެއިހް ޖަސީމް ބިން ހަމަދު އަލް ތާނީ އާއި އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް ކޮށްފައިވާ ބިޑާ ބެހޭގޮތުން ދެއްކެވި ވާހަކައިގަ އެވެ. ޖިމް ރެޓްކްލިފް އަކީ ފްރެންޗް ކްލަބް ނީސްގެ ވެސް ވެރިޔާ އެވެ. އަދި ޝެއިހް ޖަސީމް، ޔުނައިޓެޑް ގަންނަން ބިޑްކޮށްފައިވާއިރު، އޭނާގެ ޑީލްގެ ފަހަތުގައި ހުރީ ޕީއެސްޖީގެ ރައީސް، ގަތަރުގެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ، ނާސިރު އަލް ހަލީފާ އެވެ.

ގެރީ ނެވިލްގެ "ދި އޯވަލެޕް" ޝޯ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޗެފެރިން ވިދާޅުވީ އެއް ވެރިޔެއްގެ ބާރު ހިނގާގޮތަށް ޔުއެފާގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ދެ ކްލަބެއް ނޫނީ އެއް ބައެއް އަތުގައި ގިނަ ކްލަބެއްގެ މެޖޯރިޓީ ކޮންޓްރޯލް އޮތުމަކީ އިންސާފުގެ މަގުން ކަންކަން ދިއުމަށް އޮތް ހުރަހެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ގަވާއިދުގައި މިހާރު ވެސް އެބަހުރި އެކަން އެ ގޮތަށް ނުކުރެވޭނެ ހާލަތްތަކެއް، މިސާލަކަށް އެއް ވެރިޔެއްގެ ކޮންޓްރޯލް އެއްވެސް ސިފައެއްގައި އޮންނަ ދެ ކްލަބަކަށް ޔުއެފާގެ މުބާރާތެއްގައި ނުކުޅެވޭނެ، އެކަމަކު، ގައުމުތަކުގެ މި ގަވާއިދުތައް ހުރީ އެ ގައުމެއްގެ ލީގު ބޯޑުން ކަނޑައަޅާފައިވާ ގޮތަށް، އަހަރެން ދެކޭ ގޮތުގައި އެއް ބައެއްގެ އަތުގައި ގިނަ ކްލަބެއްގެ ކޮންޓްރޯލް އޮތުން ގޯސް،" ޗެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޓްބޯޅައިގެ މާލީ ކަންކަމާ ބެހޭ ތަޖުރިބާކާރުންނާ އެކު ޔުއެފާ އިން މަޝްވަރާތަކެއް ކުރާނެ ކަމަށާއި އަދި މި ކަމުގައި އޮތް ހައްލަކާ ހަމައަށް ވީ އެންމެ އަވަހަށް ދިއުން ވަރަށް މުހިންމު ކަމަށެވެ.

"ފުޓްބޯޅައިގައި ވަރަށް އަވަހަށް ކަންތައްތައް ހިނގާ. އެހެންވީމަ، ބަދަލުވާން ޖެހޭ ކަންކަން ވެސް ވަރަށް އަވަހަށް ބަދަލުވެގެން، މީގެ އެންމެނަށް ރަނގަޅު ހައްލުތަކެއް ހޯދޭނީ،" ޗެފެރިން ވިދާޅުވި އެވެ.

މި ވަގުތު އެއް ގްރޫޕަކުން އެންމެ ގިނަ ފުޓްބޯޅަ ޓީމު ކޮންޓްރޯލް ކުރަނީ، މެންޗެސްޓާ ސިޓީ ހިންގާ، ސިޓީ ފުޓްބޯލް ގްރޫޕާއި ރެޑްބުލް ގްރޫޕް އެވެ.

ސިޓީ ގްރޫޕްގެ ދަށުން ހިއްސާ އޮވެގެން ހިންގާ ޔޫރަޕްގެ ހަތަރު ގައުމެއްގެ ޓީމު އެބައޮތެވެ. އެއީ އިނގިރޭސިވިލާތުގައި މެންޗެސްޓާ ސިޓީ އާއި ސްޕެއިނުގައި ޖިރޯނާ، ބެލްޖިއަމްގައި ލޯމެލް އެސްކޭ އަދި ފްރާންސްގައި ޓްރޯޔެސް (އެސްޓާކް) އެވެ. ދެން، އެ ގްރޫޕުން ހިންގަނީ، އެމެރިކާގައި ނިއުޔޯކް ސިޓީ، އޮސްޓްރޭލިއާގައި މެލްބާން ސިޓީ، ޖަޕާނުގައި ޔޮކޮހާމާ މެރީނޯސް، އުރުގުއޭގައި މޮންޓެވީޑޯ ސިޓީ، ޗައިނާގެ ސިޝުއާން ޖިއޫނޫ، އިންޑިއާގެ މުމްބާއީ ސިޓީ އަދި ބޮލީވިއާގެ ކްލަބް ބޮލިވާ އެވެ.

ރެޑްބުލް ގްރޫޕުން ހަތަރު ޓީމެއް ހިންގަ އެވެ. އެއީ އޮސްޓްރިއާގައި ހިންގާ ރެޑްބުލް ސަލްޒްބާގް، ޖަރުމަނުގައި ހިންގާ އާރްބީ ލައިޕްޒިގު، އެމެރިކާގައި މަޝްހޫރު، ނިއުޔޯކް ރެޑްބުލްސް އަދި ބްރެޒިލްގައި ރެޑްބުލް ބްރަގަންޓީނޯ އެވެ.