ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީދސް
ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގައި އެ ކުންފުނިން ނިންމި ތިން ވަނަ އެއާޕޯޓު ކަމަށާއި އަމާޒަކީ މި ދައުރުގައި އިތުރު ތިން އެއާޕޯޓެއް ނިންމުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވާއިރު، މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 ގަ އެވެ.
މި ވެރިކަމުގައި އެމްޓީސީސީން ހޯރަފުށި، މާވަރުލު އަދި ފަރެސްމާތޮޑާ އެއާޕޯޓު ނިންމާފައިވާއިރު، ނިންމުމުގެ މަސައްކަތް ކުރަނީ މުލި، ފ. މަގޫދޫ އަދި އަލިފުށީ އެއާޕޯޓެވެ.
މ. މުލީ އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޓީސީސީ
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ މުލީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އެޕްރީލް މަހު ފަށާނެ ކަމަށާއި ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުން ފަށާނީ ޖޫން މަހުގައި ކަމަށެވެ. އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅަން ފަށާނީ އޯގަސްޓު މަހަށެވެ.
"އަޅުގަނޑުމެން ހިތްވަރާއެކު، މަސައްކަތް ކުރަމުން މި ގެންދަނީ، މަނިކުފާނުގެ މި ދައުރުގެ ތެރޭގަ، މި ދެންނެވި ތިން އެއާޕޯޓު ވެސް، ނިންމަން. އެ ޔަގީންކަން މަނިކުފާނަށް އަޅުގަނޑު އަރުވަން. އެ ތިން އެއާޕޯޓު މި ދައުރުގެ ތެރޭގާ ހުޅުވިގެންދާއިރު، މަނިކުފާނު ވެވަޑައިގަންނަވާނީ، އެއް ދައުރެއްގެ ތެރޭގައި، ހަ އެއާޕޯޓު ތަރައްގީކޮށް ހުޅުވާ ދެއްވާ ފުރަތަމަ ރައީސަށް،" އާޒިމް ވިދާޅުވި އެވެ.
މި އެއާޕޯޓުތަކުގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ދިއްލުމަށްޓަކައި ކުރާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އަންނަ މަހު އަދި، ފަރެސްމާތޮޑާ އެއާޕޯޓު ކޯޒްވޭ ޖުލައި މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު އެއް އަހަރުތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު މެންގެ ގާބިލް ޓީމުން، މިއިން ކޮންމެ އެއާޕޯޓެއް އަދި ޕްރޮޖެކްޓެއް، ނިންމުމުގެ މަސައްކަތް، މިހާތަނަށް ކޮށްދީފަ، އަދި ކޮށްދެމުން، މި ގެންދަނީ، މިއީ ގައުމީ މަސައްކަތެއް ކަމަށް ދެކި، އެހާމެ ޝައުގާއި ފަހުރާއި އުފަލާއެކު. ރައީސްގެ މި ދައުރުގައި އެމްޓީސީސީން ޖުމްލަކޮށް ކޮންމެ އެގާރަ ދުވަހަކުން، ޕްރޮޖެކްޓެއް ނިންމާފައިވާކަން، މި ފާހަގަކޮށްލަނީ ވެސް، ހަމަ އެހާމެ ފަހުރުވެރިކަމާއެކު،" އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް އެމްޓީސީސީން ކުރިއަށް ގެންދާއިރު، އާޒިމް ވިދާޅުވީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިގުތިސާދުގައި 100 މިލިއަން ޑޮލަރަށްވުރެން ގިނަ ފައިސާ، މިހާތަނަށް ހިފެހެއްޓިފައި ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment