Advertisement

ރިޔާސީ އިންތިހާބަށް އިމްރާންގެ ހިސާބު: 51 އިންސައްތަ ވޯޓާއެކު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާނެ

15 މާރިޗު 2023 - 12:23 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ސޯލިހު ޝެއިހު އިމްރާނާ ސަލާމް ކުރައްވަނީ. އިމްރާން ވިދާޅުވީ 51 އިންސައްތަ ވޯޓާއެކު ރައީސް ސޯލިހު އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް --- ފޮޓޯ؛ ރައީސް އޮފީސް


ރިޔާސީ އިންތިހާބަށް އިމްރާންގެ ހިސާބު: 51 އިންސައްތަ ވޯޓާއެކު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާނެ

15 މާރިޗު 2023 - 12:23 1

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 51 އިންސައްތަ ވޯޓު ހޯއްދަވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާ އެކު ކޯލިޝަން ނުހަދާ ޖުމްހޫރީ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ރޭ އެ ޕާޓީގެ ކައުންސިލުން ނިންމި ނިންމުމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އިމްރާން ވަނީ އޭނާ އިންތިހާބަށް ޖައްސަވާ ހިސާބު ހާމަކުރައްވާފަ އެވެ.

"އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ހިއްވަރާއެކު މަސައްކަތް ކޮށްފި ނަމަ، 9 ސެޕްޓެމްބަރުގައި ނަގާ ވޯޓުން 51.2 އިންސައްތަ އަށް ވުރެ މަތިން ކާމިޔާބު ކުރާނެ" އިމްރާން ކުރެއްވި ވިދާޅުވި އެވެ.

މިހާރުވެސް ވެރިކަންކުރާ ކޯލިޝަނުގައި އޮތް އަދާލަތު ޕާޓީއިން ވަނީ ރައީސް ސޯލިހު ކޯލިޝަން ހެދުމަށް އެދި ފޮނުއްވި ސިޓީއަށް އިޖާބަދީ އަންނަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.

އެގޮތަށް އެ ޕާޓީން ނިންމީ ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ިޔާސަތުތައް ތަންފީޒުކުރަން އެ ޕާޓީއަށް ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ބުނެ އެވެ.

އަދާލަތުގެ އިތުރުން ދެން ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިންނެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ދެން އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްއިން ކޯލިޝަން ހެދުމާ މެދު ގޮތެއް ނުނިންމަ އެވެ.

އޭގެއިތުރުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގާ ރައީސް ސޯލިހާ ވާދަކުރައްވާ ބަލިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހަދާ، ރިޔާސީ އިންތިހާބުގައި އެ ފެކްޝަނުން ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.

ނަޝީދުގެ ފެކްޝަނުން އަންނަނީ މަޖިލީހުގެ ތެރެއިން އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކު މަސައްކަތް ކުރުމަށް މަޝްވަރާކުރަމުންނެވެ.