Advertisement

ނޫސްވެރިންގެ ދައުރު ހަނިކުރާ މާއްދާ އިސްލާހުކުރަން ސީޕީޖޭން ގޮވާލައިފި

16 މާރިޗު 2023 - 10:38 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން؛ އިންތިހާބުތަކުގައި ނޫސްވެރިންގެ ދައުރު ހަނިކުރާތީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: އަވަސް އޮންލައިން


ނޫސްވެރިންގެ ދައުރު ހަނިކުރާ މާއްދާ އިސްލާހުކުރަން ސީޕީޖޭން ގޮވާލައިފި

16 މާރިޗު 2023 - 10:38 0

އަންނަ ރިޔާސީ އިންތިހާބު ކަވަރު ކުރަން ހަރަކާތްތެރިވެވޭނީ ހަމައެކަނި ރެޖިސްޓާ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށް ބުނެ، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަދަލުކުރުމަށް ނުވަތަ އަނބުރާ ގެންދިއުމަށް ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމުގެ ގާބިލުކަން ހަނިކޮށް ރާއްޖޭގެ އާންމު އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ޑިމޮކްރެޓިކް އުސޫލުތަކާއި އާންމުންނަށް މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް ބުރޫއަރާނެ ކަމަށެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން މިނިވަންކަމާއި ރައްކާތެރިކަމާއެކު ނޫސްވެރިންނަށް ރިޕޯޓު ކުރެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ.

މި އިސްލާހާ ގުޅިގެން އެ ޖަމިއްޔާއިން ސަރުކާރުގެ ބަހެއް ހޯދުމަށް ސީޕީޖޭން ކުރި މަސައްކަތުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ޖަވާބު ދީފައި ނުވާ ކަމަށް ސީޕީޖޭން ބުނެފައިވެ އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ. ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް ނޫސްވެރިން" ކަމަށެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ދެ ޖަމްއިއްޔާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބު ބޯމަތިވެފައި އޮއްވައި، ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ހާމަކަން ބޮޑުކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

"އިންތިހާބު މޮނީޓާކުރަން މީޑިއާއަށް އޮންނަ ފުރުސަތު ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ އިންތިހާބެއްގެ ނަޒާހަތްތެރިކަމާއި ސައްހަ ކަމާމެދު ސުވާލު އުފައްދަން ފުރުސަތު އިތުރުވެ، އިންތިހާބަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނޭ،" އެ ބަޔާނުގައި ވެއެވެ.

ދެ ޖަމިއްޔާގެ ނޫސްބަޔާނުގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ އިންތިހާބުތައް ކަވަރު ކުރުމަށް ބޭރުގެ މީޑިއާތަކާއި، ފްރީލާންސް ނޫސްވެރިނަށް އޮތް ފުރުސަތުތައް ގެއްލިގެންދާނެ ކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް އިސްލާހުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، އެ ޖަމްއިއްޔާތަކުން ވަނީ، ގާނޫނަށް އިސްލާހު ގެންނައިރު، އިންތިހާބުގެ ސައްހަކަން ކަށަވަރުކުރަން މަސައްކަތްކުރާ ޖަމިއްޔާތަކާއި، މީޑިއާތައް އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ގޮވާލާފަ އެވެ.