Advertisement

އިމްރާން ހާން ހައްޔަރު ކުރަން އުޅުމުން ބޮޑު ހަމަނުޖެހުންތަކެއް ހިނގައިފި

16 މާރިޗު 2023 - 08:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިމްރާން ހާން ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ރޮއިޓާޒް


އިމްރާން ހާން ހައްޔަރު ކުރަން އުޅުމުން ބޮޑު ހަމަނުޖެހުންތަކެއް ހިނގައިފި

16 މާރިޗު 2023 - 08:22 0

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ހައްޔަރު ކުރަން އުޅުމުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ހައްޔަރު ކުރަން ހިންގި އޮޕަރޭޝަން މެދުކަނޑާލައި ފުލުހުން ދިޔުމާ އެކު، އިމްރާން ހާން ވަނީ ގެއިން ނިކުމެ، ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

ލާހޯރް ސިޓީގައި އިމްރާން ހާން ވަނީ ދިރިއުޅުއްވާ ގެ ކައިރިއަށް ޖަމާވި މީހުންނާ މުހާތަބުކޮށް ވާހަކަ ދައްކަވައި، ފޮޓޯ ނަންގަވައިފަ އެވެ.

އެ ސަރަހައްދުގެ ވީޑިއޯއެއް އާއްމުވެފައިވާ އިރު، އިމްރާން ހާން ހުންނެވީ ގޭސް މާސްކެއް އަޅުއްވައިގެންނެވެ. ގަޑިއިރުތަކެއް ކުރިން އެ ތަނުގައި ހިނގި ހަމަނުޖެހުމުގައި ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ.

އޮފިޝަލުން ބުނީ އިމްރާން ހާން ހައްޔަރު ކުރަން މަސައްކަތް ކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ އޮޕަރޭޝަން މެދުކަނޑާލީ ކައިރި ހިސާބެއްގައި އޮތް ކްރިކެޓް މުބާރާތަކަށް ފުރުސަތު ދިނުމަށެވެ.

ޕާކިސްތާން ސުޕާ ލީގް (ޕީއެސްއެލް) ގެ ފައިނަލް އޮތީ މާޗް 19 ގަ އެވެ. ބެލެވޭ ގޮތުގައި އަލުން އޮޕަރޭޝަން ފަށާނީ އޭގެ ފަހުންނެވެ.

މީގެ ކުރިން 2009 ވަނަ އަހަރު ސްރީލަންކާގެ ކްރިކެޓް ޓީމަށް އަމާޒުކޮށް ބަޔަކު ބަޑިން ހަމަލާ ދިން ހާދިސާއަށް ފަހު ހަ އަހަރު ވަންދެން ބައިނަލްއަގްވާމީ އެއްވެސް ކްރިކެޓް މުބާރާތެއް ޕާކިސްތާނުގައި ނުބާއްވަ އެވެ.

ބައިނަލްއަގްވާމީ ކުޅުންތެރިން ޕާކިސްތާނަށް ދާން އެއްބަސްވީ ވެސް އޭގެ އަހަރުތަކެއް ފަހުންނެވެ. އެހެންވެ، މިހާރު ކުރިއަށްދާ ޕީއެސްއެލްއާ ދިމާކޮށް ސެކިއުރިޓީ އޮތީ ވަރުގަދަކޮށްފަ އެވެ.

އުމުރުން 70 އަހަރުގެ އިމްރާން ހާން ވެރިކަމުން ދުރުކުރީ މިދިޔަ އެޕްރީލް މަހު އެވެ. އެމަނިކުފާނަށް ތުހުމަތު ކުރަނީ ދައުލަތަށް ލިބުނު ހަދިޔާތައް ވިއްކައި ފައިދާ ނެންގެވި ކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.