Advertisement

ކޮވިޑަށް ފަހު ބޭރުގެ ފަތުރުވެރިންނަށް ޗައިނާ ހުޅުވާލަނީ

14 މާރިޗު 2023 - 20:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާއިން ބޭނުންވަނީ ފަތުރުވެރިކަން އަލުން ދިރުވައި އިގުތިސާދު ކުރިއަރުވަން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ކޮވިޑަށް ފަހު ބޭރުގެ ފަތުރުވެރިންނަށް ޗައިނާ ހުޅުވާލަނީ

14 މާރިޗު 2023 - 20:07 0

މީގެ ތިން އަހަރު ކުރިން ކުރިމަތިވި ކޮވިޑް ބަލިމަޑުކަމަށް ފަހު ޗައިނާއިން ފުރަތަމަ ފަހަރަށް ބޭރުގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ނިންމައިފި އެވެ.

ޗައިނާއިން ގެންގުޅުނު ހަރުކަށި ޒީރޯ ކޮވިޑް ސިޔާސަތު ދޫކޮށްލައި ފިޔަވަޅުތައް އުވާލަމުންދާ އިރު، އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް އެ ގައުމުގެ ބޯޑަރު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކޮވިޑް ފެތުރޭތީ ޗައިނާއިން އެ ގައުމުގެ ބޯޑަރު ބަންދުކުރީ 28 މާޗް 2020 ގަ އެވެ. އޭގެ ކުރިން ދޫކުރި ސައްހަ ވިސާތަކުގެ ބޭނުން ހިފައި މާޗް 15 2023 އިން ފެށިގެން އެ ގައުމަށް ދަތުރު ކުރެވޭނެ އެވެ.

އޭގެ އިތުރުން ހައިނާން ރަށާއި ޝަންހާއީގައި ކްރޫޒް ބޯޓުތަކަށް ވިސާ ނެތި އެތެރެވުމުގެ ހުއްދަ އޮންނާނެ އެވެ. ހޮންކޮންގާއި މަކާއޫގެ ޓުއާ ގްރޫޕްތަކަށް ވެސް ވިސާ ނެތި ޗައިނާގައި އުޅެވޭނެ އެވެ.

އެހެން ގައުމުތަކުގައި ހުންނަ ޗައިނާގެ ކޮންޒިއުލާ އޮފީސްތަކުން ވެސް ވިސާ ދޫކުރުމުގެ ހިދުމަތް ފަށާނެ ކަމަށް ވަނީ ނިންމައިފަ އެވެ.

ކޮވިޑްގެ ކުރިން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މީހުން ޗައިނާއަށް ޒިޔާރަތް ކުރި އެވެ. އެނެލިސްޓުން ދެކޭ ގޮތުގައި އަލުން ވިސާ ދޫކުރަން ފެށުމުން ލަސްތަކެއް ނުވެ ގިނަ ބަޔަކު ޗައިނާއަށް ދާނެ އެވެ.

ޗައިނާއިން ބުނީ މިދިޔަ އަހަރުގެ އެ ގައުމުގެ ޖީޑީޕީއަށް ލިބުނީ އެންމެ ތިން ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އެއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ލިބުނު އެންމެ ކުޑަ ކުރިއެރުމެވެ. މި އަހަރު ޗައިނާގެ އިގުތިސާދަށް ކަނޑައެޅީ ފަސް ޕަސެންޓުގެ ލަނޑުދަނޑިއެކެވެ.