މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތެރެއިން؛ ނަތީޖާ އިއުލާނު ކުރާނީ މިމަހު 30ގައި -- ފޮޓޯ: އަދަދު
މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ މާޗު 30 ގައި އިއުލާން ކުރާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ، ބޯހިމެނުމުގެ މައުލޫމާތުގެ ތެރެއިން ފުރަތަމަ އާންމުކުރާނީ އަސާސީ މައުލޫމާތު ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ އިދާރީ ފެންވަރުގައި ނެގިފައިވާ އާބާދީ، ގޭބިސީ އަދި ބޯހިމެނުމުގެ ލިސްޓިން އިން ނެގުނު ތަންތަނުގެ އަދަދެވެ.
އާބާދީގެ ތެރޭގައި ދިވެހިންގެ އަދަދާއި ބިދޭސީންގެ އަދަދުގެ އިތުރުން ޖިންސާއި އުމުރުފުރާގެ މައުލޫމާތު ހިމެނޭއިރު، ގޭބިސީ ތެރޭގައި ގޭބިސީގެ އަދަދު އަދި އެވްރެޖުކޮށް ގޭބިސީއެއްގައި އުޅޭ މީހުންގެ އަދަދު ހިމެނޭނެ އެވެ.
ބޯހިމެނުމުގެ ލިސްޓިން އިން ނެގުނު ތަންތަނުގެ ތެރޭގައި އިމާރާތްތައް، މީހުން ނިދާ، ދިރިއުޅޭ ގެ، ފްލެޓް، ލޭބާ ކުއާޓާ އަދި މަސައްކަތް ހިންގާ ތަންތަނުގެ އަދަދު ހިމެނެ އެވެ.
ބޯހިމެނުމުގެ މައުލޫމާތު އާންމު ކުރުމުގެ ފުރަތަމަ ބުރުގައި އަސާސީ މައުލޫމާތުތައް އާންމުކުރާއިރު، ބޯހިމެނުމުގެ ޑޭޓާ ކޯޑު ކުރުމުގެ މަސައްކަތާއި، އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލު މައުލޫމާތު ވެލިޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެޓިސްޓިކަލް ބިއުރޯއިން ބުނެއެވެެ.
އެ ބިއުރޯއިން ބުނީ، އިތުރު ދާއިރާތަކުން ނަގާފައިވާ މައުލޫމާތުތައް އާންމުކުރާނީ ފަހުން ކަމަށާއި، އެ މައުލޫމާތުތައް އާންމުކުރާނެ ތާރީހުތައް ވެސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ބޯހިމެނުމުގެ އަސާސީ މައުލޫމާތުތައް އާންމުކުރާނެ ތާރީހެއް ކަނޑައަޅާފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު އައި ގައުމީ ތަފާސްހިސާބުތަކުން ދުވަހާ ގުޅިގެން ސްޓެޓިސްޓިކަލް ބިއުރޯއިން ވަނީ ބައެއް މައުލޫމާތުތައް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ބޯހިމެނުމުގައި އޮކްޓޯބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ހޯދުނު ބައެއް މައުލޫމާތުތައް ހިމެނެ އެވެ.
ސްޓެޓިސްޓިކަލް ބިއުރޯއިން ބުނީ، އޮކްޓޯބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ 335،331 ދިވެހިންނާއި، 97،164 ބިދޭސީން ގުނިފައިވާ ކަމަށެވެ. އެއަށްފަހު އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.
ދިވެހިންގެ އަދަދަށް ބަލާއިރު އެއީ 16،897 މީހުންގެ އިތުރުވުމެކެވެ. އަދި ބިދޭސީނަށް ބަލާއިރު 33،527 ބިދޭސީން ވަނީ އަށް އަހަރު ތެރޭ އިތުރުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment